English Edition
Dhivehi Edition

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވަވައިފިއެވެ.

ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުން ދާނެކަމަށާއި އަދި ރާއްޖޭގެ ރަށްތަކަށް، ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ. މި ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެގެ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

“މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއި އެކު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް އަންނަ ބަދަލުތައް، މޫސުމާއި ބެހޭއިދާރައިން އޮޅުން ފިލުވުމަށްފަހު ދަތުރުތަށް ރޭވުމަށް އިލްތިމާސްކުރަން” އެމްއެންޑީއެފުން އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ، ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރުނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވާ ކަމަށާއި އަދި ރޭގަނޑު ދަތުރުތަށް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް ވެސް އެފަރާތުން ވަނީ އިލްތިމާސްކުރައްވަވާފައެވެ.

އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.