މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 117,619 ފަތުރުވެރިން އައިސްފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އައިސްފައިވަނީ 107,620 ފަތުރުވެރިންނެވެ.
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ އިރު މި އައި ކުރިއަރަމުންދާކަކުގެ އެއް ހެއްކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވުމޭ ބުނުމުން ގޯހަކަށް ނުވާނެ އެވެ.
މުޅި އަހަރަށް ބަލާއިރުވެސް މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް އިތުރެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 1.2 މިލިއަން ފަތުރުވެރިން ނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައި އެއް މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރު ވުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަބަދުވެސް އަންނަނީ ޗައިނާއިންނެވެ. މިދިޔަ މަހުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި އެއް ޤައުމަކީ ޗައިނާ އެވެ. ދެވަނަޔަށް އިންޑިޔާ ހިމެނޭއިރު ދެން އެންމެ ގިނައިން އައިސްފައިވަނީ ޔޫރަޕުންނެވެ.
ސަރުކާރުން ލަފާކުރާގޮތުގައި މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ އެވެ.