އަހަރީ ފީ ނުދައްކާތާ ގިނަ އަހަރުތަކެއް ވެފައިވާ 1،200 ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.
އެ މިނިސްޓްރީ އިން ބުނެފައި ވަނީ އުވައިލުމަށް ކަނޑައަޅާފައި ވަނީ 2012 އިން 2016 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، އަހަރީ ފީ ދައްކާފައިނުވާ 1،200 ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިތަކުގެ ލިސްޓު ވަނީ މިހާރު އެ މިނިސްޓްރީގެ ވެބްސައިޓުގައިވެސް ޝާޢިއުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އުވާލަން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް، އަންނަ ނޮވެމްބަރ މަހުގެ 12ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށް އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އޭގެތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، އަދި އެއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު 12 ނޮވެމްބަރގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، މިމުއްދަތުގެ ތެރޭގައި އެފަދަ ތަފްޞީލުތައް ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިމަހުގެ ކުރީކޮޅުވެސް އަހަރީ ފީ ނުދައްކާތާ ގިނަ ދުވަސްވެފައިވާ 2،700 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އެފަހަރު އުވައިލުމަށް ކަނޑައެޅީ 2007 އިން 2011 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، އަހަރީ ފީ ދައްކާފައިނުވާ 2،711 ކުންފުންޏެކެވެ.