English Edition
Dhivehi Edition

ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ. ރައީސް ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޖަޕާނަށް ކުރެއްވި މި ދަތުރު ފުޅަކީ ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ޖަޕާން ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ފައެވެ. އެގޮތުން ރައީސް ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެއެވެ.

ޖަޕާނަކީ ދިވެހިރާއްޖެ މިހާރު މިދެކޭ ތަރައްގީގައި އެތައް ރޮނގަކުން އެހީތެރިވެދީފައިވާ ޤައުމެކެވެ. އެގޮތުން ޖަޕާނުން ރާއްޖެއަށް އެހީތެރިވެފައިވާ ދާއިރާ ތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުގެ އެހީގައި ހިންގާފައިވާ އެކި މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.