English Edition
Dhivehi Edition
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ހުސެއިން ވަހީދު - ފޮޓޯ: ވީނިއުސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ހުސެއިން ވަހީދަށް ލިބިފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަށް ރައްދު ދެއްވައި، ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ ކަމަށް ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

“އަޅުގަނޑު އަދި ދުވަހަކުވެސް ހަށި ވިއްކާފައެއް ނުވާނެ. ބޭކާރު ވާހަކަ ނުދައްކާ”، އެ ޕޯސްޓްގައި ވަހީދު ވިދާޅުވެފައި ވެއެވެ.

ވަހީދު ވިދާޅުވީ ލިޔަން ބޭނުން މީހާކު ލިޔާނެ އެއްޗެއް، ލިޔަން ބޭނުން ގޮތަކަށް ލިޔުމާއި ބުމުގެ މިނިވަންކަމުގެ ނަމުގައި ލިޔަންވީ ކަމަށާއި، މިހާތަނަށްވެސް އުޅުއްވީ އިސް އުފުއްލަވައިގެން ކަމަށާއި، ދެންވެން އުޅުއްވާނީ އިސް އުފުއްލަވައިގެން ކަމަށެވެ.

“ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ. ކިޔާނެ އިތުރު ވާހަކައެއް ނެތިއްޔާ އެމްޑީއެން ބޭން ކުރާ ވާހަކަ ލިޔުނިއްޔާ ރައްޔިތުން މާ އުފާވާނެ. އަޅުގަނޑު ލައްވައި ސިޔާސީ ކުޅި ކުޅުވަން ނުހައްދަވާ”، ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މާތްﷲ ގަންދީ ކުރެއްވި ހުވާ މަތީ އިރާދަފުޅުކުރެއްވިއްޔާ އަބަދުވެސް ހުންނަވާނެ ކަމަށެވެ.

ވަހީދު މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުން ބުނީ އެމްއެމްޕީއާރުސީ ގެ ތެރެއިން ހިންގި ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާތީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާތީ އެކަމުގައި ޝާމިލުވާ ފުލުހުންގެ އަދަދު ހާމަކުރަން ދަތިކަމަށާއި އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.