English Edition
Dhivehi Edition

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.

މީގެ އިތުރުންވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް، ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް:

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް:

މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް:

މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.