English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: ރާއްޖެއެމްވީ

ވައިމަގުން ރާއްޖެއައި ފިރިހެނެއްގެ އަތުން 4.67 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ވައިމަގުން ބްރެޒިލް އިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން ކަމަށެވެ.

އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއައި އެ މީހާއާއި މެދު ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 4.67 ކިލޯއަށް އަރާއިރު، އެތަކެތީގެ މަގުމަތީ އަގު 16،327،913 (ސޯޅަ މިލިއަން ތިންލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތޭރަ) ރުފިޔާއަށް އަރާ ކަމަށެވެ.

އަދި މި މައްސަލައިގައި ޝާމިލްވާ މީހާއާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.