English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ ބައިގެ މަސައްކަތު ފެންވަރުދަށްކަމަށް ބުނެ ރައްޔަތުންގެ ޝަކުވާތަކާއެކު އެ މަސައްކަތް އަލުން ކުރުމަށް ހެލްތް މިނިސްޓްރީން އަންގައިފިއެވެ.

މީގެ ދެތިން ދުވަސް ކުރިން މީދޫގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ ޝަކުވާތަކާއެކު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އަކާއި ގުޅިގެން މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެންގޮސް އެ ކަންތައް ބެލުމަށް މީދޫދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މިނިސްޓްރީގައި އެދި ވަޑައިގެންފައެވެ.

ފެންވަރު ދަށް ގަލުން ރޭނި ފާރު ތަޅާލައި އަލުން ރާނަން މިހާރު އަންގާފައިވާއިރު އެއްބަސްވުމާ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް މަސައްކަތް ކުރިއަށް ނުގެންދާ ނަމަ، ފައިސާ ނުދައްކާނެ ކަން ވެސް އެ ކުންފުންޏަށް މިހާރު މިނިސްޓްރީން އަންގައިވަކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ މައްސަލަ ސަމާލުކަމަށް ގެނައި މީހާ އަށް ޝުކުރު އަދާކޮށް ރޮޒައިނާ ވިދާޅުވީ ރަށުގެ ރައްޔިތުން މިކަންކަމަށް ދޭ ސަމާލުކަން މިއީ މިފަދަ ކަންކަން ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ރޮޒައިނާވަނީ ރަށުގައި ހިނގާ މިފަދަ މަޝްރޫއުތައް ކުރިއަށް ދާގޮތް އަވަށު އޮފީހުން ގާތުން ބަލައި ދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މިދިިޔަ ޖުލައި މަހު ފައިމީ ކޮންސްޓްރަކްޝަން ލިމިޓެޑް އާއި ހަވާލުކުރި މި ޕްރޮޖެކްޓަކީ 1.31 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 75 ދުވަހުގެ މުއްދަތެކެވެ.