English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދާއި ގުޅޭގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން، އެ މައްސަލަ ބެލުމަށްފަހު ތިން ފަނޑިޔާރުންނަށްވެސް ނަސޭހަތްތެރިވާން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީ އިން ބުނީ ނަސޭހަތްތެރިވުމަށް ނިންމީ އެ ތިން ފަނޑިޔާރުންނަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށްފަހު، އެ ކޮމިޝަންގެ ތަޙުޤީޤު ކޮމެޓީ އިން ލަފާދީފައިވާތީ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އަޅާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިންވެސް މި ތިން ފަނޑިޔާރުންނަށްވެސް ޖޭއެސްސީ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން، ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭނާ އަށް ނަސޭހަތްތެރިވުމަށްވެސް ނިންމާފައިވާއިރު، ބ. އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސުމް އަބޫބަކުރުގެ މައްސަލަ އަކާއި ގއ. ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގާ ގުޅޭ މައްސަލައެއްވެސް ބެލުމަށް ތަޙުޤީޤު ކޮމެޓީ ވަނީ އެކުލަވާލައިފަ އެވެ.