English Edition
Dhivehi Edition

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތު މިދިޔަ ޖުލައި މަހުގެ 14 އަށް ހަމަވީއިރު، އެ މުއްދަތުގެ ތެރޭގައި އެ މަޤާމަށް ތިން ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ޖޭއެސްސީގެ އާންމުންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު އަބްދުލްހަންނާނު އަހްމަދުގެ ދައުރު ހަމަވާތީ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އާންމުންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ކުރިން ޢަމަލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ ދަށުން ކަމަށެވެ.

ނަމަވެސް މިހާރު ޢަމަލުކުރަމުންދާ މަޖިލީހުގެ އާ ޤަވާއިދުގައި މަޤާމްތަކަށް އެގޮތަށް އިއުލާންކުރުމުގެ މަރުހަލާ ވަރަށް ތަފާތުކަމަށާއި، ގިނަ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެގޮތަށް ގިނަ ފަރާތްތަކަށް ކުރިމަތިލެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އިން އެދިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ރައީސްގެ ފަރާތުން އިންނަވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ބަންޑާރަ ނައިބުގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރެކެވެ.