English Edition
Dhivehi Edition
ސަރުކާރުގެ ގިނަ އިދާރާތައް ޤާއިމްކޮށްފައިވާ ވެލާނާގެ ބިލްޑިންގ - ފޮޓޯ: ފްލިކްއާރް (އިބްރާހިމް އައްސަދު)

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ “އާބިޓްރޭޝަން ރޫލްސް” މުރާޖާޢާކޮށް ބޯޑު މެމްބަރުންނަށް ލަފާދިނުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެ ކޮމިޓީގައި ހިމެނޭނީ ޖުމްލަ 10 މެމްބަރުން ކަމަށެވެ.

އެ ކޮމިޓީ އަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން 10 އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އާބިޓްރޭޝަން ދާއިރާގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެ އެވެ.

އެ ކޮމިޓީ އަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 އެވެ. އަދި އެކަމަށް އެދި ހުށަހަޅާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އާބިޓްރޭޝަން ސެންޓަރަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ޤާނޫނީ ވަކި ޝަޚުސެކެވެ. އެ ސެންޓަރުގެ ބޯޑުގައި މިހާރު ތިއްބަވަނީ ތިން މެމްބަރުންނެވެ. އެއީ ބޯޑްގެ ޗެއާމަން ކަމުގައިވާ ޝަހުދީ އަންވަރު އާއި، މެމްބަރުންގެ ގޮތުގައި ތިއްބަވާ ހުސައިން ސިރާޖު އަދި ސަފާ ޝަރީފް އެވެ.