English Edition
Dhivehi Edition

ފަސްވަނަ ބައިނަލްއަޤްވާމީ ޓީޗަރސް ކޮންފަރެންސަށް އެންމެ ގިނަ ޕޭޕަރު ހުށައަޅާފައިވަނީ އައްޑޫގެ ސްކޫލުތަކުން ކަމަށް އެންއައިއީ އިން ވިދާޅުވެއްޖެއެވެ

ސެޕްޓެންބަރު މަހުގެ 4 އިން 5އަށް ޝަރަފުއްދީން ސްކޫލުގައި ބާއްވަން ހަމަޖެހިފައިވާ އެންއައިއީގެ 5ވަނަ ބައިނަލްއަގްވާމީ ޓީޗަރސް ކޮންފަރެންސް 250 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެންއައިއީގެ ފަރާތުން ކޮންފަރެންސް ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ، އައްޑޫއިން ކޮންފަރެންސަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާ ކަމަށާއި އެގޮތުން އައްޑޫ ސީޓީ ކައުންސިލާއި އެހެނިހެން މުޢައްސަސާތަކުގެ އެއްބާރުލުން މިކޮންފަރެންސަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. މި ގޮތުން ކޮންފަރެންސަށް އައްޑޫ ޓީޗަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުހުދާ ވިދާޅުވީ މި ކޮންފަރެންސަށް އެންމެ ގިނަ ޕޭޕަރު ހުށަހަޅާފައިވަނީ އައްޑޫގެ ސްކޫލްތަކުން ކަމަށެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ކޮންފަރެންސް ހުޅުުއްވައިދެއްވާނީ ދިވެހިރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމެވެ.

އެންއައިއީ އިން ކޮންމެ ދެއަހަރުން އެއް އަހަރަކު ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސެއް ބާއްވައެވެ. މީގެކުރިން މިކޮންފަރެންސްތައް ބާއްވާފައިވަނީ މާލޭގައެވެ. އެންއައިއީ އިން މިއަހަރުގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވަން ނިންމީ ލާމަރުކަޒީ ގޮތުން އިދާރާތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމަށް ކަމަށް އެ އިންސްޓިޓިއުޝަނުންވަނީ ވިދާޅުވެފައެވެ.