މާލޭގައި ޓެކްސީ ދަތުރުކުރާ ފަރާތްތަކުން އެމީހުން ކުރާ ދަތުރުތަކުގެ އަގުތައް ވަކި މިންގަނޑެއްގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް ޑުރައިވަރުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނިކޮށް ޓެކްސީ ދަތުރުތައް އަގުބޮޑުކޮށް ކޮށްދިނުމަކީ ހުއްދަ ވާނެ ކަމައްނޫންކަމަށް މަޝްހޫރި ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިއަދު ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެކްސީ އަށް ވަކި އަގެއް ސަރުކާރުން ކަނޑައެޅީމާ އަމިއްލައަށް އަގުހަދައި، އެއަށްވުރެ އަގު ބޮޑުކޮށް ދަތުރުކޮށްދިނުމަކީ ހުއްދަ ވާނެ ކަމެއް ނޫން ކަމަށެވެ.
ޝެއިޚް ވިދާޅުވީ މާލެއިން މާލެއަށް ޓެކްސީ ދަތުރުތައް ވަރަށް ނުލިބޭ ކަމަށާއި އެހެންނަމަވެސް ހުޅުމާލެއަށާއި ހުޅުލެއަށް ޓެކްސީ ދަތުރުތައް ލިބޭ ކަމަށެވެ. އަދި ޓެކްސީ ދަތުރުކޮށްދިނުމަކީ ޚިދުމަތެއް ކަމަށް ދެނިގެން ޚިދުމަށް ދިނުމަށް ޝެއިޚް ނަސޭހަތްތެރިވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޓެކްސީ ދަތުރުތަކުގެ އަގު ވަކިވަރެއް ގައި ހިފެހެއްޓުމަށް އިއުލާނެއްވެސް ކޮށްފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ޓެކްސީ ފެއާރ ބޮޑުކަމަށް އާންމު އާންމު ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރު ތަކާއި ޓެކްސީ ޑްރައިވަރުން އަދި އަދި އާންމު ރައްޔިތުން ގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ޚިދުމަތް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެ އޮތޯރިޓީގެ އިއުލާނުގައި ވާގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ވަކި ރޭޓުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން
މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރުކުރާ އަގު ކަމަށްވާ -/25 ރުފިޔާ
މާލެ-ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ-މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުމާލެ-ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ-ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
މާލެ-ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ހުޅުމާލެ-މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
އަދި މި އަގުތަކުގެ އިތުރަށް ޓެކްސީ ތަކުގެ ޑިކީއަށް އަރުވާ އެއްޗެހިން އިތުރަށް ލާރި ނެގުން އެ އޮތޯރިޓީން ވަނީ މަނާ ކޮށްފައެވެ.