English Edition
Dhivehi Edition

މުސާރަ އާއި އިނާޔަތްތައް ކުޑަ ވުމުގެ ސަބަބުން ދިވެހި ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ޤާބިލު މުވައްޒަފުން ހޯދުމަށް ވަރަށްބޮޑަށް ދަތިވެފައިވާކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ. އިއްޔެ ފާހަގަ ކުރި ސިވިލް ސަރވިސް ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ސިވިލް ސަރވިސްގެ ޙަޔާތުގައި 9 އަހަރު ފާއިތުވެގެން ދިޔައިރު، ދިމާވެފައިވާ ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ވަޒީފާގެ ބާޒާރާ އަޅާބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ މުސާރާއާއި އިނާޔަތްތައް ކުޑަވުން ކަމަށެވެ. “މިހެންވުމުގެ ސަބަބުން ދިވެހި ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ޤާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލައެވެ.” ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެކޮމިޝަނުން އަދި ބުނެފައިވަނީ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ ރޫޙު ދިރުވައި، މޯޓިވޭޓްކުރެވޭނެ ގޮތްތަކެއް ހޯދާދެމުން ނުގެންދެވުމަކީވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. “ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މި ގޮތުން އެދެމުންދާ ކަންތައްތަކެއް އެބަވެއެވެ. މާލޭގައި މަސައްކަތްކުރާ ދަރިމައި މުވައްޒަފުންނަށް ލިބޭ މުސާރައާ އެކަށީގެންވާ މިންވަރެއްގައި، ވަޒީފާގެ ވަގުތުތަކުގައި ތުއްތު ދަރިން ބަލަހައްޓައިދޭނޭ “ޑޭކެއަރ ސެންޓަރެއް” ގެ ޚިދުމަތް ލިބުމާއި، މުސާރައާއި އެކަށޭނަ ކުރިއެރުމެއް ލިބުމާއި، އަދި ހަށިގަނޑުގެ ތަރުބިއްޔަތާއި މުނިފޫހިފިލުވުމަށް އަދި ފިލާވަޅުތައް ދަސްކޮށްލަން ހަމަހިމޭން މާހައުލެއް ލިބިދިނުމުގެ ގޮތުން ކުރިން ހުރި ފަދަ “މުވައްޒަފުންގެ ނާދީ” އެއް ފަދަ މަރުކަޒެއްގެ ޚިދުމަތް ލިބުމެވެ.” ކަމަވެސް ބުނެފައިވެ އެވެ. ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ، މި ގޮންޖެހުންތަކުން އަރައިގަތުމަށް އާ ވިސްނުމާއި މޮޅު ޙިކުމަތްތެރިކަން ބޭނުންކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ބޮޑަށް ހިފައި، މުވައްޒަފުން ހުނަރުވެރި، ޤާބިލު މީހުންނަށް ހެދުމަށްޓަކައި، މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރާ މަޝްވަރާކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ކޮމިޝަނުން ކުރިއެރުންތަކެއް ހޯދަމުންދާކަމަށްވެސް ބުނެފައިވެ އެވެ.