English Edition
Dhivehi Edition

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންކަމަށާއި އެފަދަ ސުލޫކީ މިންގަނޑެއް މިވަގުތު ޤާއިމްކުރެވިފައި ނެތްނަމަވެސް، ނަފުސާނީ ބަލި މީހުންނަށް ވީ އެންމެ ރަނގަޅަކަށް ފަރުވާދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ގޮވާލައްވަވައިފިއެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ “މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަވަމުން ފަޒްނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ ނަފްސާނީ ބަލި ތަޙައްމަލް ކުރަމުންދާމީހުންނަށް އަޅާލާ، އެމީހުންގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާމީހުން އިތުރުވަމުން ދާކަމުގެ އިޙްސާސް މިހާރު ކުރެއްވޭކަމުގައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފްސާނީ ބައްޔާމެދު މުޖްތަމަޢު ދެކޭ ގޮތް ބަދަލުވެ، ލިބެންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ފަރުވާ ހޯދުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މިއަދު ދެއްކެވި ވާހަކަފުޅުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގައި ޢަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނަފުސާނީ ބަލިތަކާބެހޭ މާހިރުންގެ މެދުގައި ވާހަކަދެކެވޭއިރު، ބަލިމީހާއަކީ ކާކުކަން ނޭނގޭނެ ގޮތަކަށް ބަލިމީހާގެ ވާހަކަ ދެއްކެވުމާއި، މީހަކަށް ދޭ ފަރުވާ މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތަކުގެ މައްޗަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

“މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގެ އޯކިޑް ކޮންފަރެންސް ހޯލްގައެވެ.

.