English Edition
Dhivehi Edition

ޓޯޓަލް ފިޓްނަސް ގްރޫޕް(ޓީއެފްޖީން) މިފަހަރު އައްޑޫގައި ބާއްވާ ކޮކާކޯލާ ރަން ގައި ބޭރުގެ އާދަޔާ ޚިލާފު ދުވުންތެރިއެއް ބައިވެރިވާނެ ކަމަށް ޓީއެފްޖީން ބުނެފިއެވެ.

މިފަހަރު އައްޑޫގައި ބާއްވާ ކޮކާކޯލާ ރަންގައި ކެނެޑާގެ ދުވުންތެރިއެއް ކަމަށްވާ މިކަލް ކެޕްރަލް ދުވުމަށް ހަމަޖެހިފައިވާކަމަށް ޓީއެފްޖީއިން ވަނީ ބުނެފައެވެ. މިކަލް ކެޕްރަލްއަކީ ދުވާއިރު ބޯޅަތަކެއް އަތުން ޖަގަލް ކުރަމުން ދުވާ މީހެކެވެ. ކެނެޑާގެ މިކަލް ކެޕްރަލް އަކީ ޖަގަލް ކުރަމުން ހާފް މެރެތަންއެއް 1 ގަޑި އިރާއި 20 މިނިޓް 40 ސިކުންތުން ނިންމައި ފުލް މެރަތަންއެއް 2 ގަޑި އިރާއި 50 މިނިޓް 12 ސިކުންތުން ނިންމައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ އަދަޔާ ޚިލާފު ދުވުންތެރިއެކެވެ.

މި ދުވުމާއި ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލަށް މައުލޫމާތު ދެމުން ޓީއެފްޖީން ބުނީ މިއަހަރުގެ އޮކްޓޫބަރު މަހު އައްޑޫގައި ބާއްވާ ދުވުމުގައި 5 ބޯޅަ އަތުން ޖަގަލް ކުރަމުން 10 ކިލޯ މީޓަރު އެންމެ އަވަހަށް ދުވި މީހާގެ ރިކޯޑް ހޯދުމަށް މިކަލް މަސައްކަތް ކުރާނެ ކަމަށެވެ.މީގެ އިތުރުން ޓީއެފްޖީން ބުނީ މިފަހަރުގެ ދުވުމުގައި މިކަލްގެ ބައިވެރިވުމާއެކު ޓީއެފްޖީ ކޮކާކޯލާ ރަން، ތަފާތު ވާނެ ކަމަށެވެ.

ކޮކާކޯލާ ރަން އިން އައްޑޫ އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ. މިދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ކުންފުނިން ދުވުމުގެ އިވެންޓްތައް ބާއްވަން ފެށީ 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގަ އެވެ. އެކަމަކު ރަން އިން މޯލްޑިވްސްގެ ނަމުގެ މި އިވެންޓްތައް 2017 ވަނަ އަހަރު އަތޮޅުތެރެއަށް ފުޅާކުރި އެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ލ. އަތޮޅުގައި ވެސް ދުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވައިރު. މިއީ މި ހަރަކާތް އައްޑޫގައި ކުރިއަށް ގެންދާ 03 ވަނަ އަހަރެވެ.