English Edition
Dhivehi Edition

މިހާރުގެ ސަރުކާރުން މިވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާ ކައުންސިލްތައް ވަނީ ކަފުންކޮށް ވަޅުލާފައި ކަމަށާއި ނަމޫނާ ދޯނީގެ ދަތުރު އަނެއްކާވެސް ކުރަންޖެހޭ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ސޯބެ ވިދާޅުވީ، ނަމޫނާ ދޯނީގެ ދަތުރު އަލުން ނުކޮށް ރާއްޖެއަށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހޯދޭނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށެވެ.

“ނަމޫނާ” ދޯންޏަކީ 2006 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު، އޭރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރިއަށްދިޔަ ފެހި ޤާނޫނުއަސާސީގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އެމްޑީޕީން މާލޭގައި ކުރާ މުޒާހަރާއެއްގައި ބައިވެރިވުމަށް އައްޑޫން މީހުން ގޮވައިގެން ދިޔަ ދޯންޏެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ސަރުކާރުން ތަރައްޤީގެ ގޮތުގައި ސިފަ ކުރާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ފެންނަމުންދަނީ ސަރުކާރުގެ މެޖޯރިޓީ ނެތް ކައުންސިލްތައް ނިސްބަތްވާ ތަންތަނުން ކަމަށެވެ. އަދި އައްޑޫ ސިޓީކައުންސިލްގައި އެމްޑީޕީގެ މެންބަރުން ތިބި ދާއިރާތަކަށް ކަންކަން ކޮށްދެވިފައިވާ ކަމަށާ، ކަންކަން ނުވެ ވަނީ އެމްޑީޕީގެ ޓިކެޓުގައި ހޮވި، ޕީޕީއެމްއަށް ބަދަލުވެވަޑައިގަތް ކައުންސިލަރުގެ ދާއިރާގައި ކަމަށް ސޯބެ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް އައްޑޫއަށް ވަޑައިގެން، ކައުންސިލަރުންނަކީ ގޮނޑި ހޫނުކުރަން ތިބޭ ބައެއް ކަމަށް ވިދާޅުވުމުން، އެއީ އައްޑޫ ސިޓީ ކައުންސިލްގައި އިންނެވި ޕީޕީއެމްގެ ކައުންސިލަރަށް ކުރެއްވި މަލާމާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ހުޅުމީދޫގައި ރޭ ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.