English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ ޤުރުއާން މުބާރާތުގެ އެއްވަނަ ސ.އަތޮޅު މަދަރަސާގެ ދަރިވަރު ލީޝް ހަމީދު ހޯދައިފިއެވެ.

އިއްޔެ ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ހަދާނީ ފިލައާއި ތަށި ވަނީ ހަވާލުކޮށްފައެވެ. މި މަހުގެ 7 ކުން 11އަށް ކުރިއަށް ގެންދިޔަ މި މުބާރަތުގެ ދެވަނަ ހޯދާފައިވަނީ އައްޑޫހައިސްކޫލުގެ ދަރިވަރު މުރުޝިދުލް އަމީން އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދާފައިވަނީ ހިތަދޫ ސްކޫލުގެ ދަރިވަރު އަޙްމަދު ދާނިޝް ޖިހާދެވެ. މުބާރާތުގައި ބައިވެރިވި 15 ސްކޫލުގެ ތެރެއިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހިރާ ސްކޫލެވެ. ދެވަނަ ހޯދާފައިވަނީ ސ.އަތޮޅު މަދުރަސާއެވެ.

އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރުން ވާދަކޮށް އެކި އުމުރުފުރާތަކުން މުޅިއެކު 91 ދަރިވަރުން ވަނީ ވަނަތައް ހޯދައިފައެވެ. 5 އުމުރުފުރާއަކުން ދަރިވަރުން ކިޔެވި މި މުބާރާތުގެ އުމުރުފުރާތަކަކީ 7 އަހަރާއި، 9 އަހަރާއި، 11 އަހަރާއި، 13 އަހަރާއި، 16 އަހަރާއި، 21 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖްވީދުގެ ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުންކަމަށެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫއަކީ ޤުރުއާން އުނގެނި ހިތުދަސް ގިނަ ހާފިޒުން ތިބި ސިޓީއެއްކަމަށެވެ.އެހެން ނަމަވެސް އަދިވެސް ރަމަޟާން މަހު ބޭރުން ހާފިޒުން ގެންނަން ޖެހޭކަމީ ޤުރުއާން އުނގެނުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމެއްކަމުގެ ހެއްކެއްކަމުގައި މޭޔަރ ވިދާޅުވިއެވެ.

މިއީ އައްޑޫ ސިޓީ ޤުރުއާން މުބާރާތް ބާއްވާ ދެވަނަ އަގަރެވެ