English Edition
Dhivehi Edition

ސ.މީދޫ ނާސާ ޚަދީޖާ ދޮންދީދީއަކީ އައްޑޫއަށް އުފަން، އައްޑޫ ފަޚުރުވެރިވާ ފަދަ އަންހެން ދަރިއެކެވެ. އިޖުތިމާއީ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ކުޅަދާނަ ކަނބަލެކެވެ. ޅެންވެރި ކަމާއި ބަހުގެ އަދަބުގެ އިތުރުން ލަވަޔާއި މިޔުޒިކް ގެ އުސްތާޛެކެވެ. ކުޅިވަރުގެ ރޮނގުގައި ވިދާލެވޭ ތަރިއެކެވެ. އަންހެނުންގެ ކޮމެޓީތަކުގައި މަސައްކަތް ކުރެއްވި ހީވާގި މެމްބަރެކެވެ. ސްކޫލުގެ ޕީޓީއޭ ގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ފޫހިކަމެއް ނެތި މަސައްކަތް ކުރެއްވި ބެލެނިވެރިއެކެވެ.

މި ހުރިހާ ޚިދުމަތަކާއެކު އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މިއަހަރު އިއުލާން ކުރި ކަނބައިދި އެވޯޑް 2016 ގެ އިޖުތިމާއީ ދާއިރާއިން ހޯއްދެވި އެވޯޑާއެކު ދޮންދީދީ އިންނެވީ އުފަލުންނެވެ. އުމުރުން އެންމެ 13 އަހަރުން ފެށިގެން ގައުމީ ރޫހުގައި ކުރި މަސައްކަތްތަކުގެ އަގު ބަޔަކު ވަޒަން ކުރީތީއެވެ.

އިޖުތިމާއީ ދާއިރާއަށް ނުކުންނެވިފަހުން ހުޅުދޫ އަދި މީދޫގައި ވެސް ދޮންދީދީ ބައިވެރި ވެ ނުލައްވަވާ އިޖުތިމާއީ އެއްވެސް ހަރަކާތެއް ކުރިއަށް ގޮސްފައެއްނުވެއެވެ. އެއީ އެރަށުގައި ބޭއްވޭ ޖަލްސާއެއް ކަމުގައި ވިޔަސް ނުވަތަ އެރަށަށް ޒިޔާރަތް ކުރައްވާ މެހްމާނުންނަށް އިސްތިގްބާލު ކުރުން ކަމުގައި ވިޔަސް މެއެވެ. ނުވަތަ އެރަށުގައި ކުރިއަށް ގެންދެވޭ ކުޅިވަރު ހަރާތްތަކާއި ސްކޫލުތަކުގެ އަދަބީ ހަރަކާތެއްވެސް ދޮންދީދީ އެކަމުގައި ހިމެނިލަައްވާ ކަމީ ދެ ރަށުގެ މީހުން ވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ.

1990 ގެ އަހަރުތަކުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ޓީޓީ މުބާރާތެއްގައި ޚަޖީޖާ ދޮންދީދީ ހޯއްދެވި ކާމިޔާބީއަށް މިނިސްޓަރ މަރުހަބާ ދަންނަވަނީ
1990 ގެ އަހަރުތަކުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ޓީޓީ މުބާރާތެއްގައި ޚަޖީޖާ ދޮންދީދީ ހޯއްދެވި ކާމިޔާބީއަށް މިނިސްޓަރ މަރުހަބާ ދަންނަވަނީ

އައްޑޫގައި ބޭއްވި ސާކު ސަމިޓުގެ އެކި ހަރަކާތްތަކަށް ހުޅުމީދޫގެ ޒުވާނުން ބައިވެރި ކުރުވުމަށާއި އެ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުމަށްޓަކައި ގައުމީ ރޫހު އުފެއްދުމަށް މެގަ ފޯނެއް ހިފައިގެން މުޅި ރަށުގައި ޖެއްސެވި ބުރުތައް ހަނދުމަ ކުރައްވަމުން ދޮންދީދީ ބުނުއްވީ މިއީ އޭނާގެ އިޖުތިމާއީ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވުނު ވަރަށް ޚާއްޞަ ހަރަކާތެއް ކަމެވެ.

1990 ގެ އަހަރު ތަކުގައި އަމިއްލަ ގޭގައި ޓީޓީ މޭޒެއް ބަހައްޓަވައިގެން ދެ ރަށުގެ ޒުވާނުންނަށް ޓީޓީ ކުޅޭނެ ފުރުސަތު ހޯއްދަވައި ދެއްވަވާ އަދި އެ ޒުވާނުންނަށް އެ ކުޅިވަރު ދަސްކޮށްދެއްވަވާ އައްޑޫގައި ބޭއްވި ޓީޓީ މުބާރާތްތަކުން ހުޅުމީދޫ އަށް ފަޚުރުވެރި އެއްވަނަ ހާސިލްކޮށް ދެއްވުވުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ހިތްވަރުގަދަ ކަނބަލަކީވެސް ޚަދީޖާ ދޮންދީދީއެވެ.

އަމިއްލަ އަށް ޓީޓީ އާއި ބަށި ކުޅުއްވަވާ އެ ކުޅިވަރުތަކުގައި މެނޭޖަރެއްގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތް ކުރެއްވެވި ދޮންދީދީއަކީ ކުޅިވަރުގެ ރޮނގުންވެސް ގިނަ ކާމިޔާބީތަކެއް ހުޅުމީދޫއަށް ހޯއްދަވައި ދެއްވެވި ކުޅަދާނަ ތަރިއެކެވެ.

އާއިލާގެ ފަރާތުން ވާރުތަވެފައި ހުރި ޅެންވެރިކަމާއި މިޔުޒިކްގެ ހުނަރާއެކު ދޮންދީދީ ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ލަވަ މުބާރާތުގައި ކިޔާނެ ލަވަ ހައްދަވާ ދެއްވަވާ އެދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދީ ކާމިޔާބު ހޯއްދަވާ ދެއްވަވާފައެވެ. މިއާއެކު މަދަހަ މުބާރާތް ފަދަ މުބާރާތްތަކަށް ވެސް ސްކޫލުތަކުގެ ދަރިވަރުން ތައްޔާރުކޮށް ދިނުމުގައި ދޮންދީދީގެ ރޯލު ވަރަށް ބޮޑެވެ.

ޓީޓީ މުބާރާތެއްގައި ޚަދީޖާ ދޮންދީދީ ކުޅުއްވަނީ
ޓީޓީ މުބާރާތެއްގައި ޚަދީޖާ ދޮންދީދީ ކުޅުއްވަނީ

 

“އައްޑޫގެ އަންހެނުންނަކީ ރާއްޖޭގެ އެހެން ހިސާބުގަނޑުގެ އަންހެނުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ހީވާގި،މަސައްކަތް ތެރި ބައެއް. ސަރުކާރުގެ ވަޒީފާތަކަށް ބަލާލިކަމުގައި ވިޔަސް ވަޒީފާ އަދާ ކުރާ އަންހެނުންގެ ތެރެއިންވެސް ގިނަވާނީ އައްޑޫގެ އަންހެނުން. ވަކިން ޚާއްޞަކޮށް މަތީ މަގާމު އަދާކުރާ އަންހެނުންގެ އަދަދު ގިނަ ވާނެ. އެކަމަކު އައްޑޫގެ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު އަދި ދުވަހަކުވެސް ބަޔަކު މިގޮތަށް ފާހަގަކޮށްފައެއްނުވޭ. އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މި ކުރެއްވެވީ ވަރަށް ރަނގަޅު ކަމެއް. މިފަދަ ގޮތަކަށް އަައްޑޫ އަންހެނުންގެ އަގު ވަޒަން ކުރަން ފެށިކަމީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް” ދޮންދީދީ ބުނުއްވިއެވެ.

އުމުރުން އެންމެ 13 އަހަރުން ފެށިގެން އިޖުތިމާއީ ހަރަކާތްތަކަށް ނުކުންނެވި ދޮންދީދީ އަށް މިހާރު 51 އަހަރު ވެފައިވާއިރު ދޮންދީދީ ބުނުއްވީ ކަނބައިދި އެވޯޑަށް ކުރިމަތި ލެއްވެވީ އަމިއްލަ ފަސްގަނޑަށް ޚިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށް އަމިއްލަ ޒަމީރަށް ވެސް ގަބޫލު ކުރެވޭތީކަމަށެވެ.

“މި އެވޯޑާ އެކު ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެން ދިޔައީ. މަސައްކަތުގެ އަގު ބަޔަކު ވަޒަން ކުރީތީ ވަރަށް އުފާވެއްޖެ” ދޮންދީދީ ބުނުއްވިއެވެ. ހަމަ ގައިމުވެސް މިފަދަ އެވޯޑެއް ނުލިބޭނެ ކަމެއް ނެތިއެއް. އެވޯޑް ލިބުނީ އެވޯޑެއް ހައްގުވާ ވަރަށް ކުރެވުނު މަސައްކަތުގެ ނަތީޖާއިން” އައްޑޫއޮންލައިން ނޫހުން ކުރި އިންޓަވިއުގައި ސާބިތު ކަމާއެކު ދޮންދީދީ ބުނުއްވިއެވެ.

ޚަދީޖާ ދޮންދީދީގެ ކާމިޔާބީއަށް އައްޑޫއޮންލައިން ނޫހުގެ ފަރާތުން އަދިވެސް މަރުހަބާ ދަންނަވަމެވެ!!