English Edition
Dhivehi Edition

2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ނިމިގެން ދިޔައީ އައްޑޫގެ ރައްޔިތުންނަށް ފަހުގެ އަހަރެއްގައި ތަޖްރިބާ ކުރަން ނުޖެހޭފަދަ ބިރުވެރިކަމަކާ ކުރިމަތި ކުރުވާފައެވެ. ސިޓީއެއްގެ ލަގަބު ލިބި އެކަމުގެ “މަސްތުގައި” ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އައްޑޫސިޓީ މީގެ 20 އަހަރު ފަހަތައް ސޮއްސާލަން މަޖުބޫރު ކުރުވި ހާދިސާއަކީ ބިރުވެރި އެހާމެ ނާމާން ކަން އެކުލެވިގެންވާ ހާދިސާއެކެވެ.

ފެބްރުއަރީ 8 ވަނަ ދުވަހުގެ މެންދުރުވަގުތު މަގުމަތީން ދަނިކޮށް ރައްޓެއްސަކާ ދިމާވެގެން މިއަދު ހަވީރު ވަރުގަދަ މުޒާހަރާއަކަށް އެމްޑީޕީން ތައްޔާރުވަމުން ދާ ކަމުގައި އޭނަ ބުންޏެވެ.

“ސަދަން ޕާކު ތެރޭގައި އިންދާ އަޑުއިވުނީ. ކޮންމެވެސް ނުބައެއް އެބައުޅޭހެން ހީވަނީ” އޭނަގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނީ މުޒާހަރާ ކުރުމާއި އެއްވެ އުޅެ ހަޅޭފަޅޭ ލެވުމަކީ މިހާާރު އާންމު ކަމަކަށް ވެފައިވާތިއެވެ.

ނަމަވެސް ސިހި ކަންބޮޑުވެ ހާސްވާން ޖެހުނީ ހަވީރު މާލޭގައި ފެށިގެން ދިޔަ ހަމަނުޖެހުން ރާއްޖެ ޓީވީން ލައިވްކޮށް ދައްކަމުން ދިޔައިރު އެއިން ފަތުރަމުން ގެންދިޔަ ޚަބަރުތަކުންނެވެ. އޭގެ ކުރީދުވަހު ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މާލޭގައި ކުރަމުން ދިޔަ މުޒާހަރާ ގައި ގިނަބަޔަކަށް ފުލުހުން ރަހުމެތްނެތް ގޮތުގައި އަނިޔާާ ކުރަމުންދާ ކަމަށާއި އެތައް ބަޔަކު ހޮސްޕިޓަލަށް ގެންދާ ކަމަށް ރާއްޖެޓީވީން ބުނަމުން ދިޔައެވެ. ހަމަ އެއާއެކު އައްޑޫގެ އަންހެނަކުވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ މަރުވެފައިވާ ކަމަށްވެސް ރާާއްޖެ ޓީވީން ބުނަމުން ދިޔައެވެ. އިރުކޮޅަކުން ރާއްޖެ ޓިވީގެ ސިގްނަލް ލިބުން ހުއްޓުނެވެ. މާާލޭގެ ހާާލަތު އެނގޭނެ ގޮތެއް ވޭތޯ ބެލުމަށް ނޫސްތައް ބަލާލި ނަމަވެސް އެފަދަ ހަބަރެއް ނެތެވެ.

އޭރު 6:30 ވަނީ އެވެ. އޭރުވެސް އައްޑޫގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާާ ކުރިއަށް ގެންދާ ކަމަށާއި މުޒާހަރާގެ ބައިވެރިން ތިބީ ގަމުގެ ފާލަން ކައިރީގައި ކަމަށް ޚަބަރު ލިބެމުން ދިޔައެވެ. ނަމަވެސް އިރުކޮޅެއް ނުވަނީސް އައްޑޫގެ އެކި ހިސާބުތަކުން އިވެން ފެށީ ނާމާން ބިރުވެރި އަޑުތަކެވެ.

“ދެންމެ މީހަކު ގުޅާފައި ބުނި މިހާރު ފުލުހުންގެ އިމާރާތުގެ ތެރެއަށް މި ވަދެގަތީއޭ. އަޅެ ކިހިނެއް ވެގެންބާ މިއުޅެނީ” ރައްޓެއްސަކު ވަރަށް ހާސްވެ ކަންބޮޑުވެފައި ހުރެގެން ފޯން ކޮށްލާފައި ސުވާލުކުރިއެވެ.

“ވަރަށް ބޮޑަށް ބިރުއެބަގަނޭ. މީހަކު ގުޅާފައި ބުނީ ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދާ ވާހަކަ. ފާލަން މަތީގައި ތިބި އެމްޑީޕީ މީހުން މިހާރު ގަމުގައި ހުރި ސިފައިންގެ އިމާރާތުގައި ރޯކޮށްލި ޚަބަރުވެސް އަޑުއެހިން” އެހެން ރައްޓެއްސަކު ގުޅާފައި ބުންޏެވެ. އޭނަގެ ފިރިމީހާ އަކީ ސިފައިންގެ މީހެކެވެ. އަދި ކޮއްކޮ އަކީ ޕޮލިހެކެވެ. ވަރަށް އަވަސް ކޮށްލާފައި އެގެއަށް ދިޔައިރު ގޭގެ އެންމެން ރޮނީއެވެ. ސިފައިންނާއި ފުލުހުން އަދި އަމިއްލަ ރަށުގެ ސަލާމަތަށް އެދި ދުއާ ކުރަނީއެވެ. ވަރަށް ހިތްދަތިވިއެވެ.

އެގެއިން ނުނިކުމެވެނީސް ޚަބަރު ލިބުނީ ގަމުގައި ހުރި ސިފައިންގެ އިމާރާތް ރޯކޮށްލައިފި ކަމަށާއި މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ ފޭދޫ އަދި މަރަދޫ ފޭދޫ އާއި ދިމާއަށް ކަމެވެ.

އެދެމެދުގައި 10 މިނެޓްވެސް ހޭދަވީ ކަމެއް ނޭނގެއެވެ. ދެން އިވުނީ އެރަށްތަކުގެ އެކިސަރަހައްދުތަކުގައި ރޯކުރުމަށްފަހު ހިތަދޫއާއި ދިމާއަށް އެމީހުން މިސްރާބު ޖަހާފައިވާ ކަމެވެ.

މަގުމަތި ނާމާން ވުމުގެ ސަބަބުން އަމިއްލަ ފުރާނައިގެ ސަލާމަތަށްޓަކައި ހުރިހާ ރައްޔިތުން އެކީގައި ކަހަލަ ގޮތަކަށް ގެތަކަށް ވަދެ ދޮރުލެއްޕިއެވެ. މަގުމަތިން ފެންނަމުން ދިޔައީ ދެކޮޅަށް ދުވަމުންދާ ފުލުހުންތަކެވެ. ފުލުހުންގެ އިމާރާތުގައި ހުރި ސަލާމަތް ކުރަން ކޮންމެހެން ޖެހޭ މުހިންމު ތަކެތި ސަލާމަތް ކުރުމުގައި އަވަދިނެތި އުޅެމުންދާތަނެވެ. ފުލުހުންނަށް ރައްކާތެރިކަމާ ހިމާޔަތް ދިނުމަށް އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެހީތެރިވަމުން ދިޔަ ތަންތަން ފެނުނެވެ. ހަމަ އެއާއެކު ފުލުހުންގެ ބައެއް ވެހިކަލްތަކުގައި އާންމު ރައްޔިތުން ދެކޮޅަށް ދުއްވަމުން ގެންދާ މަންޒަރު ފެނުމުން ހިތުގައި ސުވާލުވެސް އުފެދުނެވެ. ހަމަ އެއާއެކު ބައެއްތަންތަން ލޫޓުވާލުމުގެ މަސައްކަތް ކުރުމަށް އަވަދިނެތި އުޅުނު މަދު ބައިގަނޑެއްވެސް ފެނުނެވެ.

ގަޑިން 8:00 ވީއިރު ހިތަދޫގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކާއި ޕޮލިސް ޓްރޭނިންގް ސްކޫލްގެ އިތުރުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ކޯޓުތަކުގައި ވަނީ ހުޅުރޯކޮށްލާފައެވެ. އެކި ދިމަދިމާއިން ފެންނަމުން ދިޔައީ ރޯވެ އަދާ ހުލިވަމުން ދިޔަ އިމާރާތް ތަކެވެ. އިމާރާތް ތަކުގެ ތެރެއިން ތަކެތި ގޮވާ އަޑު އޮތީ އެއްއަޑަކަށް ފެތުރިފައެވެ. މަގުމަތީގައި މީހުން ވަރަށް މަދެވެ. ރޯވެ އަނދަމުން ދިޔަ ތަންތަނަށް ބަލަހައްޓައިގެން މިފަދަ ކަމެއް ކުރީ ކޮންބައެއްބާވައޭ ކިޔާލަ ކިޔާލާ ތިބި މަދުއަދަދެއްގެ މީހުން ފިޔަވާ އެކަކުވެސް ނެތެވެ.

ހެނދުނު އިރު އެރުމާއެކު މީހުން ކޯޅި ކޯޅިއަށް ރަށުތެރެ ބަލާލަން ނިކުތެވެ. ހަނދާނަށް އައީ މީގެ 25 އަހަރު ކުރިން އައްޑޫއަށް އައި ނަގޫރޯޅިއެއްގައި އައްޑޫ ސުންނާފަތިވެފައި އޮތް ހަނދާނެވެ. ނަމަވެސް އެއަށްވުރެ މިފަހަރު ލިބުނު ގެއްލުން މާބޮޑުކަމުގައި އެންމެންވެސް ގަބޫލު ކުރިއެވެ.

ހިތަދޫ ޒީކް ފިހާރަ ކުރިމަތީގައި ހުރި ޕޮލިސް އެކޮމޮޑޭޝަން ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ދިރިއުޅެމުންދިޔަ ފުލުހުންނަށް “އަމިއްލަ ހަށިގަނޑުގައި އޮތް ހެދުން” ފިޔަވައި އެއްވެސް އެއްޗެއް ނުލިބުނެވެ. ދިރިއުޅުމަށް އެއްކޮށްފައި ހުރި އަގުބޮޑެތި ސާމާނުތައް އަނދާ އަޅިއަށް ވެގެންދިޔައީއެވެ. ގަމުގައި ހުރި ސިފައިންގެ އިމާރާތުގައްޔާއި އެތަނުގެ ބޭރުގައި ހުރި ވެހިކަލްތަކުގައި ރޯކޮށްލުމުން ސަރުކާރުގެ މުދަލުގެ އިތުރުން އާންމު ފަރުދުން ރެއާދުވާލު އެއްކޮށް މަސައްކަތްކޮށްގެން ހޯދާފައިހުރި އަގުބޮޑެތި ކާރާއި ސައިކަލުފަދަ ތަކެތިވެސް އަލިފާނުގެ ތެރޭގައި ނެތިގެން ދިޔައީއެވެ.

ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލުމުން ހަމައެކަނި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަނުން ބަލަމުން ދިޔަ 300 އަށް ވުރެ ގިނަ މައްސަލަތަކުގެ ހުރިހާ ލިޔެކިޔުމަކާއި ހެކިތައް ގެއްލިގެން ދިޔައީއެވެ. އެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ވައްކަމާއި މާރާމާރީގެ މައްސަލަތައް އަދި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހިމެނެ އެވެ. ހަމައެއާއެކީ ކޯޓުތަކުގައި ހުޅުޖެހުމުގެ ސަބަބުން ވޭތުވެދިޔަ 60 އަހަރުގެ ލިޔެކިޔުންތައް ވަނީ އަޅިއަށް ވެފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ދައުލަތުގެ އިމާރާތްތަކާއި އާންމުންގެ މުދަލުގައި ޖެހި ހުޅާއި ތަންތަނަށް ދިން ގެއްލުން 183 މިލިއަން ރުފިޔާ އަށް އަރާއިރު އެއީ ދިވެހި ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް ސަރުކާރުން ބުނެއެވެ.

ބޮޑު ހުޅުގެ މައްސަލާގައި އައްޑޫގެ 63 މީހަކަށާއި ކައުންސިލަރަކުގެ އިތުރުން މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ބައެއްމީހުން ބުނަމުން ދަނީ އެއީ އެމްޑީޕީން ބަޔަކު ނިކުމެ އައްޑޫ ފަނާކޮށްލީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ އެދުވަހު ތަންތަނުގައި ރޯކޮށްލީ އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ވަދެގަތް އެހެން ބައިގަނޑެއް ކަމަށެވެ.

ބޮޑު ހުޅުގެ ހާދިސާއަށް އަހަރެއް ފުރޭއިރު އަދިވެސް މިފަދަ ބޮޑު ގެއްލުމެއް އައްޑުއަށް ދިނީ ކޮންބައެއް ކަމާއި މިކަމުގެ އަޑީގައިތިބި ބަޔަކު ނޭނގޭ ކަމީ ހައިރާންވާންޖެހޭ ކަމެކެވެ.