English Edition
Dhivehi Edition

2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ނިމިގެން ދިޔައީ އައްޑޫގެ ރައްޔިތުންނަށް ފަހުގެ އަހަރެއްގައި ތަޖްރިބާ ކުރަން ނުޖެހޭފަދަ ބިރުވެރިކަމަކާ ކުރިމަތި ކުރުވާފައެވެ. ސިޓީއެއްގެ ލަގަބު ލިބި އެކަމުގެ “މަސްތުގައި” ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އައްޑޫސިޓީ އޭގެ 20 އަހަރު ފަހަތައް ސޮއްސާލަން މަޖުބޫރު ކުރުވި ހާދިސާއަކީ ބިރުވެރި އެހާމެ ނާމާން ކަން އެކުލެވިގެންވާ ހާދިސާއެކެވެ. އެ ހާދިސާއަށް 10 އަހަރު ފުރުނު ދުވަސް އައްޑޫގެ ރައްޔިތުންގެ ހަނދާނަށް އަލުން ގެނުވައި ދިނީ ރޭ އައްޑޫގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެވެ!

މިފަހަރުގެ ހާދިސާގައި އިމާރާތްތައް ބިމާ ފުނޑުފުނޑުވެ މީހުންގެ މުދަލަށް ގެއްލުންވެ ސަރަކާރުގެ މުއައްސަސާތައް އަނދާ އަޅިއަށް ނުވިނަމަވެސް އައްޑޫގެ ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރަން ދަތިވެ ބޮޑު ސަރަހައްދަކަށް ފެތުރި ކަމާބެހޭ ފަރާތްތަކުން ސަމާލުކަމަށް އަންނަ ޖެހުނެވެ. ހަނދާނަށް ގެނުވީ ހަމަ “އައްޑޫ ބޮޑުހުޅެވެ.”

މީގެ 10 އަހަރު ކުރިން ހިނގި އެހާދިސާ މަތިން ހަނދާން ކޮށްލުމުން ހަނދާނަށް އަންނަނީ ހާދިސާއާއި ގުޅިގެން މަގުމަތި ނާމާން ވުމުގެ ސަބަބުން އަމިއްލަ ފުރާނައިގެ ސަލާމަތަށްޓަކައި ރައްޔިތުން އެކީގައި ކަހަލަ ގޮތަކަށް ގެތަކަށް ވަދެ ދޮރުލެއްޕި މަންޒަރެވެ. ދެކޮޅަށް ދުވަމުންދިޔަ ފުލުހުންގެ ވެހިކަލްތަކާއި ވެހިކަލްތަކުގެ ސައިރަންގެ އަޑެވެ. ފުލުހުންގެ އިމާރާތުގައި ހުރި ސަލާމަތް ކުރަން ކޮންމެހެން ޖެހޭ މުހިންމު ތަކެތި ސަލާމަތް ކުރުމުގައި ފުލުހުން އަވަދިނެތި އުޅެމުންދިޔަ ތަނެވެ. ހަމަ އެއާއެކު ފުލުހުންނަށް ރައްކާތެރިކަމާ ހިމާޔަތް ދިނުމަށް އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެހީތެރިވަމުން ދިޔަ މަންޒަރެވެ. މީގެ އިތުރުން ވަގުތުގެ ބޭނުންކޮށް ބައެއްތަންތަން ލޫޓުވާލުމުގެ މަސައްކަތް ކުރުމަށް އަވަދިނެތި އުޅުނު މަދު ބައިގަނޑުގެ މަތިންނެވެ.

އެރޭ، ގަޑިން 8:00 ވީއިރު ހިތަދޫގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކާއި ޕޮލިސް ޓްރޭނިންގް ސްކޫލްގެ އިތުރުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ކޯޓުތަކާއި ގަން ޕޮލިސް ސްޓޭޝަން ގައި ވަނީ ހުޅުރޯކޮށްލާފައެވެ. އެކި ދިމަދިމާއިން ފެންނަމުން ދިޔައީ ރޯވެ އަދާ ހުލިވަމުން ދިޔަ އިމާރާތް ތަކެވެ. އިމާރާތް ތަކުގެ ތެރެއިން ތަކެތި ގޮވާ އަޑު އޮތީ އެއްއަޑަކަށް ފެތުރިފައެވެ. މަގުމަތީގައި މީހުން ވަރަށް މަދެވެ. ރޯވެ އަނދަމުން ދިޔަ ތަންތަނަށް ބަލަހައްޓައިގެން މިފަދަ ކަމެއް ކުރީ ކޮންބައެއްބާވައޭ ކިޔާލަ ކިޔާލާ ތިބި މަދުއަދަދެއްގެ މީހުން ފިޔަވާ އެކަކުވެސް ނެތެވެ.

ޕޮލިސް އެކޮމޮޑޭޝަން ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ދިރިއުޅެމުންދިޔަ ފުލުހުންނަށް “އަމިއްލަ ހަށިގަނޑުގައި އޮތް ހެދުން” ފިޔަވައި އެއްވެސް އެއްޗެއް ނުލިބުނެވެ. ދިރިއުޅުމަށް އެއްކޮށްފައި ހުރި އަގުބޮޑެތި ސާމާނުތައް އަނދާ އަޅިއަށް ވެގެންދިޔައީއެވެ. ގަމުގައި ހުރި ސިފައިންގެ އިމާރާތުގައްޔާއި އެތަނުގެ ބޭރުގައި ހުރި ވެހިކަލްތަކުގައި ރޯކޮށްލުމުން ސަރުކާރުގެ މުދަލުގެ އިތުރުން އާންމު ފަރުދުން ރެއާދުވާލު އެއްކޮށް މަސައްކަތްކޮށްގެން ހޯދާފައިހުރި އަގުބޮޑެތި ކާރާއި ސައިކަލުފަދަ ތަކެތިވެސް އަލިފާނުގެ ތެރޭގައި ނެތިގެން ދިޔައީއެވެ.

ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލުމުން ހަމައެކަނި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަނުން ބަލަމުން ދިޔަ 300 އަށް ވުރެ ގިނަ މައްސަލަތަކުގެ ހުރިހާ ލިޔެކިޔުމަކާއި ހެކިތައް ގެއްލިގެން ދިޔައީއެވެ. އެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ވައްކަމާއި މާރާމާރީގެ މައްސަލަތައް އަދި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހިމެނެ އެވެ. ހަމައެއާއެކީ ކޯޓުތަކުގައި ހުޅުޖެހުމުގެ ސަބަބުން ވޭތުވެދިޔަ 60 އަހަރުގެ ލިޔެކިޔުންތައް ވަނީ އަޅިއަށް ވެފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ދައުލަތުގެ އިމާރާތްތަކާއި އާންމުންގެ މުދަލުގައި ޖެހި ހުޅާއި ތަންތަނަށް ދިން ގެއްލުން 183 މިލިއަން ރުފިޔާ އަށް އަރާއިރު އެއީ ދިވެހި ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް ސަރުކާރުން ބުނެއެވެ.

އެ ޙާދިސާއަށް މިއަދު މިވަނީ 10 އަހަރު ފުރިފައެވެ. އަދިވެސް އެކަމުން ލިބުނުގެ ގެއްލުމުން އަރައިގަނެވުނު ކަމަށް ނުބެލެވެއެވެ. އެ ހިތި ހަނދާންތައް އަދިވެސް ހިތްތަކުގައި އެބަހުއްޓެވެ. ހިތާމަ އަކީ މި ހިސާބަށް އައިރު އެއްވެސް ސަރުކާރަކަށް އެކަމާބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވާކަމެވެ. ހަގީގީ އިންސާފު ހޯދައި ނުދެވުނު ކަމެވެ!