English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތާ ގުޅިގެން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.

މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ، އެކަމާ އެކަމާ ގުޅިގެން، އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދެ ނަމާދު ދޭތެރޭ މިފަދަ މުހިއްމު ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ ސަގާފަތާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މި ދުވަސްވަރަކީ ހަ ރޯދަ ހިފާ ދުވަސްވަރަށް ވުމާ އެކު ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށާއި އަދި މިވަގުތު މިޖަލްސާ ބެލުމަށް ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ނުލިބިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޯމް) ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެދުވަހުގެ ޖަލްސާގައި މޯދީ ތަގުރީރުކުރައްވާ ވަގުތު ޖަލްސާ އިން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. ތޯރިގު ވިދާޅުވީ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރޭ ބޭއްވުމަކީ ރާއްޖެ ސެކިއުލާ ގައުމަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅުގެ ދަށުން ކުރައްވާ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯދީ ތަގުރީރުކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރެއަށް ތާވަލްކުރީ މަޖުބޫރު ކަމެއް ދިމާވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މިކަމަކީ ދީނާ ސިޔާސަތު ވަކި ކުރުމުގެ ވިސްނުން ގެންގުޅުންވުން ފަދަ ކަމެއް ކަމަށް ޝިޔާމު ވެސް ވަނީ ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިން، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ގޮތް ނިންމީ 80 މެންބަރުންގެ ވޯޓާއި އެކުގައެވެ.