English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށް ޓަކައި މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ބޮޑުވަޒީރު މޯދީ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުގައެވެ.

ފުލުހުން އާއްމު ކޮށްފައިވާ ޗާޓުން ދައްކާ ގޮތުން ބޮޑުތަކުރުފާނު މަގު، މަސްވެރިން ޕާކުން ފެށިގެން ގޮސް ދަތުރުވެރިން މާރުކޭޓާ ހަމައަށް ބަންދު ކުރާނެ އެވެ. އެ ނޫން ވެސް ގިނަ ސަރަހައްދުތަކެއް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

މަގުތައް ބަންދުކުރުމުގެ އިތުރުން މިރޭ 7:00 އިން އާދިއްތަ ދުވަހުގެ ރޭ 12:00 އަށް ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ބަންދު ކުރާ ސަރަހައްދާއި ގްރީން ޒޯން ސަރަހައްދުގެ އިތުރުން އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގު ހިމެނެ އެވެ.

މިއީ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ފަހުން ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިޔާ އަށެވެ.

ބޮޑުވަޒީރު މޯދީ އަލަށް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. މިފަހަރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެދުވަހަށެވެ.