English Edition
Dhivehi Edition

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމާއި މުވައްޒަފުން ނެތުމުގެ މައްސަލަ ކަމަށް އެ ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެ ހުންނެވި އަހުމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ހިންގެވުމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ވަހީދު ވިދާޅުވީ އަމާޒަކީ މި ވަގުތުން ވަގުތަށް ހޮސްޕިޓަލުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ނައްތައިލުން ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި އޭނާ އެޗްއާރްއެޗާ ހަވާލުވެވަޑައިގަތީ އެތަނާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ މުވައްޒަފުންނާއި އައްޑޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގަ އެވެ. އެހެންވެ ހުރިހާ ހިދުމަތްތައް ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެނޭޖްމަންޓް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ތަނަށް ބޭނުންވާ ތަކެތި އިންސްޓޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތް ދޭން ފެށުމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި އެޗްއާރްއެޗާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަހީދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ހޮސްޕިޓަލަށް 16 އޭސީ ހަދިޔާ ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.