English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަކީ ދުވާލަކު އެތައް ބަޔަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ހޮސްޕިޓަލެކެވެ. އެޑުމިޓްކޮށްގެންނާއި އެޑްމިމިޓް ނުކޮށެވެ. ތަފާތު އެކިބަލިތަކަށް މީހުން ގެންދަނީ އެތަނުން ފަރުވާ ހޯދަމުންނެވެ.

މިޚިދުމަތްތައް ހޯދަމުންވެސް ރައްޔިތުން ގެންދަނީ އެކިކަންކަމަށް ޝަކުވާ އޮއްސަމުންނެވެ. މިޝަކުވާތައް އައްޑު އައްސަވައި ހޮސްޕިޓަލުގެ މިސްރާބު މިހާރުހުރީ ރަނގަޅު ދިމާއަށް ޖަހާފައި ކަމަށް ގަބޫލުކުރަންޖެހޭ ހެކިތައްވެސް ފެންނަން ފަށައިފިއެވެ. މީހާރު ދެމުންގެންދާ ބައެއް ޚިދުމަތް ތަރައްގީކޮށް ފަސޭހަ ކުރުމުގެ މަސައްކަތް އެތަނުން ފަށައިފިއެވެ.

ކިތަންމެ ރަނގަޅު ވިސްނުމެއްގައި ކަމެއްކުރަން އުޅުނަސް އެކަމެއް އަވަސްވުމާއި ލަސްވުމާއި، ފެންވަރުވެސް ބިނާވަނީ ފައިސާގެ މައްޗަށެވެ. އެހެންކަމުން ހޮސްޕިޓަލުން ބޭނުންވާހާ ގޮތަކަށް ބައެއްކަންކަން ނުކުރެވިދާނެއެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ ބަދުބަސްތައް ހޮސްޕިޓަލަށް އަމާޒު ކުރުމަކީ ހައްލެއް ނޫނެވެ. ހޮސްޕިޓަލުން މިހާރުވެސް ވަނީ ބައެއް ޚިދުމަތްތައް އަވަސްކޮށް ފަސޭހަކޮށް ދެވޭން އިންތިޒާމެއް ގާއިމްކުރައްވަމުންނެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވީ އެތަނުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޚިދުމަތްތައް ގޯސްވިޔަނުދީ ވީހާވެސް ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ލުއިފަސޭހަގޮތްތަކެއް ހޯދަމުން ކަމަށެވެ.
އޭގެ ތެރެއިން ފުރުސަތު ލިބޭވަރަކުން ކުރިން ނުލިބޭ ޚިދުމަތްތައް ތައާރަފު ކުރުމަކީވެސް ހޮސްޕިޓަލުން ވަރަށް ބޮޑަށް ވިސްނަވާ ކަމެކެވެ. އެންމެ ފަހުން އަލަށް އެތަނުގައި ފެށި ޚިދުމަތަކީ މެމޯގްރަފީގެ ޚިދުމަތެކެވެ. އުރަމަތީ ކެންސަރަށް ޓެސްޓްކުރުމުގެ މި ޚިދުމަތް ދޭން ފެށުމަކީ އެތަނަށާއި ރައްޔިތުންނަށް ލިބުނު ކުރިއެރުމަކަށްވާނެއެވެ.

ހޮސްޕިޓަލުން މިހާރު ގެންދަވަނީ އެންމެ އަސާސީ ޚިދުމަތްވެސް ފަސޭހަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ހަމަ ގައިމުވެސް ނަންބަރު ނުނަގައެއް ޑޮކްޓަރަށް ނުދެއްކޭނެއެވެ. އެއީ އާންމު އުސޫލުން ކަންއޮންނަ ގޮތެވެ. އެހެން ކަމުން ޑިޖިޓަލްކޮށް ނަންބަރު ނެގުމުގެ ޚިދުމަތް ތައާރަފު ކުރުމަށް އެތަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތުގެ ބޮޑުއެއް މިހާރުވަނީ ނިމިފައެވެ. އެމަސައްކަތް މިހާރުވަނީ ގާތްގަޑަކަށް ސިސްޓަމާ ގުޅާލާ ހިސާބަށް ކުރިއަށް ޖެހިލައިފައެވެ. މާގިނަދުވަސްތަކެއް ނުވެ އެ ޚިދުމަތްވެސް ލިބެންފަށާނެއެވެ.

މި ޚިދުމަތާއެކު އެސްއެމްއެސްއެއް ފޮނުވައިގެން އެމީހެއްގެ ނަންބަރގެ ކުރިއަށްއޮތް ނަންބަރު ބަލާލުމުގެ ޚިދުމަތްވެސް ތައާރަފް ކުރައްވާނެއެވެ. އޭރުން ނަންބަރު ނަގައިގެން ޑޮކްޓަރުގެ ކޮޓަރީގެ ކުރިމަތީގައި އިނުމުގެ ބަދަލުގައި ބޭނުންތަނެއްގައި އުޅެފައި ނަންބަރު ޖެހެންވާއިރަށް އާދެވޭނެއެވެ. މިއީ ކިހާ ފަސޭހަކަމެއް ހެއްޔެވެ؟
“މި ޚިދުމަތުގެ ސަބަބުން އެތައް ވަގުތެއް ސަލާމަތްވާނެ. ނަންބަރު ނަގައިގެން ގެއަށްގޮސް އެހެންކަންކަން ކުރުމުގެ ފުރުސަތުވެސް މީގެ ސަބަބުން ލިބޭނެ” ޝާހު ވިދާޅުވިއެވެ.

އެތަނުން ދެމުން ގެންދާ ޑައިލިސިސް ޚިދުމަތްވެސް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން އިތުރު ދެ މެޝިން މިހާރުވަނީ ހޯދައިފައެވެ. ޖުމްލަ 4 މެޝިނުން އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން އިތުރު ބަޔަކަށްވެސް އެޚިދުމަތް ލިބޭނެތައެވެ. އެއީވެސް ކުރިއެރުމެކެވެ. މެޝިނުގެ އިތުރަށް އެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާފު ފެން އުފެއްދުމަށް މެޝިނެއް ހޯދުމުގެ މަސައްކަތްވެސް ހަސްފަތާލުން ގެންދަވަނީ ކުރައްވަމުންނެވެ.

މީގެ އިތުރަށް މިހާރު އެތަނުން ނުދޭ ޚިދުމަތެއްވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. އެއީ ލެބޯޓަރީތެރޭގައި ކުޑަޖާގައެއް ހަދައިގެން ލޭ ރައްކާ ކުރުމުގެ ނިޒާމެއް އެތަނުގައި ގާއިމްކުރުމެވެ. “ހޮސްޕިޓަލުން ބްލަޑް ބޭންކުގެ ޚިދުމަތް ދިނުމަށް މިގެންދަނީ ލެބޯޓަރީގައި އެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން. އެ ޚިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއްހެން މިހާރުވެސް އެބަހުރި. އިންސްޓޯލްވެސް ކުރެވިފައިހުރީ،” ޝާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ކޮންމެ ޚިދުމަތަކާއެކު އެކަމަށް އެކަށީގެންވާ މީހުންވެސް ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން ބްލަޑް ބޭންކިންގެ ޚިދުމަތް ދިނުމުގެ ގޮތުން މުވައްޒަފުން ތަމްރީން ކުރައްވާނެ ކަމަށް ޝާހު ވިދާޅުވިއެވެ. “ޓްރެއިނިންތައް ނިމި ދެމަހެއްހާ ދުވަސްތެރޭގައި ޚިދުމަތްދެވޭނެ ކަމަށް މިބަލަނީ،” އޭނާ ވިދާޅުވީ ވަކިން ބްލަޑްބޭންކެއް ނުހެދީ އެކަމަށް ބޭނުންވާ ޖާގަނެތިގެން ކަމަށެވެ.

ކުރިންވެސް ދެންނެވި ފަދައިން އާންމުކޮށް މީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެތަނުން ލިބެއެވެ. އާންމު ހުރިހާ ބަލިތަކަށް އެތަނުން 24 ގަޑިއިރު ފަރުވާދެއެވެ. ނަފުސާނީ ބަލިތަކާއި، ހަމުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކަށްވެސް އެތަނުން މިހާރު ފަރުވާ ލިބެން އެހުރީއެވެ. މީގެ އިތުރަށް އަންހެނުންގެ ބަލިތަކަށާއި މާބަނޑު މީހުންނަށް ޚާއްސަ ކުލިނިކެއްވެސް އެތާގައި އެހުރީއެވެ. އެއީ އެންމެ ރަނގަޅު އެއް ޚިދުމަތެއް ރައްޔިތުންނަށް ލިބިދޭ އެއްބައި ކަމަށް ސީދާ ހޮސްޕިޓަލުންވެސް ގަބޫލު ކުރައްވައެވެ. މީގެ އިތުރަށްވެސް ގިނަ ކަންކަމަށް އެތަނުން ފަރުވާ ކޮށްދެއެވެ. އޭގެ ތެރޭގައި ލޮލުގެ ބަލިތައްވެސް ހިމެނެއެވެ.
މަތީގައި ފާހަގަ ކޮށްފައިވާ ކަންކަމަކީ ފެށުމެއް ކަމަށް ބަކައިގެން ހޮސްޕިޓަލުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށް މެނޭޖުމެންޓަށް ފުރުސަތު ދޭންޖެހެއެވެ. ފުރުސަތުގެ ބޭނުން ހިފާގޮތް ބަލަން ތިބީ ރައްޔިތުންނެވެ. ޚިދުމަތްދޭން ތިބީ ހޮސްޕިޓަލުގެ ހިތްހެޔޮ ވެރިންނާއި އޯގާތެރި ނަރުހުންނާއި ޚިދުމަތްތެރި މުވައްޒަފުންނެވެ.