English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ވާރަގޭ އާއިލާއަށް ނިސްބަތްވާ އާއިލާއެއް، ސްރީލަންކާގެ ކޮލަމްބޯގައި ދިރިއުޅޭތާ 65 އަހަރު ފަހުން އާއިލާގެ މީހުންނާ ފުރަތަމަ ފަހަރަށް ދިމާވެއްޖެއެވެ.

ސ.ހިތަދޫ ކުދިލުނބޯގޭ މުޙައްމަދު ދީދީ ގެއްލުނީ ގާތްގަނޑަކަށް 1942 ވަނަ އަހަރުގައި ޔާހުންބަރާހާގެ ދަތުރުތައް، އައްޑޫއާއި ސްރީލަންކާއާ ދެމެދު ކުރި ދުވަސްވަރުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މުޙައްމަދު ދީދީ އާއިލާއަށް ފިލައިގެން ރާއްޖެ ދޫކޮށް ލަންކާާއަށް ދިޔައީއެވެ. އޭރު މުޙައްމަދު ދީދީގެ އުމުރުން ވާނީ އެންމެ 18 އަހަރު ކަމަށް އާއިލާއިން ބުނެއެވެ. މުހައްމަދު ދީދީ ކައިވެނި ކޮށްގެން ހުރީ ހިތަދޫ ހިމިތީގެ މަރިޔަމް މޫސާއާއެވެ. މުހައްމަދު ދީދީ ގެއްލުނު އިރު މަރިޔަމް މޫސާ އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އެމީހުންގެ ދަރިފުޅަކީ ސ.ހިތަދޫ ޗާނދުމާގޭ ފާތިމަތު މުޙައްމަދެވެ. މިހާރު ފާތިމަތު މުޙައްމަދަށް ވަނީ 74 އަހަރުވެފައެވެ.

މުޙައްމަދު ދީދީ ލަންކާއަށް ދިޔަ ގޮތަށް އެތަނުން މީހަކާ ކައިވެނިކޮށްގެން ދިރިއުޅެން ފެށީއެވެ. ސ.ހިތަދޫ ފެހިވިލާގެ ސާލިޙް އަލިދީދީ، ލަންކާއަށް ވަޑައިގެންނެވި ފަހަރެއްގައި މުޙައްމަދު ދީދީއާ ބައްދަލުކުރުމުން ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށް މުހައްމަދު ދީދީ ވަނީ ބުނެފައެވެ. ސާލިޙް ދީދީ ވިދާޅުވާގޮތުން މުޙައްމަދު ދީދީއަކީ ލަންކާގެ ވަރަށް މަތީ މަގާމެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ލަންކާގައި މުޙައްމަދު ދީދީއާ ބައްދަލުކުރެއްވި އިރު ވަރުގަދަ ސެކިއުރިޓީއެއްވެސް އޮތްކަމަށާއި އެމީހުން މުޙައްމަދު ދީދީއަށް ގޮވަނީ “ޕްރިންސް” ގެ ނަމުން ކަމަށް ސާލިޙް އަލިދީދީ އާ ޙަވާލާދީ އާއިލާއިން މައުލޫމާތު ދެއެވެ. viber-image

މުޙައްމަދު ދީދީ ވަނީ ލަންކާގައި އަމިއްލަ ދިރިއުޅުން ފަށައި 2 އަންހެން ކުދިންވެސް ލިބިފައެވެ. އޭގެ ތެރެއިން އެއްކުއްޖަކަށް މިހާރު 65 އަހަރު ވެފައިވާއިރު އަނެއްކުއްޖާގެ އުމުރަކީ 57 އެވެ. ޚައިރު ބީބީއާއި ޖަންނަތު ބީބީއެވެ. އެމީހުންގެ ދަރިންނާއި މާމަ ދަރިން ވެސް މިހާރު އެބަތިއްބެއެވެ. މުހައްމަދު ދީދީ ވަނީ މިހާރު ނިޔާވެފައެވެ.

“މިދިޔަ އަހަރު އާއިލާ މީހެއްގެ ފަރާތުން އެނގުނީ މާފަގެ ކުދިން ކޮލަމްބޯގައި ތިބި ކަމަށް. ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ކުއްޖަކު ބުނެގެން އެނގުނީ. މުހައްމަދު ދީދީއަށް މާފަ ކިޔާ ކުއްޖެއް ކަމަށްވާ ޙައްވަ “އައްޑޫއޮންލައިނަށް” މައުލޫމާތު ދެމުން ބުންޏެވެ.

“ދެން އަހަރެމެން އެ އާއިލާ ވީތަނެއް ހޯދައިގެން މަންމަވެސް ގޮވައިގެން ގޮސް ބައްދަލުކުރީ. މާފަގެ ފޮޓޯ ވެސް ދައްކާފައި ރާއްޖޭގައި އާއިލާ އޮންނަ ކަން އެނގޭ ކަމަށް ވެސް ބުނި” ހައްވަ ކިޔައިދިނެވެ.

ގިނަ ޒަމާންތަކަކަށް ފަހުގައި ނަމަވެސް އަމިއްލަ ކޮއްކޮމެންނާ ބައްދަލުވުމުން ފާތިމަތު މުޙައްމަދު ވަނީ ވަރަށް އުފާވެފައެވެ. އަދި ކޮއްކޮ ޚައިރު ބީބީ އާއި ޖަންނަތު ބީބީވެސް ތިބީ ވަރަށް އުފަލުންނެވެ.

“އައްޑޫއަށް އަންނަން ވަރަށް ބޭނުންވެފައި ތިބީ. ބުނިން އަންނަ މަހުގައި ސީދާ އައްޑޫއަށް ފްލައިޓް ފަށަން އުޅޭ ވާހަކަ. އައްޑޫއަށް ދާން ބޭނުމޭ ބުނީ” ހައްވަ ކިޔައިދިނެވެ.

އައްޑޫގެ އާއިލާއަކަށް ނިސްބަތްވާ ފިރިހެނަކުވެސް އާއިލާއަށް ގެއްލުނުތާ 65 އަހަރުފަހުން 2014 ވަނަ އަހަރު އިންޑިއާގައި ހުއްޓާ އޭނާގެ އާއިލާއިން ވަނީ ހޯދާފައެވެ.