English Edition
Dhivehi Edition

އެއީ ޖޫސްވިއްކާ ގާޑިޔާއެކެވެ. މީހުން އެގާޑިޔާ މަޝްހޫރު ކޮށްފައިވަނީ “ސޯލާ ގާޑިޔާ” ގެ ނަމުންނެވެ.

އެ ގާޑިޔާއިން ވިއްކަނީ އާދައިގެ ޖޫހެއް ނޫންކަމަށް ގާޑިޔާ ހިންގާ ފަރާތުން ބުންޏެވެ. “މިޒަމާނުގައި ނުކިޔާނެ އެވަކާޑޯ ޖޫހާއި، ޕޭޝަން ފުރުޓު ޖޫހޭ. އެހެންވެ އަޅުގަނޑުމެން ހުންނާނީ މިތަނުން ވިއްކާ ޖޫސްތައް މައިގަނޑު ތިންބަޔަށް ބަހާފައި. އެއީ ސޯލާ ސްޕެޝަލް، ސޯލާ އެޑްވާންސް، ސޯލާ މޫން. ސޯލާ މޫން އަކީ ކަޕްލްސް ތަކަށް ޚާއްސަ ޖޫސް،” ގާޑިޔާ ހިންގާ މާނު ބުންޏެވެ.

މި ޖޫސްތައް ތައްޔާރު ކުރުމަށް އާންމުކޮށް ބޭނުންކުރާ މޭވާއަކީ، ދޮންކެޔޮ، އަންނާރު، ކިވީ، ތިންވައްތަރެއްގެ އާފަލު، ޑްރެގަން ފުރުޓު އަދިވެސް އިތުރު ވައްތަރުތަކެވެ.

ސޯލާ ގާޑިޔާ

solar1

ހިތަދޫ ބުރިކެޑެ މަގުން ލިންކު ރޯޑަށް ނުކުމެ ވާތްފަރާތަށް ތަންކޮޅަކަށް ހިނގާލާފައި ކަނާތްފަރާތް ބަލާއިރު ސޯލާ ގާޑިޔާ ފެންނާނެއެވެ. އެގަޑިޔާ އޮންނާނީ ގޮނޑު ދޮށާ ވަރަށް ކައިރީގައެވެ. ހިތްގައިމު މާހައުލެއްގައެވެ.

އެ ގާޑިޔާ ސޯލާގެ ނަމުން މަޝްހޫރުވީ ކީއްވެ ހެއްޔެވެ؟ އެއީ އޭގެ އެކި ކަންކަމަށް ބޭނުންވާ ހާކަތަ އިރުގެ އަލިން އުފައްދާތީއެވެ. ގާޑިޔާއިން ފޯރުކޮށްދޭ ޖޫސް ގިރަން ބޭނުންކުރާ މިކްސަރު ހިންގަނީވެސް މި ހަކަތައިންނެވެ. މިއީ އިރުގެ އަލިން ހަކަތަ އުފައްދައިގެން ރާއްޖޭގައިވެސް ހިންގަންފެށި ފުރަތަމަ ގާޑިޔާ ކަމަށްވެއެވެ.

ގާޑިޔާއަށް ކުރި ޒިޔާރަތް

އިއްޔެ ހަވީރު އެގަޑިޔާއަށް ދިޔައިމެވެ. ރަހުމަތްތެރިއަކާވެސް އެކުގައެވެ. “ކޯއްޗެއް ބޭނުންމީ. އެބަހުރި ސޯލާގެ ވަރަށް ޚާއްސަ ބުއިންތައް. ސޯލާ ސްޕެޝަލް، ސޯލާ އެޑްވާންސް، ސޯލާ މޫން. ސޯލާ މޫންއަކީ ކަޕަލްސް ތަކަށް ޚާއްސަ އެއްޗެއް. ދެންވެސް ވަރަށް ޚާއްސަ ވައްތަރުތަކެއް. ކާނާގެ މިންވަރު ވަރަށް ފުރިހަމައަށް އެކުލެވޭ ތަފާތު ބާވަތްތަކުގެ މޭވާ ބޭނުންކޮށްގެން ހަދާ ޖޫސް ދެންވެސްހުރީ. ބޭނުންވާ އެއްޗެއް އަވަހަށް ބުނޭ. ރަހަ ހަބޭސްވާނެ،” ގާޑިޔާ ހިންގާ މާނު އަމުނައިލިއެވެ. އިސްތިހާރު ކުރަން އޭނާގެ ހުރި ކުޅަދާނަކަންވެސް ދައްކައިލިއެވެ.

solar

މާނުގެ އިސްތިހާރު ބައި ނިމުނުއިރު އަޅުގަނޑުމެންތިބީ ޖޯލިފަތީގައި އިށީނދެގެންނެވެ. ހިމޭނުންއޮތް މޫދާއި، މޫދުގެ ލޮނުގަނޑުތެރޭގައި ކުޅެމުންދާ މަސްމަހާމެހީގެ ހަރަކާތަށް ބަލަބަލައެވެ. “ގޭސް ހުންނަ މީހުންނަށް ރަނގަޅު ޖޫހެއް ގެނެސްދީ،” އަޅުގަނޑު ބުނެފިއެވެ. އަޅުގަނޑުގެ ރަހުމަތްރިޔާވެސް އިޚްތިޔާރުކުރީ އޭގެ ޖޫހެކެވެ.

އިރުކޮޅަކުން އިވުނީ މިކްސަރު ޖެއްސިއަޑެވެ. އެއަޑު ކެނޑި ހަމަހިމޭންވިތަނާ އަޅުގަނޑުމެންގެ ދެމީހުންގެ އަތަށް ދެ ތަށި ޖޫސް ދިއްކޮށްލައިފިއެވެ. ޖޫހުގައިހުރީ ފެހިކުލައެވެ. ބަލާލީމާ ވަރަށް މީރުވާނެހެން ހީވިއެވެ. “ތިޔައީ ގޭސް ހުންނަ މީހުންނަށް ވަރަށް ޚާއްސަ ޖޫހެއް. ތިޔަށް ފެން އަޅާކަށް ނުޖެހޭނެ. ހޮޅީގައި އަނގަޖަހާފައި ދަމަން ފަށާ. ބަރާބަރުވާނެ. ރަހަ މީރުވާނެ،” ޖޫސް އިސްތިހާރު ކުރަމުން މާނު ބުންޏެވެ.

ތެދެކެވެ. އެއަކަށް ފެން އަޅާފައެއް ނުވެއެވެ. ހޮޅީގައި އަނގަ ޖަހައިފައި ދަމާލުމުން ހޮޅިތެރެއިން އަނގަޔަށް އެއަންނަން ފެށި ޖޫހެއްގެ މީރު ރަހަ ވަރަށް ކަމުދިޔައެވެ. އަޅުގަނޑާއި ރަހުމަތްތެރިޔާއަށްވެސް ޖޫސް ވަރަށް މީރުވެއްޖެއެވެ.

އެގާޑިއާ އިން މިޖޫސް ފޯރުކޮށްދެމުން މާނު ބުނީ އެތަނުން ފޯރުކޮށްދޭ ކޮންމެ ޖޫހަކީވެސް ފައިދާކުރާނެ ޖޫހެއް ކަމަށެވެ. ހަކުރާއި، ކޮލެސްޓްރޯލާއި އަދިވެސް އެފަދަ އެހެން ބަލިތައް ހުންނަ މީހުންނަށް ބޮވޭ ޒާތުގެ ޖޫސް ވެސް އެގާޑިއާއިން ތައްޔާރު ކޮށްދެއެވެ.

sg-png

މިގާޑިޔާގައި ދިއްލާފައިވާ ހުރިހާ ދިއްލުމެ ދިއްލާފައިވަނީ އިރުގެ އަލިން އުފައްދާފައިވާ ހަކަތަ ބޭނުން ކޮށްގެންނެވެ. ޖޫސްގިރަން ބޭނުންކުރާ މިކްސަރު ހިންގަނީވެސް އިރުގެ އަލިން އުފައްދާ ހަކަތައިންނެވެ.

އެތަނުގައި އެގާޑިޔާ ޖަގަހަ ޖެހިފަހުން ގާޑިޔާ ހުންނަ އެސަރަހައްދު ރީތިވެއްޖެއެވެ. ނަލަވެއްޖެއެވެ. ސާފު ވެއްޖެއެވެ. ކޮންމެ ދުވަހަކު އެތަން ކުނިކަހައި ސާފުކުރެއެވެ. އަމާން މާހައުލެއްގައި ހިމޭން ކަމާއެކު ވަގުތު ހޭދަކޮށްލަން ރަނގަޅު ތަނަކަށް އެތަން ވެއްޖެއެވެ. އެ ސަރަހައްދުގައިވަނީ ޖޯލިފަތިތައް ބަހައްޓައިފައެވެ. އާއިލާތަކާއި، އެކުވެރިންނާއި ރައްޓެހި ރަހުމަތްތެރިންނާއި، ލޯބިވެރިންނަށް ކަމުދާނެ ހުރިހާ ސިފައެއް އެ މާހައުލުގައި އެބަހުއްޓޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މޫދުގެ މަސްމަހާމެހި އޭގެ ޒާތުގައި ފުމެ ހަދައެވެ. ބޮޑެތި މަސްއައިސް ކުދި މަސްތައް ފަހައިގަނެވެ. ކުދިމަސްތައް ބޮޑެތި މަހުގެ އަތްދަށުން ސަލާމަތްވާން ދުއްވައިގަނެއެވެ. މިއީ މި މާހައުލުން ފެނިގެންދާ ހިތްގައިމު މަންޒަރު ތަކުގެ ތެރެއިން މަންޒަރެކެވެ.

ރާއްޖޭގައި އާލާވެފައިވާ ބައެއް ކަހަލަ ރީތި ދޫނިތައްވެސް އެތަނުން ފެނެއެވެ. ބުޅި ތުނބި، އިރުވައިހުދު، ރާބޮނދި، ކަރާ ރާނބޮދި، ހުވަދޫ ރާނބޮދި ފަދަ ދޫނިތައްވެސް ފެނެއެވެ. އެ ފަދަ ދޫނިތަކުގެ ހަރަކާތްތަކުން މާހައުލަށްވަނީ ދިރުން ގެނެސްދީފައެވެ.

sg-png

ގާޑިޔާ ބަހައްޓާފައިވަނީ ގޮނޑުދޮށާ ވަރަށް ކައިރީގައެވެ. ހިމޭން ކަމާއެކު ހިމުން ރާޅުތައް އެ ގޮނޑުދޮށަށް ބީއްސަމުން ގެންދެއެވެ. މަޑުމަޑު މިޔުޒިކަކާ އެކުގައެވެ. ހިކި ދިޔައިގައި ރަން ކަކުނިތައް އެވެރިންގެ ހޮރުން ނުކުމެ ދެލޯ ދީގެން ބަލަން ތިބެއެވެ. އިންސާނުންގެ ހަރަކާތްތަކަށް ފާރަލާން ތިބޭ ކަހަލައެވެ. އިންސިއެއްގެ ހިލަމެއްވާ އިރަށް ދުވެފައި ގޮސް އެވެރިންގެ ވަޒަނުގެ ހިމާޔަތް ހޯދައިގަނެއެވެ. އިންސާނުންގެ ހިލަމެއް ނުވާކަމަށް ވާނަމަ އެކަތި އަނެކައްޗަށް ތޮޅި ހަދައެވެ. ސަމާސާކޮށްލައެވެ. މި ރީތި ހިތްގައިމު މަންޒަކީ ބަލައި ފޫހިވާނެ މަންޒަރެއް ނޫނެވެ. މިއިން ކޮންމެ މަންޒަރަކީ ހިތްތަކަށް އުފާވެރިކަން ގެނުވާ މަންޒަރެކެވެ.

ސޯލާ ގާޑިޔާ އޮންނަ ސަރަހައްދު ރޭގަނޑު ފެންނަނީ މާބޮޑަށްވެސް ތަފާތުކޮށެވެ. މަޑުމަޑު ރާގުތަކާ އެއްވަރަށް ނިވެމުން ދިއްލެމުންދާ ކުލަބޮކިތަކުން އެ މާހައުލުވަނީ ޖަރީވެފައެވެ. ގޮނޑުދޮށުގައި ދިއްލާފައިވާ ބޮޑު އުއްބައްތިއަކީ އެކަނިވެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިދޭ ބައްތިއެކެވެ. ދުވާލުގެ މަސައްކަތަށްފަހު ސިކުނޑިއަށް ލުއިކަމެއް ހޯދުމަށް މި މާހައުލު ވަރަށް ކަމުދެއެވެ. އުދަރެހުން ވިދަމުންދާ ތަރިތަކުގެ ސަބަބުން ގާޑިޔާ އޮންނަ މާހައުލުގެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

ރީތި ގުދުރަތީ މި މާހައުލުގައި، ގުދުރަތީ މޭވާގެ ޖޫހުގެ، ޖޫސްތައްޓެއް ބޯލަން، ދިވެހިވަންތަ ޖޯއްޔެއްގައި ތިބާ ބޭނުން މީހަކާއެކު އީށީނދެ އިނދެ، ރަހަމީރު އެ ޖޫސްތައްޓަށް އިންސާފު ކުރުމުގެ ތަޖުރިބާ ކޮށްލުމަށް ސޯލާ ގާޑިޔާ ވަރެއްނެތެވެ.