English Edition
Dhivehi Edition

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ކޮމިޝަނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ އަބްދުﷲ ރިޔާޒް އެ ކޮމިޝަނަށް ހާޒިރުކުރަން ނިންމާފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަަލާގައި ތަހުގީގަށް ސުވާލު ކުރުމަށެވެ.

ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލެއްވިއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒު ވަނީ އެ މަރާ ގުޅޭ މައުލޫމާތުތައް ވަގުތުން ޖެހުމުން ހާމަ ކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. އަހަރެއްހާ ދުވަހަށް އެ މައްސަލަ ތަހުގީގު ކުރީ ވެސް ރިޔާޒުގެ ކޮމިޝަނާ ކަމުގެ ތެރޭގަ އެވެ.

ޑރ. އަފްރާޝީމް ގެ މަރުގެ މައްސަލައިގައި މީގެކުރިން ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް ޝަރީއަތް ހިންގައި ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ހުސެއިން ހުމާމަށެވެ. އޭނާއަށް ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ މަރުގެ އަދަބު އިއްވާފަ އެވެ.