English Edition
Dhivehi Edition
ވިލާ ކޮލެޖުގައި ގެންދިޔަ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ދަސްވެނިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ދާތޯ މަންސޫރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

ވިލާ ކޮލެޖްގެ 2019 ވަނަ އަހަރުގެ ދަސްވެނިވި ދަރިވަރުންގެ ތެރެއިން 50 އިން ސައްތައަކީ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯސްތަކުން ފާސްވެ ދަސްވެނިވި ދަރިވަރުންކަމަށް އެ ކޮލެޖުން ބުނެފިއެވެ.

ވިލާކޮލެޖްގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 22 ޕްރޮގްރާމަކުން 309 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މީގެތެރޭގައި 39އިން ސައްތަ ދަރިވަރުންނަކީ އަތޮޅު ތަކުގެ ކެމްޕަސްތަކާއި ލަރނިންގ ސެންޓަރުން ދަސްވެނިވެފައިވާ ދަރިވަރުން ކަމަށާއި އަދި 55 އިން ސައްތައަކީ އަންހެން ދަރިވަރުން ކަމަށް ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީނަޖީބު ހާމަކުރެއްވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންގެ ފްރޭމްވޯރކްގެ ލެވެލް ހަތަކުން މަތީގެ ކޯސް ތަކުން 750 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު ތެރޭގައި ދަސްވެނިމޭނެ ކަމަށާއި މިއީ ރާއްޖޭގެ ރިކޯރޑް ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ކޮލެޖުން ދެއްވާ ޝަރަފްވެރި ތިން އެވާރޑް ކަމަށްވާ، “ބުކްޕްރައިޒް” 13 ދަރިވަރަކަށް، “ކޮލެޖް މެޑަލް” 4 ދަރިވަރަކަށް އަދި ” ދަ ޤާސިމް އިބްރާހިމް އެވާރޑް ފޯ އެކްސެލެންސް” 3 ދަރިވަރަކު ވަނީ ޙާޞިލްކޮށްފައެވެ. މި އެވޯރޑް ދަރިވަރުންނާއި ޙަވާލް ކޮށްދެއްވީ ކޮލެޖްގެ ރެކްޓަރ ޑރ އަޙްމަދު އަންވަރެވެ.

” ދަ ޤާސިމް އިބްރާހިމް އެވާރޑް ފޯ އެކްސެލެންސް” އެވޯޑް ޙާޞިލް ކޮށްފައިވާ ދަރިވަރުންނަކީ ޕޯސްޓް ގްރެޑުއޭޓް ޑިޕްލޮމާ އޮފް ޓީޗިންގ ސިފާން ޢަބުދުއް ރަޙީމް، ބެޗްލާރސް އޮފް އާރލީ ޗައިލްޑް ހުޑް އެޑިއުކޭޝަން އާމިނަތު ޢަބުދުއްރަޙީމް އާއި ބެޗްލާރސް ޓީޗިންގ ޕްރައިމަރީ ޚަދީޖާ ޢަލީއެވެ.

” ދަ ޤާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް” 2011ވަނަ އަހަރުން ފެށިގެން ދެވެމުން ދާއިރު، މިހާތަނަށް މި އެވޯޑް 66 ދަރިވަރުން ޙާޞިލް ކޮށްފައިވެއެވެ.، އަދި “ބުކް ޕްރައިޒް” 2011 ގައި ތަޢާރަފްކުރެވި 342 ދަރިވަރުން ޙާޞިލްކޮށްފައި ވާއިރު، 2017 އިން ފެށިގެން “ކޮލެޖް މެޑަލް” ޙާޞިލު ކޮށްފައި ވަނީ 29 ދަރިވަރުންނެވެ.