މައިގްރެއިން އަކީ ބޮލުގައި ރިއްސުމުގެ ތެރެއިން އެންމެ ގަދަޔަށް ރިއްސަން މެދުވެރިވާ، އަދި އުމުރު ދުވަހަށް ދެމިގެންދިޔުން އެކަށީގެންވާ ބައްޔެކެވެ. މިއީ ނިއުރޮލޮޖިކަލް ބައްޔެކެވެ. ނާރުތަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެކެވެ. މައިގްރެއިންއިން ބައެއް ވަސްތަކާއި އަލި އަދި ބައެއް ކާނާގެ ސަބަބުން ވަރަށް ގަދަޔަށް ބޮލުގައި ރިއްސައި ހޮޑުލެވުމަށް މެދުވެރިކުރުވައެވެ. މައިގްރެއިން ހުންނަމީހުންނަށް “މައިގްރެއިން އެޓޭކް” އައުމުން ތެދުވެ އުޅެން އުނދަގޫވެ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށްދެ އެވެ. އެހެންކަމުން ގިނަމީހުން ބޮލުގައި ރިއްސަން ފެށުމުން ކޮންމެވެސް ކަހަލަ ޕެއިން ކިލާއެއް ކައިގެން ނިދަން އޮށޯވެއެވެ.
ދާދިފަހުން ލައިފްސްޓައިލް އެންޑް ވެލްނެސް ކޯޗެއް ކަމަށްވާ ލޫކް ބުނެފައިވަނީ މައިގްރޭން އެޓޭކް އައުމުން ޕެއިންކިލާ ކެއުމުގެ ބަދަލުގައި ގޭގައި ރެމެޑީއެއް ތައްޔާރުކޮށްގެން ބޭނުން ކޮށްލެވިދާނެކަމަށެވެ. އެއްވެސް ސައިޑް އެފެކްޓް އެއް ދިމާނުވާ މިރެމެޑީ އަކީ އަސޭމިރުސް ކަމަށްވެސް ލޫކްބުނެފައިވެއެވެ. މީގެ އިތުރުން ގޭގައި ތައްޔާރު ކޮށްލެވޭ މިރެމެޑީ އިން ބަނޑު ހަރުވުމާއި، ގޭސް، ކްރޯނިކް ސްޓްރެސް، އަދި ފެން ނުބޮވުމުން ދިމާވާ ބޮލުގެ ރިހުމަށްވެސް ހައްލު ލިބޭނެ ކަމަށް ލޫކް ބުނެފައިވެއެވެ.
އަސޭމިރުހުގެ ރެމެޑީ ތައްޔާރު ކުރާނެގޮތް:
(ސައިސަމްސާ އަސޭމިރުސް ފެންތައްޓަކަށް އެޅުމަށްފަހު އަނެއްދުވަހު ހެނދުނު ވަންދެން ބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމަށްފަހު ހެނދުނު ހޭލައިގެން އައިސް މިފެން ބޯލާށެވެ. އަދި ބޭނުންނަމަ އަސޭމިރުސް އޮށްތައް އެއްޗަކުން ހިމުންކޮށްލާފައި ފެނަށް އަޅައިގެން ވެސް ބޯލެވިދާނެއެވެ. )
އަސޭމިރުހަކީ އޭގައި ވިޓަމިންސް އާއި މިނެރަލްސް އެހެން ސްޕައިސް ތަކަށްވުރެ އެތައްގުނަ އަކަށްހުންނަ އެއްޗެކެވެ. އޭގައި ވިޓަމިން” އޭ”، “ސީ” އަދި “ކޭ” ގެ އިތުރުން މެގްނޭޒިއަމް، ޕޮޓޭޝިއަމް، ކެލްޝިއަމް، ރިބޮފްލަވިން އަދި ތައިމަން ފަދަ މިނެރަލްސް ހިމެނޭ އެއްޗެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި މައިގްރޭންގެ ވޭން ތަހަންމަލްކުރަންޖެހޭ 300 މިލިއަން މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭނެ އެވެ.