English Edition
Dhivehi Edition

(މިއީ ހުޅުމީދޫގައި ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.)

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބެހިގެންވާ ދިވެހިރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ އަތޮޅު މީދޫ އަކީ އަތޮޅުގެ ގުޅިފައިވާ އެހެން ރަށްތަކާ ވަކިން އޮންނަރަށަކެވެ.ދިގުމިނުގައި 2.350 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 1.625 ކިލޯ މީޓަރުގެ މި ރަށަކީ އުމްރާނީ ގޮތުން ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ރަށެކެވެ. ރަށުގައިތިބެގެން އާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު، މައިގަނޑު ގޮތެއްގައި ކުރަމުންދާ މަސައްކަތަކީ ދަނޑުވެރިކަމެވެ.

މީދޫ ގައި ދަނޑުވެރިކަން ފެށިގެން އައީ ސީދާ ވަކި ދުވަސްވަރެއްގައި ކަން ތާރީހުން އެނގެން ނެތެވެ. އެހެންނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތަދުމަޑުކަމުން ސަލާމަތްވުމަށް އޮޅުއަލަ އާއި ބަބުކެޔޮ ހައްދައި އުޅުނެވެ. ހަމަ ގައިމުވެސް މީދުއަކީ މިހާރު ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. މި ރަށުގެ ގިނަ މީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީވެސް މި މަސައްކަތުން ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމަށް ބުނެވިދާނައެވެ. ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް މީދޫގައި އުފައްދައެވެ. އޭގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

ޒަމާނާ އެއް ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްވެސް ބަދަލުވަމުން އަންނައިރު މި ބަދަލުތައް މީދޫ ގެ ގިނަ ދަނޑުތަކުންވެސް އަންނަނީ ފެންނަމުންނެވެ. 2011 ވަނަ އަހަރު އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އުފެދިގެން ދިއުމާއި އެކު ގްރީން ހައުސްތަކާއި، އޮޓޯ ޕޮޓްތައް ހެދި ހައިޑްރޮޕޯނިކްސް ސިސްޓަމްތަށް ގާއިމްވެގެން ދިޔައެވެ. “މިހާރު މޫސުމަށް އަންނަ ބަދަލުތަކުން ލިބިދޭނެ ގެއްލުންތަކުން ސަލާމަތްވޭ. ގަސްތަކަށް ޖެހޭ ބަލިތަކުން ގަސް ސަލާމަތްވޭ.މިހާރު ނުޖެހޭ ގިނަ ވަގުތު މިތާ ހޭދަކުރާކަށް.ހަމަ އައިސް ބަލާލަފަ ދިޔައީމަ ނިމުނީ.” ޒަމާނީ ދަނޑުވެރިކަމުގެ ސަބަބުން ދަނޑުވެރިންނަށް އެތައް ލުއި ފައްސޭހަތަކެއް ލިބިގެން ދިޔަކަން ފާހަގަކުރަމުން ދަޑުވެރިޔަކު ބުންޏެވެ. ދަނޑުވެރިކަންކުރަމުން އައި ގޮތް ޒަމާނާއި އެއްގޮތަށް ބަދަލުވަމުން ދިޔަނަމަވެސް މިކަމުގައި ވަރަށް ގިނަ ދަތިތަކެއް އަދިވެސް އެބަހުއްޓެވެ.ސިސްޓަމްތަކަށް ބޭނުންވާ ތަކެތި ލިބެން ނެތުމާއި ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ހައްލުކުރަން ބޭނުންވާ ސާމާނުތައް ރާއްޖެއިން ލިބެން ނެތުމުން އެކަމުގެ ދަތިތައް ދަނޑުވެރިންނަށް ދަނީ ކުރިމަތިވަމުންނެވެ.

ކޯޕަރޭޓިވްގެ މެނޭޖަރ ހަސަންޝާހިދް ވިދާޅުވީ ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ ސަމާނުތަކަކީ ވަރަށް ބޮޑު އަގެއްގައި ލިބޭ އެއްޗެއްސަށްވާއިރު އެ މަސައްކަތަށް ކޯޕަރޭޓިވް އިންވެސް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.”ކޯޕަރޭޓިވްގެ އެހީތެރިކަމާއެކު މިހާރުވެސް 4 ގްރީންހައުސް ފޯރުކޮށްދީފައިވާނެ. އަދި ކޮންމެ ދަނޑުވެރިއަކަށްވެސް ކަޑައެޅިފައިވާ ވަކިއަދަދަކަށް ކޯޕަރޭޓިވް އިން ދަނޑުވެރިކަމަށް ބޭނުންވާ ސާމާން ކްރެޑިޓަށް ނެގޭނެ.” ހަސަން ޝާހިދް ވިދާޅުވިއެވެ.

މީދޫގައި 100 އަށްވުރެ ގިނަ ދަނޑުބިންތައް އޮތްއިރު މި މަސައްކަތުގައި އަންހެނުންގެ ހިއްސާވެސް ވަރަށް ބޮޑެވެ. “ކީއްވެތޯ އަންހެނުންނަށް މި މަސައްކަތް ނުވާންވީ؟ މި ދަނޑުގައި މަސައްކަތްކުރަނީ ތިން އަންހެނުން. އަޅުގަނޑުމެންވެސް ހައްދާ އެއްޗެހި ވަކި މަދެއް ނުވާނެ.” މިކަމުގައި އަންހެނުންގެ ހިއްސާ އޮތް މިންވަރު ފާހަގަ ކުރަމުން އަންހެން ދަނޑުވެރިއަކު ބުންޏެވެ. ގިނަ ދަނޑުވެރިން ފާހަގަކުރި ގޮތުގައި އެމީހުން ހައްދާތަކެތި ކޯޕަރޭޓިވް އަށް ވިއްކުމަށްފަހު ބައެއް ފަހަރު ބާކީ ހުންނަ ތަކެތި ހަލާކުވެގެން އުކާލަން ޖެހޭ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ މާކެޓް އޮތްނަމަވެސް ޕްރޮޑެކްޝަން ކޯސްޓް މަތިވުމުގެ ސަބަބުން ދަނޑުވެރިންނަށް މާބޮޑު ފައިދާއެއް ލިބެމުން ނުދާކަމުގައި ދަނޑުވެރިން ބުންޏެވެ .މިކަންކަމަށް ހައްލެއް ލިބިގެން ނޫނީ ދަނޑުވެރިކަމުން ލިބެންވާ ހަގީގީ މަންފާއެއް ނުލިބޭނެކަން ދަނޑުވެރިން ފާހަގަކުރެއެވެ.

މިހާރުވެސް ދަނޑުވެރިން އުފައްދާ ތަކެތީގެ ގާތްގަޑަކަށް %70 ކޯޕަރޭޓިވްއިން ނަގަމުން އަންނައިރު ޝަންގްރިއްލާ ވިލިގިލި ރިސޯޓުގެ އިތުރުން ހުވަދު އަތޮޅަށްވެސް ސަޕްލައިކުރަމުންދެއެވެ. ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހަސަން ޝާހިދު ވިދާޅުވީ އިތުރު މާކެޓްތަކާއި ދިމާލަށް ދެވެން އަންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި އަބަދު އެއް މިންވަރެއްގައި ހިފެހެއްޓިގެން ކަމުގައެވެ.” އެއް ހަފްތާގަ ވަކި އައިޓަމެއް މާގިނައިން އުފައްދާފަ، ޖެހިގެން އަންނަ ހަފްތާގައި އެ އަދަދު މަދުވަންޏާ މާކެޓަކަށް ނުދެވޭނެ.މިހާރުވެސް ގިނަ ފަހަރު ޝަންގްރިއްލާއަށް ބޭނުންވާ އަދަދަށް ސަޕްލައި ނުކުރެވޭ. އެހެން ކަމުން އިތުރު މާކެޓްތައް ހޯދެން އަންނަނީ ބޭނުންވާ އަދަދަށް އެއްޗެހި އުފެއްދޭނެކަމުގެ ޔަގީންކަން ލިބިގެން” ހަސަން ޝާހިދު ވިދާޅުވިއެވެ. މިހާރު ދަނޑުވެރިކަން މިއޮތް ހިސާބުން އިތުރަށް ކުރިއަށް ދިއުމަށް ސަރުކާރުގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކޮށް ހަސަން ޝާއިދް ވިދާޅުވީ ރާއްޖޭގައި އުފައްދާ ތަކެތި ބޭރުން ރާއްޖެއަށް އިމްޕޯޓް ކުުރުން ހުއްޓާލަންޖެހޭކަމުގައެވެ. އަދި ދަނޑުވެރިކަމަށް ބޭުނުން ކުރާ ސަމާނުން ނަގާ ޑިއުޓީ ކުޑަކޮށް ތަކެތީގެ އަގު ތިރިކޮށް ދެވިއްޖެ ނަމަ އެއީ ލިބިގެންދާނެ ވަރަށް ބޮޑުު ފަސޭހައަކަށް ވެގެންދާނެކަމުގައެވެ.

މީދޫގެ ގިނަ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވާ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ކޯޕަރޭޓިވް އާއި ދަނޑުވެރިން ގުޅިގެން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު ދަނޑުވެރިން އުފައްދާތަކެތި އައްޑޫ އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން މާލެއަށް ސަޕްލައިކުރެވޭނެ ގޮތްތަށް ހޯދުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. ޒަމާނީ ދަނޑުވެރިކަމާއެކު ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަސް މުސްތަގްބަލެއްގައި ހައްލެއް ލިބިގެން ދިއުމަކީ ދަނޑުވެރިންގެ އެންމެ ބޮޑު އުއްމީދެވެ.

ލިޔުނީ: އާމިނަތު ޚާލިޞާ/ ހިޒްޔަމް ހާމިދު/ ރަމީޒާ/ މުހައްމަދު ހަފީޒް