English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އިމާރަށް ބޭނުންވާ ފަރުނީޗަރު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މަޖިލީސް އިދާރާގެ އެދުމުގެ މަތިން 13 ބުރީގެ އިމާރަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގްސް އަދި ޕާޓިޝަން ސަޕްލައިކޮށް، އަދި ޑެލިވަ ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން ކުރިން ކުރި އިއުލާނަށް ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، ޝަތުރު ހަމަވާ ރާއްޖޭގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން- ރިފަންޑަބަލް ފީއެއް ދައްކަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 118 ދުވަހަށެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަޙަޅަން ޖެހޭ ތާރީހަކީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ކަމަށް އެ އިއުލާނުގައި ވެއެވެ.

މި އިމާރާތަކީ ރައްޔިތުންގެ މަޖިލީހާއި އިންވެގެން 2013 ވަނަ އަހަރު ހަދާފައިވާ އިމާރާތެކެވެ. 13 ބުރީގެ މި އިމާރާތް ކޮށްފައިވަނީ 111 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންސީ) އިންނެވެ. ނަމަވެސް މި އިމާރާތުގެ ބޭނުމެއް އަދި ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އިމާރާތް ފަރުނީޗަރާއި އެކު ފުރިހަމަ ކުރާއިރު އެ މަޖިލީހުގެ އިންތިހާބު މިމަހު ހަވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި އިންތިހާބުގައި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެއެވެ.