English Edition
Dhivehi Edition

ލިޔުނީ : ފާތިމަތު މިންހާލް އަހްމަދް/ޝަމްސުއްދީނު ސްކޫލް

ޝަމްސުއްދީނު ސްކޫލްގައި ދުނިޔޭގެ އާތްއަވަ ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު އެސްކޫލްގެ ލިޓްލްމެއިޑް،ސްޓާރސް އަދި ކަބްސްކައުޓް ކުދިންގެ ހިނގާލުމެއް ވަނީ ބާއްވާފައެވެ.ޝަމްސުއްދީންސްކޫލް އިން ފަށައިގެން މީދޫ ޖެޓީ އާއި ހަމައަށް މި ހިނގާލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭ 8:30-9:30 އަށް ސްކޫލުގައި ވަނީ އެއްގަޑި އިރަށް ކަރަންޓު ނިއްވާލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުންނާއި ސްކޫލްގެ މުއައްޒަފުންވަނީ ބައިވެރިވެފައެވެ.

އާތް އަވަ ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތިދުވަހު ވަނީ ޚާއްޞަ އެސެމްބްލީ އެއްވެސް ބާއްވާފައެވެ. މި ޚާއްޞަ އެސެމްބްލީގައި މިއަހަރުގެ ޝިޢާރުކަމުގައިވާ “ޗޭންޖު ދަ ވޭއި ވީ ލިވް” ގެ ދަށުން ރޯލްޕްލޭއެއް ހުށަހެޅުމުގެ އިތުރުން ދުނިޔެ ހޫނުވުމާއި ބެހޭގޮތުން ދަރިވަރުން ވަނީ ވާހަކަ ދައްކާފައެވެ. މީގެ އިތުރަށް ދުނިޔެ ކުރީގައި އޮތް ޙާލަތާއި މިހާރު އޮތް ގޮތުގެ ޙާލަތު ދައްކުވައިދޭ ޕޯސްޓަރުތައް ވެސް ވަނީ ދައްކާލާފައެވެ.

މި އެސެމްބްލީގެ ސަބަބުން ދަރިވަރުންނަށް ދުނިޔެ ހޫނުވާން ދިމާވާ މައްސަލަތައް އެނގި، އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ވެސް އެނގިގެން ދިޔަކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ބޮކި އާއި ފަންކާ ފަދަ ތަކެތި ބޭނުން ނުކުރާ ވަގުތު ނިއްވާލާފައި ބެހެއްޓުމުން ދުނިޔެއަށްޓަކައި ކަރަންޓުގެ ހަކަތަ ބޭނުންކުރެވޭ މިންވަރު މަދުވެގެންދާނެކަން ގިނަ ކުދިންނަށް އެނގިގެން ދިޔައެވެ.