English Edition
Dhivehi Edition

މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންވެސް އެކަމަށް ހޭލާ ތިބެން ޖެހޭ މުހިއްމުކަމެކެވެ. އަހަރެމެންގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ކޮންމެ މީހަކުވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ އެވެ. މިއަދު “ދިވިލިމަތަ” މިޞަފްހާއިން ގެނެސް މިދެނީ އައްޑޫ ސޓީ ލިންކުރޯޑުގައި ތާރު އެޅުމުގެ ކުރިން އެންމެ ފުރަތަމަ އަށް ހިނގި އަދި އައްޑޫގައި ވެސް އެފަދަ ނުރައްކާތެރި ހާދިސާއެއް އެންމެ ފުރަތަމަ ހިނގި ހާދިސާއެވެ. މިހާދިސާ މި ގެނެސްދެނީ މި ނުރައްކާތެރި އެކްސިޑެންޓް ހިނގިވަގުތު ކާރު ދުއްވަން އިންފަރާތުން ކިޔައިދިން ގޮަތަށެވެ.

“އެއީ ހަމަ އަހަރެންގެ ކުށް. އެ އެކްސިޑެންޓްގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އަހަރެންގެ ސަބަބުން އާއިލާއާއި ގާތް ތިމާގެ މީހުންނަށް ފުން ހިތާމައެއް ކުރަން ޖެހުނު. އަދި އަހަރެންގެ ރަޙްމަތްތެރިއަކަށް މުޅި އުމުރު ނުކުޅެދޭ މީހެއްގެ ގޮތުގައި ހަތަރު ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ހާދިސާއެއީ. އެދުވަހު ބާރު ސްޕީޑުގައި ކާރު ނުދުއްވުނު ނަމައޭ ފަހުން ހިތަށް އަރާ. ކާރު ދުއްވި ނަމަވެސް ސަލާމަތީ އެއްވެސް ވަސީލަތެއް ގެ ބޭނުންވެސް ނުކޮށް ހުރުން އެއީ ހަމަ އަހަރެންގެ ކުށް ކަމަށް ގަބޫލުކުރަން.

މީގެ 15 އަހަރު ކުރިން ހިނގި އެހާދިސާއަކީ އައްޑޫގައި ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ. އެކްސިޑެންޓްގައި އަހަރެންގެ އަގުބޮޑު ކާރު ހަލާކުވި. ފުރިހަމަ 3 މަސް ދުވަސް ރާއްޖޭން ބޭރުގައި ބޭސްފަރުވާގައި ހޭދަކުރަން ޖެހުނު. އާމްދަނީ ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުމަކަށް އައި. މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑު އަނިޔާއެއް ދެވުނީތީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށް ދައުލަތަށް އެފައިސާ ދައްކަން ޖެހުނު. އަތުގައި އެވަގުތު ރައްކާކުރެވިފައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހޭދަކުރަން ޖެހުމުން އަތްމަތި ދަތިވެ ދިރިއުޅުން ވޭނަކަށްވި.

އަހަންނާއި އަހަރެންގެ ގާތް ރައްޓެއްސަކާއެކު ހިތަދޫގައި ހުރެފައި އަހަރެންގެ އަމިއްލަ އަގުބޮޑު، ކަޅުކުލައިގެ ސްޕޯޓްސް ކާރުގައި ނިކުތީ ފޭދޫ ބަނދަރަށް ދާށެވެ. އެއީ އައްޑޫގައި އޮތް އިންޓަރސްކޫލް ސްޕޯޓްސް މީޓަކަށް އަތޮޅުތަކުން ޓީމުތައް އައި ދުވަހެކެވެ. އަހަރެމެން ދިޔައީ ފުވައްމުލަކުން އަންނަ ޓީމުތައް ބަނދަރަށް އައުމުގެ ކުރިން ފޭދޫއަށް ދެވޭތޯއެވެ.

ކާރުގައި ފޭދޫއާ ވީކޮޅަށް ބާރު ސްޕީޑުގައި ނައްޓާލިއިރު އަހަރެންގެ އެކުވެރިޔާ އިނީ އޭނާގެ ދެފައި ޑޭޝް ބޯޑަށް ނަގައިގެން މަޖާ ވާހަކަތަކެއް އަހަންނާއި ދައްކާށެވެ. އަހަރެން ޝީޓު ބެލްޓެއް ނާޅަމެވެ. ދުވަހަކުވެސް އަހަރެމެން އެގޮތަށް ބުރު ޖަހާއިރަކު ޝީޓް ބެލްޓެއް ނާޅަމެވެ. މަގުމަތީގައި ބަލަހައްޓާނެ ފުލުހަކުވެސް ނުހުންނާނެ ވިއްޔާއެވެ. އެކަމަކު މީހަކު ބަލަން ނެތަސް ތިމާގެ ރައްކަލައްޓަކައި ކުރަން ޖެހޭ ކަންތައްތަކަށް ޒިންމާވާނީ ޚުދު ތިމާކަން އޭރު ނުވިސްނުނީއެވެ. އެކާރުގައި އެއާ ބޭގެއްވެސް ނުހުރެއެވެ.

ލިންކު ރޯޑު ހަދަން ވެގެން ލެވެލް ކޮށްފައި އޮތް ވެލިމަގުގައި އަހަރެމެންގެ ކާރު ދުއްވަމުން ގެންދިޔައީ 80 ކިލޯމީޓަރަށް ވުރެ އިން މަތީގައެވެ. ގަޑިއަށް ނުދެވިއްޖެއްޔާ ބައްދަލުކުރަން ދާ ކުދިންނާ ބައްދަލު ނުވެވޭނެތީއެވެ. ކާރުގެ ފަހަތުޝީޓުގައި ވެސް އެކަކު އިށީނދެގެން އިނެވެ. އަހަރެމެން 3 މީހުން ދިޔައީ މަޖާވާހަކަތަކެއް ދަައްކަމުންނެވެ. ކާރު ދުއްވަން ފަރިތަ ކަމުން އަހަރެން ދުއްވަމުން ދިޔައީވެސް އެއް އަތުންނެވެ.

ކުއްލިއަކަށް އަހަރެމެންގެ ކާރަށް ވުރެ ބާރަށް ދުއްވާފައި ގޮތް އެހެން ކާރެއް ކުރިއަށް އެރިއެވެ. އެ ކާރު ދުއްވާފައި ދިޔަލެއް ބާރުކަމުން ބޯވި ހިރަފުސް ގަނޑުގެ ތެރޭގައި އަހަރެމެން ވިއެވެ. އަހަރެންގެ އެކުވެރިން ހިތްވަރު ދިނީ ކުރިއަރައިގެން ދިޔަ ކާރު އަތުލުމަށެވެ. އަދި އޭނައަށް ވެސް ހިރަފުސް ބޯ ވުމުން ވާނެ އުނދަގޫ ދައްކާލުމަށެވެ.

ކާރުގެ ސްޕީޑް 120 ކިލޯމީޓަރަށް ނެގީ އެވަގުތުގައެވެ. އޭރު ކުނިކޮށްޓާ ދިމާއިން އޮންނަ ބެންޑާ ވަރަށް ގާތް ވެއްޖެއެވެ. ދެވަނަ ހިނދުކޮޅުގައި ކާރުގެ ކުރީ ފުރޮޅުގެ ޓައިރު ފަޅައިގެން ދިޔައެވެ. ކާރު ހޫރިގަތެވެ. ސިކުންތެއްވެސް އެދެމެދުގައި ނުނަގައެވެ. ކައިރީގައި ހުރި ރުކެއްގައި ޖެހި ކާރު ފިތިއްޖެއެވެ. ކާރު އޮތީ ރަނގަޅަށް ވެސް ރުކަށް އަރާފައެވެ. އަހަރެމެންނަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއްނެތެވެ. ކާރުގެ ތެރެއިން އަހަރެމެން ދަމާ ނެރެން ޖެހުނީ ކާރުގެ ދޮރުފަތްތައް ކީހާލައިގެންނެވެ.

މުޅި ރަށް ގުޑައިގެން ދިޔައީ އިވިގެން ދިޔަ ބިރުވެރި ޚަބަރަށެވެ. ދެރަށް ދޭތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކު މަރުވި ވާހަކައެވެ. އިމަޖެންސީގައި މީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު އެމީހުން ދުއްވާފައި ދިޔަ ކާރު އެއްކޮށް ފުނޑިފައިވާ ވާހަކައެވެ. އެދުވަސްވަރަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޕްރިންސެސް ޑަޔާނާ އާއި ޑޮޑީ ދުއްވާފައި ދިޔަ ކަޅު ކާރެއް ނުރައްކާތެރި އެކްސިޑެންޓެއްގައި ހަލާކުވެ އޭގައި ތިބި މީހުން މަރުވި ހާދިސާ ހިނގި ދުވަސްވަރެެވެ. އައްޑޫގައި ހިނގި މި ހާދިސާވެސް މީހުން ސިފަކުރީ މިގޮތަށެވެ.

ތިމާގެ މީހުންނާއި ގާތް ރައްޓެހިންނާއި ރޮމުން ކަރުނަ އަޅަމުން ހޮސްޕިޓަލާ ދިމާއަށް ދުއްވައިގަތެވެ. ހިކި ހުއިތަކެއްގައި އަލިފާން ރޯކޮށްލުމުން އަނދައިގެންދާ ހައި ހަލުވި މިނެއްގައި މި ޚަބަރު ރަށުގެ ތެރެއަށް ފެތުރިގަތެވެ.

އަހަރެން ބެލި ޑޮކްޓަރުން ޔަގީންކަން ދިނީ މީހާއަށް ވެފައި އޮތް ވަރުން ދެން އިތުރު މާގިނަ ނޭވާތަކެއް ލާކަށް ދުނިޔޭގައި ނޯންނާނެ ކަމަށެވެ. ކާރުގެ ކުރީގައި ޑޭޝްބޯޑަށް ދެފައި ލައިގެން އިން އަހަރެންގެ އެކުވެރިޔާގެ މައިބަދައިން އެއްކޮށް ބިިންދައިގެން ދިޔައީއެވެ. އުނގަނޑުން ތިރި އެއްކޮށް ބޭކާރުވީއެވެ. ކާރުގެ ފަހަތު ޝީޓުގައި އިން އެކުވެރިޔާއަށް ނަފްސާނީ ގޮތުން ކުރި އަސަރެއް ފިޔަވައި އިތުރު އަނިޔާއެއް ނުލިބެއެވެ.

އަހަންނާމެދު ޑޮކްޓަރުން އެފަދަ ގޮތަކަށް އުއްމީދު ކަނޑާލިނަމަވެސް އަހަރެންގެެ އާއިލާއިން ބޭނުންވީ އެންމެ ނޭވާއެއް ލެވުނަސް އިތުރު ފަރުވާއަށް މާލެ ގެންދިއުމަށެވެ. ކިތަންމެ ހާލު ދެރަވެފައި އޮތް ނަމަވެސް ވާ ހުރިހާ ކަމެއް އަހަންނަށް އެނގެއެވެ.

ކަންބޮޑުވެ ހަދާނެ ގޮތެއް ނޭނގިފައި ތިބި އާއިލާގެ މެމްބަރުން އަހަރެން ގޮވައިގެން މާލެ ދިއައެވެ. ނަމަވެސް ޑޮކްޓަރުންގެ އުއްމީދެއް ނެތެވެ. އެކްސިޑެންޓްގައި އަހަރެންގެ މޭމަތި ގޮސް ސީދާ ހުންގާނުގައި ޖެހި މެޔަށް ލިބުނު ގެއްލުމުގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅިފައިވާ ކަމަށާއި ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަމަށް އައިޖީއެމް އެޗުގެ ޑޮކްޓަރުންވެސް ބުންޏެވެ. ނަމަވެސް ދުނިޔޭގައި އެމީހަކު ހުންނަން ހަމަޖެހިފައިވާ ދުވަސް އަންނަން ދެން އެމީހަކު ހުންނާނެތާއެވެ. އަހަންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލިކަމުގައި ވިޔަސް އަހަރެންގެ އާއިލާއިން އުއްމީދު ކަނޑާލަން ތައްޔާރެއް ނުވިއެވެ. އެމީހުން ބޭނުންވީ ރާއްޖެއިން ބޭރަށް އަހަރެން ގެންދާށެވެ.

އިންޑިޔާގެ ހޮސްޕިޓަލެއްގައި ފުރިހަމަ 3 މަސް ދުވަސް ހޭދަކުރުމަށް ފަހު އެނބުރި ރާއްޖެއައި އިރު އަހަންނަކީ ފުރިހަމަ ކުޅެދޭ މީހެއް ނޫނެވެ. ރަނގަަޅަކަށް ނުވެސް ހިނގެއެވެ. އެއް އަތުން މަސައްކަތެއް ނުކުރެވެއެވެ. އަހަންނަށް އުޅެވޭ ވަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ކުރުމަށް ފަހުގައެވެ.

އޭގެ ފަހުން އިންޖީނުލީ އެއްޗަކަށް ނާރާ ގިނަ ދުވަސްތަކެއް އަހަރެން ހޭދަކުރީމެވެ. އެ ބިރުވެރި ހާދިސާއިން އަހަންނަށް އަރައިގަންނަން އުނދަގޫވިއެވެ. ވަކިން ޚާއްޞަކޮށް ކާރެއް ދުއްވަން ޖެހުމުން އަހަރެންގެ އަތް ތުރުތުރު އެޅިއެވެ. ހިތް ބިރުގަތެވެ. ލޯމަތިން އެހާދިސާ ސިފަވެގެން ދިޔައެވެ. ނަމަވެސް އެއީ ފަރުވާތެރިކަމާއެކު މަގުމަތީގެ ސަލާމަތަށް ބަލައިގެން މަގުގެ ބޭނުންނުކުރުމުގެ ނަތީޖާއެއްކަން އަހަންނަށް އެނގެއެވެ. މިހުރިހާ ކަމަކަށް ވިސްނައިގެން މަގުގެ ބޭނުން ކުރާނަމަ މަގަކީ ބިރުވެރި ތަނަކަށް ނުވާނެ ކަމުގައި އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ. އެހެނަސް އަހަރެންގެ ސަބަބުން ހިނގައިދިޔަ އެ ބިރުވެރި ހާދިސާގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.”