ހަލުވި މިނެއްގައި ދުނިޔެ ތަރައްގީވެ ކުރިއަރަމުން އަންނަ އިރު މީހުންގެ ދިރިއުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތައް ވެސް އަންނަމުން ދެއެވެ. 1960 ގެ އަހަރުތަކުގައި ހުސްފައިގައި ހިނގާލާފައި އެއްއަވަށުން އަނެއް އަވަށަށް ދެވޭ މީހާއަށް މިއަދު ޖެހިގެން ހުންނަ ފިހާރައަށްވެސް ދެވެނީ ކޮންމެވެސް ސަވާރީއެއްގައި އިނދެގެންނެވެ. ހަމަހިމޭންކަމާއެކު ހިނގާލާފައި ދެވުނު މަގުތަކުން މިއަދު ފެންނަނީ ވޫސް ލާފައި އުދުހެމުންދާ އެކިކަހަލަ އިންޖީނުލީ އުޅަނދުތަކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދެމުންދާ ވަރަކަށް އެއްސަވާރީ އަނެއްސަވާރީއަކާ ޖެހި ހަނާވަމުންދާ މީހުންގެ އަދަދު ގިނައެވެ. ދުއްވާލެވޭ ފެންވަރުގެ ރަނގަޅު މަގެއް އޮތީތީވެ އަދި ތިމާގެ ސަވާރީގައި ވަރު ހުރީތީވެ ހިތު ހުރި ވަރަކަށް ދުއްވާފައިގޮސް މަރާ ބައްދަލުކުރާ މީހުންވެސް މަދެއްނޫނެވެ. އަރާމު ހިތްފަސޭހަ ދިރިއުޅުން މަރުގެ ބިރުވެރި އިންޒާރަކަށް މިހަދަނީ އަހަރެމެން އަމިއްލައަށެވެ.
އަހަރެމެންގެ މި ރާއްޖެ ތަރައްގީވަމުން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކާ ބަލާއިރު ހަލުވި ސްޕީޑެއްގައެވެ. ހުރިހާ ދިމާއަކުން ބެލިކަމުގައި ވިޔަސް މީގެ ތެދުކަން ހާމަވެގެންދާނެއެވެ. އާބާދީގައި އެންމެ 375,867 ( 2017 ވަނަ އަހަރުގެ އެޕްރީލް 24 ވަނަ ދުވަހާ ހަމައަށް ) ދިރިއުޅޭ މި ރާއްޖޭއަކީ ނިސްބަތުން މުއްސަނދި ގައުމެކެވެ. ދިރިއުޅުމުގެ ހުރިހާ ހިތްފަސޭހަކަމަކާއެކު ދިރިއުޅޭ މީހުން ގިނައެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދަނީ މަގުމައްޗަށް ގިނަ ވަމުންދާ އިންޖީނުލީ އުޅަނދުފަހަރުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް އިމްޕޯޓުކުރެވޭ ދުއްވާ އެއްޗެއްސާއި މަގުތަކުގައި ތޮއްޖެހެމުންދާ އެކި ފެޝަންތަކުގެ ކާރާއި ސައިކަލުންނެވެ.
“ދާދިފަހުން ރާއްޖޭގައި ބޭއްވި ރޯޑްސޭފްޓީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަހަރެން މާލެއަށް ދިޔައިން. ހަމަ ތެދެއް މިބުނީ އެތަނާ ތައިލެންޑްގެ މަގަކާ ވަކި ތަފާތެއްނެތް. މަގުމަތި ތޮއްޖެހިފައި އޮތީ މުޅިންވެސް ދުއްވާާ އެއްޗެތިން. މީހުންގެ އަދަދަށް ވުރެ ދުއްވާ އެއްޗެތީގެ އަދަދު ގިނަ ވާނެ. ” ހެއްކެއްގެ ގޮތުގައި ފޯނުގައި ހުރި ފޮޓޯތައް ދައްކާލަމުން ޑަބްލިއު އެޗްއޯގެ އެޕިޑަމިލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޖީ. ގުޖުރާތު ވިދާޅުވިއެވެ.
ތިރީގައި މިވަނީ ޑަބްލިއު އެޗްއޯގެ ގްލޯބަލް ސްޓޭޓަސް ރިޕޯޓް އޮން ރޯޑް ސޭފްޓީ 2015 ގައި ހާމަކޮށްފައިވާ މައުލޫމާތެވެ. މި މައުލޫމާތަށް ބަލާއިރު ސައުތު އީސްތް އޭޝިއާގައި އެންމެ ގިނައިން 2-3 ފުރޮޅުލީ އުޅަނދު ގިނަ ކަމުގެ ރިކޯޑް މިއޮތީ ރާއްޖެއަށެވެ. ރާއްޖޭގައި 79.2 ޕަސެންޓް އޮތް އިރު އެހެން އެއްވެސް ގައުމަކުން 75 ޕަސެންޓަށް ވެސް ނާރައެވެ. ނަމަވެސް މީހުން ދިރިއުޅޭ ހިކިފަސްތަނަށް ބަލާއިރު އެންމެ ކުޑައީ ދިވެހިރާއްޖޭގެ ބިންކަން ގައިމެވެ!! ދުއްވާނެ ޖާގަ ނެތީވެސް ރާއްޖޭގައެވެ.!!
ރާއްޖޭގެ ވިޔަފާރިވެރިން ތަފާތު ނަންނަމުގައި ޕްރޮމޯޝަންތައް ހިންގައިގެން ކާރާއި ސައިކަލު ފަދަ ތަކެތި ވިއްކޭތޯ ބަލައެވެ. ތަފާތު އެކި ޓީވީ ޗެނެލްތަކުން ފަހުގެ މޮޑެލްތަކުގެ މޮޅު ސައިކަލާއި ފަހުގެ ކާރުގެ އިޝްތިހާރު ދައްކައެވެ. މަގުތަކުގެ ފާރުތަކުން ވެސް ދައްކުވައދެނީ މިފަދަ ކޮންމެވެސް އިޝްތިހާރެކެވެ. އުޅަނދުގެ މޮޅުކަމެވެ. ނަތީޖާއަކަށް ވެގެންދަނީ ޒުވާނުންގެ ޝައުގުވެރިކަން މިކަމަށް ގޮސް ހުސްވުމެވެ. ތަފާތު އެކިނަން ނަމުގައި ދެވޭ ކްރެޑިޓް ސްކީމްތަކުން ފަސޭހަކަމާއެކު މިތަކެތި ގަނެވެން ހުންނާތީ މިއީ މާ އުނދަގޫ ކަމަކަށް ނުވެއެވެ. ނަމަވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން އެއްވެސް އިޝްތިހާރެއް އެއްޗެއް ދައްކާ އެކަމަކަށް ޒުވާނުން އަހުލުވެރި ކުރުވާ ތަނެއް ނުފެނެއެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތްތެރިކަމަކީ ކިހާ މުހިއްމު ކަމެއް ކަމާއި އެކަމުގެ ނުރައްކާ ގިނަ މީހުންނަށް، ވަކިން ޚާއްޞަކޮށް ޒުވާނުންނަށް އިޙްސާސް ނުކުރެވެނީ ކަންނޭނގެއެވެ.
ތެދެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާ އަޅާ ބަލާއިރު ރާއްޖޭގައި މިފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދެވެ. ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯގައި ސައުތު އީސްޓް އޭޝިއާގެ ނޫސްވެރިންނަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ސެންޓަރ ފޯރ ޖާނަލިސްޓް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވީމެވެ. ބައްދަލުވުމުގެ ބައިވެރިން ވާހަކަ ދައްކަމުން ގެންދިޔައީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށްވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ވާހަކައެވެ. މިފަދަ އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ އަދަދު ގިނަކަމުގެ ކަންބޮޑުވުންތަކެވެ. ބައެއް ހާދިސާތަކުގައި 100 ނުވަތަ އެއަށްވުރެ ގިނަ މީހުން މަރުވެފައިވާ ވާހަކައެވެ. އަހަރެއްގެ މައްޗަށް މަގުމަތީގެ ހާދިސާތަކުގައި އެތައް ހާސް މީހުން މަރުވެފައިވާ ވާހަކައެވެ. އަހަރެން ބުނަންޖެހުނީ މަގުމަތީ އެކްސިޑެންޓްތަކުގައި ރާއްޖޭގެ މީހުން މަރުވާ އަދަދު ނިސްބަތުން ގިނަ ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް 5-3 މީހުން މަރުވުން އެއީ ވަރަށް ބޮޑު މައްސަލައެއްކަމެވެ. ސަބަބަކީ ރާއްޖޭގެ އާބާދީ މަދުކަމާއި ޑަބްލިއު އެޗްއޯގެ މިންގަނޑުން މިންކުރާއިރު މީހުން މަރުވާ އަދަދު ގިނަ ކަމަށް ކަނޑައަޅަނީ މީހުންގެ އާބާދީއާއި އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދަށް ބަލާފައިކަމެވެ. ބިލިއަނުން މީހުންގެ އާބާދީ އޮތްތަނެއްގައި އަހަރެއްގެ މައްޗަށް 100000 މީހުން މަރުވުމެކޭ 3 ލައްކައިގެ އާބާދީއަކުން 3 މީހުން މަރުވުމެކޭ ވަކި ތަފާތެއް ނެތީމައެވެ.
2015 ވަނަ އަހަރުގެ ސައުތު އޭޝިއާ ރީޖަންގެ ރޯޑްސޭފްޓީ ރިޕޯޓަށް ބަލާލާއިރު ކޮންމެ އަހަރަކު ދުނިޔޭގެ 1.2 މިލިއަން މީހުން މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ޝިކާރައަކަށް ވެ މަރުވެގެންދެއެވެ. މީގެ ތެރެއިން ގިނައީ 15 އަހަރާއި 29 އަހަރުގެ ޒުވާނުންނެވެ. ގައުމެއް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަނީ ޒުވާނުންކަމަށް ވީހިނދު މިފަދަ ގޮތްގޮތަށް ޒުވާނުންގެ ނިމުން އައުމަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެކެވެ.
ތަނެއް ތަރައްގީވުމަކީ ގޯސްކަމެއް ނޫނެވެ. ގައުމީ ފެންވަރުގައްޔާއި ރަށުފެންވަރުގައި އަދި އިޖުތިމާއީ ފެންވަރުގައި އެންމެން މަސައްކަތް ކުރަނީ ތަރައްގީއަށެވެ. މައްސަލައަކަށްވަނީ ތަރައްގީއިން ލިބިދޭ ވަސީލަތްތައް ރައްކާތެރިގޮތުގައި ބޭނުންކުރަން ނޭނގުމެވެ. ނުވަތަ ނުކުރުމެވެ. ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގުތައް ހަދަނީ މަގުތަކުގެ ބޭނުންކުރާ މީހުންގެ ފަސޭހައަކަށެވެ. އެއްގޮތަކަށް ވެސް ރޭސް ޖަހާކަށް ނޫނެވެ. ތިމާ އަރައިގެން އިންނަ ދުއްވާ ތަކެތިން އެހެން މީހުންނަށް ފޮނި ދެއްކޭކަށް ވެސް ނޫނެވެ. އޭގެ ދުވެލީގެ މޮޅުކަމާއި ތިމާގެ ފަރިތަކަން އެހެންމީހުންނަށް ދައްކާލުމަކަށް ވެސް ނޫނެވެ. ނަމަވެސް އަހަރެމެންގެ ޒުވާނުންނަށް ކަންތައްތައް ކުރެވެނީ މިގޮތަށެވެ. ނަތީޖާއަކަށް ވެގެންދަނީ އުފާވެރި އަރާމު ދިރިއުޅުމަކަށް ތިމާ ހޯދި ސަވާރީ ތިމާ މަރާލާ ހަތިޔާރަކަށް ވުމެވެ.!! އޭގެ ފޮނި މީރުކަން ނުލިބެނީސް ކަށްވަޅުގައި އޮވެ ނިދާލަން ޖެހުމެވެ!!