އެޗްއާރު މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ މިފަހަރު އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެޕްރީލް މަހުގެ 26 އަދި 27 ވަނަ ދުވަހު ބާއްވާ މި އެކްސްޕޯ އަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވަވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.
އައްޑޫގައި މި އެކްސްޕޯ ބޭއްވުމާ ގުޅޭ ގޮތުން އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމް ވަނީ މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސީއީއޯ ދެއްވި މަޢުލޫމާތުގައި ވިދާޅުވީ އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ ކުރިއަށްދާނީ ތިން ބަޔަކަށް ކަމަށެވެ. އެގޮތުން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް 10 އަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވާނެކަމަށެވެ. އަދި އެދުވަހު ރޭގަނޑު އެޗްއާރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތަށް ދެވޭ އެވޯޑް ދިނުމުގެ ހަފްލާއެއް އޮންނާނެކަމަށެވެ. އެއަށްފަހު އެޕްރީލް 27 ވަނަ ދުވަހުގެ ހެނދުނު 9 އަކުން ފެށިގެން އެޗްއާރު ސަމިޓް އޮންނާނެއެވެ.
މިސަމިޓުގައި ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ އެޗްއާރު ދާއިރާގެ ފަރާތްތައް ހިމެނިގެން ދާއިރާއާއި ގުޅޭ ޕްރެޒެންޓޭޝަން އަދި ޑިސްކަޝަންސްތަކާއި ދާއިރާގެ މީހުންގެ ހިޔާލު ބަދަލުކުރުން ކުރިއަށް ދާނެއެވެ.
އެޗްއާރު ސަމިޓް އެންޑް އެކްސްޕޯގެ މިއަހަރުގެ ތީމަކީ ‘އެޗްއާރު އޮޓޮމޭޝަން – ދަ ފިއުޗަރ އޮފް ޕީޕަލް މެނޭޖްމަންޓް’ އެވެ.