English Edition
Dhivehi Edition

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން “ގްލޯބަލް މަނީ ވީކް” އާ ގުޅުވައިގެން ފައިސާއާ މެދު ކުޑަކުދިން ދެކޭ ގޮތް އަންގައިދޭ ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއް ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ މި މުބާރާތުގެ ބޭނުމަކީ ފައިސާ އާއި މާލީ ކަންކަމާ ގުޅޭ ގޮތުން ކުޑަކުދިން ވިސްނައި ފިކުރުހިންގުމަށް މަގުފަހިކުރުންކަމަށެވެ. އަދި މި ފަދަ މައުލޫތަކަށް ބެލެނިވެރިންނާއި ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކުރުމަކީވެސް މި މުބާރާތުގެ އެއް މަގުސަދު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

“ފައިސާ ބޭނުންވަނީ ކީއްވެ؟” ނުވަތަ “ފައިސާ ރައްކާކުރަނީ ކިހިނެއް؟”މި ދެ ސުވާލުގެ ތެރެއިން ކޮންމެވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ހެދުމަށް ފަހު 9494999 އަށް ޓެލެގްރާމް މެދުވެރިކޮށް ފޮނުވައިގެން މުބާރާތުގައި ވާދަކުރެވޭނެ ކަމަށް އެމްއެމްއޭއިންވަނީ ބުނެފައެވެ. މި މަހުގެ 24ގެ ކުރިން ވީޑިއޯތައް ހުށަހަޅަން ޖެހޭއިރު ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު އެނގެން އޮންނަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކުދިން ފޮނުވާ ވީޑިއޯތައް “ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް” ފޭސްބުކް ޕޭޖްގައި އާންމުކުރުމަށް ހަމަޖެހިފައިވާއިރު ފޮނުވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.