English Edition
Dhivehi Edition

ދިވެހި ދައުލަތުގެ އިސްބޭފުޅުންނަށް ޑިޕްލޮމެޓިކް ވިސާގެ ކަންކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެން ދާއިރާއިން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ ދެމެދުގައި ސޮއިކުރައްވައިފިއެވެ.

މި ތިން އެއްބަސްވުމުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ސޮއިކުރެއްވީ، އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖު ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ދެޤައުމުން ސޮއިކުރި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކުގެތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނަށް އިންޑިއާގައި ހިލޭ ވިސާގެ ދަށުން ހޭދަކުރެވޭނެމުއްދަތު މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ އެކިކަންކަމުގައި އެހީތެރިވުމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީވުމަށް އިންޑިއާއިންވަނީ އެއްބަސްވެފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރަށް، ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ސުޝްމާ ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، އެގައުމުގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ވަޒީރުންގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.