English Edition
Dhivehi Edition

އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ކޭމްޕެއް އީކުއޭޓަރ ވިލެޖްގައި އިއްޔެ ފަށައިފިއެވެ.

ސްކޫލްތަކުގެ މީޑިއާ ކްލަބުތަކާއި މީޑިއާ ކައުންސިލް ތަކުގައި މަސައްކަތް ކުރާ ދަރިވަރުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންނަށް ދާއިރާއިން ބޭނުންވާ ތަމްރީން ދިނުމުގެ މަގުސަދުގައި އޭއޯ ނިއުސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބައިވެރިވުމަށް އައްޑޫގެ ހުރިހާ ސްކޫލްތަކަށް ފުރުސަތު ހުޅުވާލިއެވެ. އެފުރުސަތުގައި ކޭމްޕްގައި ދަރިވަރުން ބައިވެރިކޮށްފައިވަނީ 8 ސްކޫލަކުންނެވެ. އެއީ ސ.އަތޮޅު މަދުރަސާ، ހުޅުދޫ ސްކޫލް، ޝަމްސުއްދީން ސްކޫލް، ފޭދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، ހިރާ ސްކޫލް، ހިތަދޫ ސްކޫލް އަދި ނޫރާނީ ސްކޫލެވެ. މި ސްކޫލްތަކުން މުޅިއެކު 60 ބައިވެރިން ވަނީ މި ކޭމްޕްގައި ބައިވެރިވެފައެވެ. އެއީ ދަރިވަރުންނާއެކު ކޮންމެ ސްކޫލަކުން 2 މުދައްރިސުން ހިމަނައިގެންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ސްކޫލްތަކުގައި ކުރިއަށް ގެންދާ ތަފާތު އިވެންޓްތަކުގެ ކަވަރޭޖް އަމިއްލަ އަށް ހަދާނެ ގޮތް ދަސްކޮށްދީ އެ އިވެންޓްތަކުގެ ޚަބަރާއި މައުލޫމާތު ހިމަނައިގެން ދަރިވަރުން ތައްޔާރުކުރާ ލިޔުންތައް އޭއޯނިއުސްގެ ސްކޫލްމީޑިއާ ޕޭޖްގައި ޝާއިއު ކުރުމަށް ފުރުސަތު ދެވޭނެއެވެ.

ސްކޫލް މީޑިއާ ކޭމްޕްގައި ބައިވެރިވި ސްކޫލްތަކުގެ ދަރިވަރުންނަށް އޭއޯ ނިއުސްގެ ސްކޫލްމީޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެއް އަހަރުގެ މަސައްކަތަށް ފަހު އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސްކޫލް މީޑިއާއެއް ހޮވުމަށް ފަހު އެ ސްކޫލަކަށް ސްކޫލްމީޑިއާ އެވޯޑް ދެވޭނެއެވެ.

2017 ވަނަ އަހަރުން ފެށިގެން އޭއޯ ނިއުސް އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ސްކޫލަކަށް ދޭ ސްކޫލް މީޑިއާ އެވޯޑާއި ސްކޫލް މީޑިއާ ޖާނަލިސްޓް އެވޯޑު 2018 ވަނަ އަހަރު މީދޫ ޝަމްސުއްދީން ސްކޫލުން ވަނީ ހޯދާފައެވެ. ސްކޫލް މީޑިއާ ޖާނަލިސްޓަކަަށް ހޮވިފައިވަނީ އެ ސްކޫލުގެ ސްކޫލްމީޑިއާގެ އެޑިޓަރ މުޙައްމަދު ހިޒްޔަމް ހާމިދެވެ.