English Edition
Dhivehi Edition

އޭއޯ ނިއުސް އާއި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން އެސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންނަށް 1 ދުވަހުގެ މީޑިއާ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ސްކޫލްތަކުގެ ދަރިވަރުން މީޑިއާ އަށް އަހުލުވެރި ކުރުމަށާއި މީޑިއާ ކްލަބް ތަކުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް ހުނަރާއި މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންނަށް ދާއިރާއިން ބޭނުންވާ ތަމްރީން ދިނުމުގެ މަގުސަދުގައި އޭއޯ ނިއުސް އިން ކުރިއަށް ގެންދާ “ސްކޫލް މީޑިއާ ޕްރޮގްރާމް” ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މެއި މަހުގެ 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލްގެ 30 ދަރިވަރަކު ވަނީ ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގައި ސެޝަން ނަންގަވައިދެއްވެވީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރ އިބްރާހިމް އަލީފެވެ.

މީޑިއާ ކޭމްޕްގައިވަނީ ދަރިވަރުންގެ ތެރެއިން ސްކޫލް ނިންމުމަށްފަހު މީޑިއާއިން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ދަރިވަރުންނަށް އެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތައް ކިޔައިދީ ނޫސްވެރިކަމުގެ ދާއިރާގެ މުހިއްމު ކަމާއި ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ބައިތައް ކިޔައި ދީފައެވެ.

2017 ވަނަ އަހަރުން ފެށިގެން އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމުގައި މީގެ ކުރިން ވެސް ވަނީ އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ހޯދައިދީފއެވެ. އަދި ތަމްރީނު ހޯދާ ދަރިވަރުންގެ ތެރެއިން ކުޑަ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ސްކޫލްގެ އިވެންޓްތަކުގެ ކަވަރޭޖް ހަދާނެ ގޮތް ދަސްކޮށްދީ އެ ދަރިވަރުންގެ ޚަބަރުތައް އޭއޯ ނިއުސްގެ ސްކޫލް މީޑިއާ ޕޭޖްގައި ޝާއިއު ކޮށްދީފައެވެ. އޭގެ އިތުރުން އެންމެ ރަނގަޅަށް މަސައްކަތް ކުރި ސްކޫލަކަށް ދޭ ސްކޫލް މީޑިއާ އެވޯޑާއި ސްކޫލް މީޑިއާ ޖާނަލިސްޓް އެވޯޑު ވެސް ވަނީ ދީފައެވެ.

އޭއޯ ނިއުސް އިން ނިންމާފައިވަނީ ދެކުނުގެ 4 އަތޮޅުގައި މިއަހަރު މިފަދަ އިތުރު ޕްރޮގްރާމް ތައް ކުރިއަށް ގެންދިއުމަށެވެ.