އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ކޭމްޕެއް މާދަމާ އީކުއޭޓަރ ވިލެޖްގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
އޭއޯ ނިއުސް އިން ކުރިއަށް ގެންދާ މި ކޭމްޕަކީ ސްކޫލްތަކުގެ މީޑިއާ ކްލަބުތަކާއި މީޑިއާ ކައުންސިލް ތަކުގައި މަސައްކަތް ކުރާ ދަރިވަރުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންނަށް ދާއިރާއިން ބޭނުންވާ ތަމްރީން ދިނުމެވެ. އެގޮތުން ސްކޫލްގައި ކުރިއަށް ގެންދާ ތަފާތު އިވެންޓްތަކުގެ ކަވަރޭޖް އަމިއްލަ އަށް ހަދާނެ ގޮތް ދަސްކޮށްދީ އެ އިވެންޓްތަކުގެ ޚަބަރާއި މައުލޫމާތު ހިމަނައިގެން ދަރިވަރުން ތައްޔާރުކުރާ ލިޔުންތައް އޭއޯނިއުސްގެ ސްކޫލްމީޑިއާ ޕޭޖްގައި ޝާއިއު ކުރުމަށް ފުރުސަތު ދެވޭނެއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕްގައި އައްޑޫގެ ސްކޫލްތަކުން 60 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕްގައި ބައިވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނީ އޭއޯނިއުސްގެ ޓީމުންނެވެ.
ސްކޫލް މީޑިއާ ކޭމްޕްގައި ބައިވެރިވާ ސްކޫލްތަކުގެ ދަރިވަރުންނަށް އޭއޯ ނިއުސްގެ ސްކޫލްމީޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެއް އަހަރުގެ މަސައްކަތަށް ފަހު އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސްކޫލް މީޑިއާއެއް ހޮވުމަށް ފަހު އެ ސްކޫލަކަށް ސްކޫލްމީޑިއާ އެވޯޑް ދެވޭނެއެވެ.