English Edition
Dhivehi Edition

ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާ ކޮންޓްރޯލްކުރާ މަދު ބަޔަކު ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް ޕީޕީއެމްއާއި ޕީއެންސީ ހައިޖެކްކޮށް، އެކި ގޮތްގޮތުން ދެ ޕާޓީ ގަޑުބަޑުކޮށްފައިވާކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް އެ ޕާޓީ އިން ވަކިވެއްޖެ އެވެ.

ޒާހިދު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއަށް ލިޔުނު ސިޓީގައި ވިދާޅުވީ ޕާޓީގެ އިހްލާސްތެރިން ބާކީކޮށް، މުޅި ގައުމު ވެސް ބަލައިނުގަންނަ މަދު ބަޔަކު މުޅި ޕާޓީގެ ނިޒާމަށް އަތްގަދަކުރުމަކީ މިދިޔަ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވި އެންމެ ބޮޑު އެއް ސަބަބު ކަމުގައެވެ.

މީގެ އިތުރުން ޒާހިދު ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ ކެމްޕޭން ޒާހިދު ފަށައި، އެތަކެއް ރައްޔިތުންނަކާ ބައްދަލުކޮށް ތާއީދު ހޯދަން ދަނިކޮށް މަހުޖަނެއްގެ ޕާޓީއަށް އެ ދާއިރާގެ ތާއީދު ވިއްކާލައި ޒާހިދުގެ ހައްގުތައް އެންމެ މަތީ އަގު ދިން ފަރާތަށް ނީލަން ކިޔާފައިވާކަމަށެވެ. އަދި މިހާރު ޕާޓިގެ އިސްސަފުގައި ތިބި ބައެއް މީހުން ގައުމީ މަސްލަހަތާއި ޔާމީންގެ ތަސައްވުރަށް ވުރެ ފައިސާގެ ދަހިވެތިކަން އިސްކޮށް، ކެމްޕޭންކުރުމަށް ކަނޑައަޅާފައިވާ ފައިސާ އާއި ވަސީލަތްތަކަށް ހިޔާނާތްތެރިވެފައިވާކަމަށެވެ. އަދި މި ވާހަކައަކީ ޕާޓީގެ އާންމު މެމްބަރުން ރުޅިވެރިކަމާ އެކު ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި މި ބީދައިން ކަންކަން ކުރިއަށް ދާނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް ބަލިވުމަކީ ވަރަށް ގާތުގައިވާ ކަމެއްކަމަށް ޒާހިދު ވިދާޅުވިއެވެ.

މީގެ ކުރިން ހިތަދޫ މެދު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ޒާހިދަށް ދީފައިވާއިރު ފަހުން އެ ޕާޓީން ވަނީ އެ ދާއިރާގެ ޓިކެޓު އަތުލައި، އަދި ޖުމްހޫރީ ޕާޓީން އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފަ އެވެ.