އައްޑޫސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބި އަވަދިވެއްޖެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލަންޖެހެނީ ހިތަދޫ މެދުދާއިރާއިން ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަމްޝީދާ މުހައްމަދު (މާހު) އެވެ.
މާހުއަކީ އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ. އެކަމަށްޓަކައި އޭނާއަށް މަރުހަބާ ދަންނަވަމެވެ. ސިޓީ ކައުންސިލަށް ޖަމްޝީދާ ވާދަކުރެއްވީވެސް ފޮނި އުންމީދުތަކާއި، ފިސާރި އަޒުމާއެކުގައެވެ. ތަރައްގީއާއި އިސްލާހީ ވިންދު ޖަހާ ހިތަކާގެންނެވެ.
ހިތަދޫ މެދުދާއިރާގެ ރައްޔިތުން ޖަމްޝީދާއަށް އާނ! ބަސް ބުނެފިއެވެ. ދާއިރާގެ ގޮނޑިއަށް ޖަމްޝީދާ ހޮވައިފިއެވެ. ރައްޔިތުންގެ ހައްގު އަދާކޮށް އެ ނިންމާލީއެވެ. ދެންއޮތީ ޖަމްޝީދާގެ ފަރާތުން ރައްޔިތުންނަށް ބަދަލު ދިނުމެވެ. ރައްޔިތުން ބޭނުންވަނީ ނަރުދަމާއެވެ. ސާފު ބޯފެނެވެ. މަގު ހެދުމެވެ. ގޯސްކޮށް ހިނގަމުންދާ ހުރިހާ ކަމެއްގެ އިސްލާހެވެ. މިހެން ގޮސް ލައްކަ ކަމެއް ޖަމްޝީދާގެ ދާއިރާގެ ރައްޔިތުން ބޭނުންވާނެއެވެ.
ރައްޔިތުން ޖަމްޝީދާއަށް އާނ! ބަސް ބުނެ ނިންމި ފަދައިން ޖަމްޝީދާވެސް ރައްޔިތުންގެ މުހުތާދު ތަކަށް އާނބާސް ބުނެފިއެވެ. ޖަމްޝީދާ އެންމެ އިސްކަން ދެއްވާނެ ކަމަށް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމާއި، ޖުމްލަކޮށް ސިޓީ ތަރައްގީ ކުރުމެވެ.
މިތަރައްގީގެ ތެރެއިންވެސް އެންމެބޮޑު އިސްކަމެއް ޖަމްޝީދާ ދެއްވާނީ އަންހެނުންގެ ތައްގީއަށެވެ. އަންހެނުންނަށްހުރި ފުރުސަތުތައް އިތުރުކޮށް އެފުރުސަތު އަންހެނުންނަށް ހޯދައިދިނުމަށެވެ. އަވަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައިހުރި ކަންކަން އަންހެނުންނާ ހަމައަށް ތިލަކޮށްދިނުމެވެ.
“އައްޑޫސިޓީގައި އެބަތިބި ކަންކަމަށް ވަރަށް ގާބިލް އަންހެނުން. އޭގެ ތެރޭގައި ސިޔާސީ މައިދާނަށް ނުކުމެ ވަރަށް ފުރިހަމައަށް ހަރަކާތްތެރިވެވޭނެ އަންހެނުން އެބަތިބި. އެހެންނަމަވެސް އެފަދަ ފުރުސަތު ލިބުން އޮންނަނީ ހަނިވެފައި. އެހެންވީމާ ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އެފުރުސަތު ވަރަށް ބޮޑަށް ފަހިކުރުމަށް މަސައްކަތް ކުރާނަން،” ޖަމްޝީދާ ވިދާޅުވިއެވެ.
ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ޖަމްޝީދާގެ ވަރަށް ބޮޑު ތަސައްވުރެކެވެ. ނަރުދަމާ އެޅުމާއި، ސާފު ބޯފެން ލިބުމާއި، ތާރު އަޅައިގެން މަގު ހެދުމަކީ އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަންކަމެވެ. އެހެންނަމަވެސް އެއީ ސީދާ ސިޓީކައުންސިލުން ކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަންކަން ކުރުމަށް މަސައްކަތް ކުރައްވާނީ ދާއިރާގެ މަޖިލިސް މެންބަރު މެދުވެރިކޮށް މަޖިލިސް ތެރެއިން ކަމަށް ޖަމްޝީދާ ވިދާޅުވިއެވެ.
“ރައްޔިތުން އަޅުގަނޑު ހޮވައިދީފި. އެކަމަށްޓަކައި އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށާއި، ދާއިރާގެ އެންމެހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އެވޯޓުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ސިޓީކައުންސިލް ފެންވަރުގައި މަސައްކަތް ކޮށްދޭނަން. ސީދާ ސަރުކާރު ތެރެއިން ކުރަން ޖެހޭކަންކަމަށް މަގުފަހި ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނީ ދާއިރާގެ މަޖިލިސް މެންބަރު މެދުވެރިކޮށް މަޖިލީސް ތެރެއިން. އިރާދަ ކުރެއްވިއްޔާ އިސްލާހަށް ކުރާ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުވާނެ،” ވަރަށް އަޒުމާއެކު ޖަމްޝީދާ ވިދާޅުވިއެވެ.
ވާހަކައިން ކަންކަން ކޮށްދިނުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް ޖަމްޝީދާ ވިދާޅުވީ އޭނާއަށް އޮތް އިތުބާރަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންތަކެއް ސިޓީއަށް މިފަހަރުވެސް އިންތިޚާބު ވުމެއެވެ. އޭގެ ތެރެއިން ތިން ބޭފުޅުންނަކީ ކުރިންވެސް ކައުންސިލުގައި ތިއްބަވައިގެން ވަރަށް ބޮޑަށް މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވައިފައިވާ ބޭފުޅުންނަށްވުމެވެ. އެފަދަ ބޭފުޅުން ހިމެނޭ ޓީމަކާއެކު މަސައްކަތް ކުރުމަކީ ނަތީޖާ ނެރެވޭނެ ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެ ޓީމުގެ ފަހަތުގައި އައްޑޫސިޓީގެ ތަރައްގީއަށް މަސައްކަތްކުރާނެ އައްޑޫގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ތިބުމަކީ ޖަމްޝީދާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ޖަމްޝީދާގެ އެންމެބޮޑު އެއް މަގުސަދަކީ ލާމަރުކަޒީ ގާނޫންނަށް ކަނޑުވައިފައިވާ ބާރުތައް އަލުން ހޯދުމަށް މަސައްކަތް ކުރުމެވެ. އެބާރުތައް އަލުން ސިޓީކައުންސިލަށް ލިބުމަކީ ސިޓީގެ ކުރިއެރުމެވެ. ސިޓީގެ ހިނިތުންވުމެއެވެ. ސިޓީއަށް ފުރާނަ އެޅިގެންދާނީ އެ ގާނޫނުތަކަށް އަލުން “ފުރާނަ އަޅުވައިގެން” ކަމަށް ޖަމްޝީދާ ވިދާޅުވިއެވެ.