English Edition
Dhivehi Edition

ދެހާސް ހަތަރުވަނަ އަހަރު ސްރީލަންކާގައި ސައުތުއޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން ބޭއްވި ބޮޑީބިލްޑިން މުބާރާތުން ރަންމެޑެލް ހޯދި އައްޑޫސިޓީ ފޭދޫ ރަނައުރާގޭ އަބްދުﷲ މިފްތާހު (މިފޫ) ގެ މަތިން މިހާރު ހަނދާންހުރީ ކިތައް މީހުންހެއްޔެވެ؟

އޭނާހޯދި ވިދުންގަދަ ރަންމެޑެލް އަދިވެސް އޭނާގެ ފޮށީގައި އެބައޮތެވެ. އެކަން ދަންނަނީ ކޮންބައެއްހެއްޔެވެ؟ އޭނާ ރަންމެޑެލް ހޯދި މުބާރާތުން އެމްއެންޑީއެފްގެ ބޭކަލަކުވެސް ރަންމެޑެލް ހޯދިކަމަށް މިފްތާހު ބުންޏެވެ. އެހެންނަމަވެސް ހިތާމައަކީ އެކަން ފާހަގަކުރާނެ ބަޔަކު ނެތުމެވެ. ބޮޑީބިލްޑިން ފެޑެރޭޝަނުންވެސް އެކަމެއް ފާހަގައެއް ނުކުރެއެވެ.

މިފްތާހު ހޯދި މެޑެލަކީ ރަށުސްކޫލުގައި އުޅުނުއިރުން ފެށިގެންކުރި މަސައްކަތުގެ ނަތީޖާއެވެ. މާލެ ބަދަލުވެ ހާމިދު އަބްދުލްޣަފޫރާއި ވަހީއްދީން ފަދަ ބޭފުޅުންގެ އެހީތެރިކަމާއެކު އޭނާކުރި މަސައްކަތް އަދިވެސް ހަނދާން އެބަހުއްޓެވެ.

އޭނާބުނީ ކިތަންމެ މެޑެއްޔެއް ގެނަޔަސް އޭގެ ރެކޯޑެއްވެސް ރަސްމީކޮށް ބެލެހެއްޓިފައިނުވާ ކަމަށެވެ. ބޮޑީ ބިލްޑިން އިން ރާއްޖެއަށް ފުރަތަމަ ރަންމެޑެލް ގެނައީ ކާކުކަމެއް އޭނާއަށްވެސް ނޭނގެއެވެ. ހަމަގައިމުވެސް ބޮޑީ އައްލާވަނީ މިފޫއަށްވުރެ ކުރިން ގޯލްޑެއް ހޯދައިފައެވެ.

“މިކަން މިހެންއޮއްވައި މީގެ ދެއަހަރެއްހާ ދުވަސްކުރިން މި އަޑުއިވެނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ރަންމެޑެލް ލިބުނުވާހަކަ މީޑިއާއިން. ބޮޑީބިލްޑިން ފެޑެރޭޝަނުން ލިޔެކިޔުން ރަނގަޅަށް ބަލަހައްޓާނަމަ އެހެންވެގެންނުވާނެ. އަހަރެމެންނަކީ 2004 ގައި ބޮޑީބިލްޑިން އިން ގޯލްޑު ގަނައިމީހުން. މިހާރުވެސް އެއޮތީ،” މިފްތާހު ބުންޏެވެ. އޭނާބުނީ އޭނާ ގޯލްޑުމެޑެލް ހޯދިކަމުގެ އެއްވެސް ވާހަކައެއްވެސް ފޮޓޯއެއްވެސް މީޑިއާން އަދިވެސް ނުފެންނަ ކަމަށެވެ. އެހެން އެވަނީ އެކަން ބަލައިގަތް ބަޔަކުނެތިގެން ކަމަށް އޭނާ ބުންޏެވެ.

އޭނާ 2004 ވަނަ އަހަރު އެ ހޯދި ކާމިޔާބީ ރާއްޖެއިން ވަރަށްބޮޑަށް ފާހަކުރިއެވެ. އެއްނަންބަރު ފާލަމާ ހަމައަށް އަންނަންދެނެވެ. އެ މުބާރާތަށް އޭނާ 9ލަންކާއަށްދިޔައީ ވަރުގަދަ ތަމްރީން ހެދުމަށްފަހު ފުރިހަމަ ޔަގީންކަމަކާއި އަޒުމަކާއެކީގައެވެ. “އެ ޓްރެއިންހެދީ ސިންގަޕޫރުގައި. ޓްރެއިނިން ނިންމައިފައި ސީދާ ދިޔައީ ލަންކާއަށް. އެ މުބާރާތުން ގޯލްޑުމެޑެލް ހޯދައިގެން އައީ. މެޑެލް ހިފައިގެން ހުޅުލެއާ ހިސާބަށް އައީ ރަތްދޫލައިގައި. މާލެ އައިސް އެއްނަންބަރު ފާލަމާ ހިސާބުން ނުވެސްދެކެން އެސޯސިއޭޝަންގެ ބަޔަކު. ހަމަ ޓެކްސީއެއްގައި ގެއަށްވެސްދިޔައީ. އެ ނިމުނުގޮތަށް އެމީހުންގެވެސް ޚަބަރެއްނުވޭ،” އޭނާ ބުންޏެވެ.

ފެޑެރޭޝަންމީހުން ގެއްލުނަސް ޖެހިގެން އައިއަހަރު ދިވެހި ސަރުކާރުންވަނީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން (ރައީސް މައުމޫނުގެ ވެރިކަމުގައި) ގައުމަށް ރީތިނަން ހޯދައިދިނުމުގެ އިނާމް ދެއްވައިފައެވެ. އިތުރު އިނާމެއްވެސް ފައިސާއެއްވެސް އޭނައަށް ނުލިބެއެވެ.

އެއީ މާޒީއެވެ. އެވާހަކަ ދެއްކިދެއްކިހެން އެހަނދާނާއި އެ އިހުސާސާއި އެ ޖޯށާއި އެފޯރި އަންނާނީއެވެ. އަލުން އެކަންކުރާހިތްވާނީއެވެ. އޭރުގެ ރައްޓެހި ރަހުމަތްތެރިން މަތިން ހަނދާންވާނީއެވެ. މިހާރުވެސް އޭރުގެ ރައްޓެހިންގެ މަތިން ވަރަށް “މިސް” ވާ ކަމަށް އޭނާ ބުންޏެވެ.

މިފޫ ބުނީ އެމީހުންނަށްފަހު ރާއްޖެއަށް ބޮޑީބިލްޑިންގެ ދާއިރާއިން ކުރިއެރުމެއް ލިބުނު ކަމަށް ގަބޫލު ނުކުރާކަމަށެވެ. އެހެންވަނީ ރަނގަޅަށް އެކަންނުކުރެވޭތީ ކަމަށްވެސް ބުންޏެވެ. އެކަން ކުރަންޖެހޭނީ ފެޑެރޭޝަން ހިންގަންތިބޭ މީހުންކަމަށްވެސް އޭނާ ބުންޏެވެ.

ކުރިއާ އަޅައިބަލާއިރު “ބުނެވޭނީ ހަމަ ޒީރޯއޭ. ކޮންމެ އަހަރަކުވެސް ދެތިންމުބާރާތަށް މިހާރުވެސް އެބަދޭ. ދާބައެއްގެ ނަމެއްވެސް މިހާރަކުނޯވޭ. ބޮޑީބިލްޑިން ފެޑޭރޭޝަންތެރޭގައި އުޅޭމީހުންގެ މެދުގައި ބޮޑީބިލްޑިންގެ ވާހަކަކޮށްމެވެސް ވަރަކަށްދެކެވޭ. މީޑީއާގައިވެސް އެވާހަކައެއް މިހާރު ނުދައްކާ. ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ބޮޑީބިލްޑީންގެ ވާހަކަ ހުއްޓުނީ،” އޭނާ ބުންޏެވެ.

ރާއްޖޭގައި މިހާރުތިބި ބޮޑީބިލްޑަރުންވެސް މިފްތާހު ދަނެއެވެ. އެހެންނަމަވެސް އެމީހުންގެ މިހާރުގެ ހާލަތެއް މާބޮޑައަށް އޭނާއަށް ނޭނގޭއެވެ. ނުވެސްބެލެނީއެވެ. އެމީހުންނާ ދިމާނުވާތާ މިހާރު ގާތްގަޑަކަށް ހަތްވަރަކަށް އަހަރުވެއްޖެއެވެ.

މިފްތާހު ބުނީ ކިތަންމެ އުންމީދަކާއެކު ދާއިރާއަށް ނުކުތަސް އެންމެ އެދެވޭގޮތުގައި ރާއްޖޭގައި އެކަންނުކުރެވުނު ކަމަށެވެ. އެހިސާބުން ވަރަށްބޮޑަށް ފޫހިވާންފެށިއެވެ.

ރަސްމީކޮށް ބޮޑީބިލްޑުކުރަން އޭނާފެށީ 1995 ވަނަ އަހަރުއެވެ.ފުރަތަމަ މުބާރާތެއްގައި ބައިވެރިވީ 2001 ވަނައަހަރުއެވެ. އެއީ ލޯކަލް މުބާރާތެކެވެ. އެމުބާރާތުން ދެވަނަ ހޯދައިގެން މިފްތާ އޭރުވެސް އުންމީދު އައުކުރިއެވެ. ބިލްޑް ކުރުން އޭނާ ހުއްޓައިލީ ބައިނަލްއަގުވާމީ މުބާރާތަކުން ރަންމެޑެލް ހޯދައިފައެވެ. 2003 ވަނަ އަހަރު އިންޑިއާގެ ގޯއާގައި ބޭއްވި މުބާރާތެއްގައިވެސް އޭނާ ބައިވެރިވިއެވެ. އެ މުބާރާތުންވަނީ ރިހިމެޑެލް ހޯދައިފައެވެ.

އެހިސާބަށް ގޮސްފައި އޭނާހުއްޓައިލީ ކީއްވެހެއްޔެވެ؟ “ހުއްޓައިލީ ހަމަ ފެޑަޕްވެގެން ފޫހިވެގެން. ކުރާ މަސައްކަތް އެމީހުން (ފެޑެރޭޝަނުން) ބަލައިނުގަންނަ ކަންއެނގޭ. މެޑެލް ހޯދަނީ އަހަރެމެން. މެޑެލްހޯދިފަހަރުވެސް ފުރަން ކޮލަމްބޯ އެއާޕޯޓަށްއައީ މޮޓޯކޭޑުގައި. މެޑެލް ހިފައިގެން ހުޅުލެއަށް އައިމައި ހިތަށްއެރީ މިއޮތީ ބަލައިގެނެފައޭ. ރަތްދޫލަމަތީގައި ވަރަށް ޝަރަފާއެކު ފޭބީ. އޭރުގެ ޗެއާމަން ޑީންވެސް ވަރަށް ކައިރީގައި ހުންނެވި. ވަރަށް ޝަރަފާއެކު ލޯޗުގައި އެއްނަމްބަރު ފާލަމާ ހަމައަށްއިރު ވަރަށްގިނަމީހުންތިބި. އެހިސާބުން ފެޑެރޭޝަނުގެ މީހުންވެސް ގެއްލިއްޖެ. އެހިސާބުން ކުރިމަގާމެދު ދެއްކީވާހަކަތައްވެސް ހުއްޓިއްޖެ. އޭގެސަބަބުން މުސްތަގުބަލްވެސް ގެއްލުނީ. ފޫހިވެސްވީ،” އޭނާ ބުންޏެވެ. ހަށީ ފުއްޕައިގެން ބައިނަލް އަގުވާމީ މުބާރާތަކުން ރަންވަނައެއް ލިބުމާއެކު އެދާއިރާއިން އޭނާގެ މުސްތަގުބަލް ފެށުނީކަމަށް މިފޫ އުންމީދުކުރިއެވެ. އެހެންނަމަވެސް އުންމީދުވީ ހުވަފެނަކަށެވެ. ލިބުނީ “ލަނޑެއް” ކަމަށް އޭނާ ދެކެއެވެ.

އެއީ މާޒީއެވެ. މިހާރު އަމިއްލަ ވަޒަނުގައި ހުރެގެން އޭނާ މަސައްކަތްކުރަނީ ވަރުގަދަ އާއިލާއެއް ބިނާކުރާށެވެ. މިހާރު ވަޒީފާ އަދާކުރަނީ އައްޑޫއިންޓަރނޭޝަނަލް އެއާޕޯޓުގައެވެ. އެހެންނަމަވެސް އަދިވެސް އޭނާއަކީ ފަޚުރުވެރި ގޯލްޑު މެޑަލިސްޓެވެ. ރާއްޖެއާއި އައްޑޫ ފަޚުރުވެރިވި އައްޑޫ ދަރިއެވެ. ފަޚުރުވެރިވީ އެ މެޑަލަށްޓަކައި ކަމަށްވާނަމަ އަދިވެސް އޭތި އެބައޮތެވެ. އެމީހާވެސް އެހުރީއެވެ.

1 ކޮމެންޓް
Madhin
މެއި 10, 2022
Guys that's my daddy