English Edition
Dhivehi Edition

އިސްރާފްކުރުމަކީ މާތްﷲ ނުރުއްސަވާ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އިސްރާފްކުރުމަކީ ވެވޭ ހިޔާނާތެކެވެ. ކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޚަރަދުކޮށް ވަގުތު ނަގާލުމަކީ އިސްރާފްގޮތުގައި ބެލެވިދާނެއެވެ. އިސްރާފުކުރުމަކީ ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދެއްކިދާނެ ސުރުހީއެކެވެ. ނަމަވެސް މި އާރޓިކަލްގައި އަލި އަޅުވާލަން ގަސްތުކުރަނީ މިހާރަކަށް އައިސް މުޖްތަމަޢުގެ ތެރެއިން ފެންނަ ބައެއް އިސްރާފްތަކުގެ މައްޗަށެވެ.

ހޮޓާތަކަށާއި ކެފޭތަކަށް ކުރާ ޚަރަދު އާއިލާއާ ނުވަތަ ރައްޓެހިންނާއެކު އެކަށީގެންވާ ކޮލެޓީ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ތަކަކީ ވަރަށް މުހިއްމު ތަންތަނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން މިތަންތަނަށް ކުރާ ޚަރަދުތަކާ ދޭތެރޭ ފުންކޮށް ވިސްނާލުން ވަރަށް މުހިންމެވެ. އަޅުގަނޑުމެން ރެޔާދުވާލު ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ އެހާފަސޭހަކޮށް މިތަންތަނަށް ހޭދަކޮށްލުމަކީ އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހޭ ކަމެކެވެ.

ކޮފީއަށް ނުވަތަ ހޮޓާ ރެސްޓޯރެންޓުތަކަށް އާދަވެފައިވާ ބޭފުޅުން މަހެއްގެ މައްޗަށް ހޭދަކުރާނެ ވަކި މިންވަރެއް ކުރިން ކަނޑައަޅާފައި ބޭއްވުން ވަރަށް މުހިންމެވެ. ވަކި ހައްދެއްނެއްގޮތުގައި މިތަންތަނަށް ފައިސާތައް ހޭދަކޮށްލުމަކީ ވެވޭ ވަރަށް ބޮޑު އިސްރާފެކެވެ.

ނޭދެވޭ ބަސްތަކުން ކުރާ އިސްރާފް
އަޅުގަނޑުމެންގެ އަނގައިން ބޭރުކޮށްލާ ކޮންމެ ބަހަކީ ލިޔުއްވޭނެ ބަހެކެވެ. ކޮންމެވެސް ދުވަހަކުން މިބަސްތަކަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. ވީމާ ރީތިބަހުން ތެދުވެރިކަމާއިއެކު އެހެންމީހުންނާ މުޢާމަލާތުކުރުމަކީ ތިމާގެ ޤަދަރު އެހެންމީހުންގެ ހިތްތަކުގައި އުފުލިދާނެ ކަމެކެވެ.
ބައެއްމީހުން ކަމެއްވާއިރަށް ހަޑިހުތުރުބަސްތައް ބޭނުންކޮށް، ހިތު ހުރިގޮތަކަށް މުޢާމަލާތުކުރާތަން ފެނެއެވެ. މާނައެއްނެތް ބޭކާރު ވާހަކަ ގިނަކުރުމަކީ އެހެންމީހުން ފޫހިވާނެ ކަމެކެވެ. އަދި އެހެންމީހުން ނެތްތަނެއްގައި އެމީހުންގެ ވާހަކަދައްކާ ފިތުނަ އުފެއްދުމަކީ ތިމާގެ ހެޔޮކަން އުނިވެ، ފަހުން ދެރަވާންޖެހިދާނެ ކަމެކެވެ.
ވީމާ، އަޅުގަނޑުމެންގެ އަގައިން ބޭރުވާ ބޭކާރު ބަސްތައް މަދުކޮށް، ވިސްނުންތެރިކަމާއި އެކު ވަހާކަދައްކަން އާދަކުރަން ޖެހެއެވެ.

ލިބޭ ހުސްވަގުތުންކުރާ އިސްރާފް
ހުސްވަގުތުގެ ބޭނުން ފުރިހަމަގޮތުގައި ހިފާށޭ ބުނާ ޖުމްލަ އަކީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑު އަހާ ޖުމްލައެކެވެ. ނަމަވެސް މިގޮތައް ބަދަލުކުރުމަށް ހިތްވަރާއިއެކު މަސައްކަތްކުރާތަން ފެންނަނީ މަދުބައެއްގެ ކިބައިންނެވެ. ލިބޭ ހުސްވަގުތުތައް ޕްރޮޑަކްޓިވް ނުވަތަ އުފެއްދުންތެރިގޮތެއްގައި ހޭދަކޮށްލުން ވަރަށް މުހިއްމެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ކުރާނެ ކަންކަން އެނގި ސާފްވެފައި އޮތުން މުހިއްމެވެ.
ލިބޭ ހުސްވަގުތުގައި މާއްދީގޮތުން ނުވަތަ ރޫހާނީ ގޮތުން ކުރިއެރުން ހޯދަން މަސައްކަތްކުރުން މުހިއްމެވެ. ކުރާ ކޮންމެ ކަމަކީ ބޮޑެތި ކަންކަމަށް ވާކަށް ނުޖެހެއެވެ. އެކަމަކު ކުރާ ކޮންމެ ކަމަކީ މުހިއްމު، އަދި މާނަހުރި ކަމަކަށް ވާންޖެހެއެވެ. އެހެން ނޫނީ ފަހުން ވަގުތު އިސްރާފްކުރެވުނީތީ ހިތާމަކުރަންޖެހިދާނެއެވެ.
ކާއެއްޗެހިން ކުރާ އިސްރާފް
ރަނގަޅު ފައިދާހުރި އެއްޗެހި ކެއުމަކީ ސިއްޙަތައް ނުހަނު ފައިދާ ހުރިކަމެކެވެ. ނަމަވެސް ތިމާއަށް ބޭނުންވާވަރަށް ވުރެ އިތުރަށް ކާއެއްޗެތި ހަދައި އުކާލުމަކީ ކުރެވޭ އިސްރާފެކެވެ.ކެއުމުގެ ފެންވަރުވެސް ތިމާއަށް ލިބޭ އާމްދަނީއަށް ނިސްބަތްކުރުން މުހިއްމެވެ.ގަނެވޭ ކާތަކެއްޗަކީ ކޮންމެހެން ގަންނަންޖެހޭ އެއްޗެއްތޯވެސް ސުވާލުކޮށްލަން ޖެހެއެވެ. މީހާގެ ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ އިތުރަށް ކެއުމަކީވެސް އިސްރާފެކެވެ.