English Edition
Dhivehi Edition

ދައުލަތައް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ބަލައިގަތުމަށް އުފައްދަވާފައިވާ މީރާ އިސްލާހުކޮށް އެތަނަކީ ވިޔަފާރިތަކައް ފަހި ތަނެއްގެގޮތުގައި ހަމަޖެއްސުމަކީ މިސަރުކާރު ވެރިކަމަށް އައުމުގައި ވެފައިވާ ވަޢުދެކެވެ. ބެލެވޭގޮތުގައި މީރާ އިސްލާހުކުރާނަމޭ ބުނިބަހުގެ މާނައަކީ އެތަނުގެ އެތެރެއިންނާއި ބޭރުން ހުރި ކަންބޮޑުވުންތައް ބަލައި އިސްލާހުކުރުމެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރުވެސް ސަރުކާރުން މިކަމާއި ގުޅިގެން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ވިދާޅުވެފައި ނުވެއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މީރާ އިސްލާހުކުރާނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރައްވަންޖެހެނީ މީރާގެ ކޮމިޝަނާރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނާރ ޖެނެރަލުގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކޮށްދިނުމެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ބިލު ޑްރާފްޓުކުރެވުނު އިރު އެކަމުގައި ބައިވެރިވި ފަރާތްތަކުގެ އަޣުލަބިއްޔަތުން ނިންމާފައި އޮތީ އެދެމަގާމަކީވެސް މީރާގެ ބޯޑުގެ މެމްބަރުންކަމަށެވެ. އަދި އެދެމަގާމުގެ މުއްދަތު ބޯޑުމެމްބަރުންގެ މުއްދަތާއިއެކު ހަމަވާނެކަމަށެވެ. އެހެންކަމުން އެދެމަގާމުގެ މުއްދަތު ވަކިވަކިން ބަޔާންކޮށްފައި ނުވާނެއެވެ. މިދެންނެވި ބިލު ގާނޫނަކަށް ވެގެން އައިއިރުވެސް އިސްވެ ދެންނެވުނު މާއްދާތައް ހުރީ އެގޮތަށެވެ. ނަމަވެސް މިދެމަގާމާއި އެކު އައްޔަނުކުރެވުނު މީރާގެ ފުރަތަމަ ބޯޑުމެންބަރުންގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް މިދެމަގާމު އެގޮތުގައި ދެމިއެބައޮތެވެ. މިދެމަގާމަށް ބޭފުޅުން އަލުން އައްޔަންކުރަން މަޖިލީހަށް ހުށަހެޅިކަމެއް ނުވަތަ މަގާމުގެ މުއްދަތައް ވެގެންދިޔަގޮތް ސާފުވާކަށް ނެތެވެ. އެދެމަގާމުގެ މުއްދަތު ހަމަނުވާނަމަ އެއީ އުމުރުދުވަހަށް އައްޔަނުކުރެވޭ ދެމަގާމުކަންވެސް ރައްޔިތުންނަށް އެނގެން އެބަޖެހެވެ. މީގެ އިތުރުން މިދެންނެވި ބިލު ޑުރާފްޓުކުރެވުނުއިރު އިއްތިފާގު ވެވުނު އަނެއްކަމަކީ މިދެމަގާމުގައި ތިބޭ މެމްބަރުންނަށް، މަސްލަހަތު ފުށުއަރާނެތީވެ، މީރާގެ ބޯޑުގެ ޗެއާމަން ކަމާއި ނައިބުކަން ނުކުރެވޭނެކަމަށެވެ. އެހެންނަމަވެސް އެމައްސަލަ މާއްދާއެއްގެ ގޮތުގައި ނުހިމެނީ އެފަދަ މަގާމުތަކައް އައްޔަނުކުރާ ބޭފުޅުންގެ އިންޓެގްރިޓީ ރަނގަޅުވާނެކަމަށާއި އެބޭފުޅުން އަމިއްލައަށްވެސް މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުވާނެކަމަށް ބެލެވިގެންނެވެ. ކަންމިހެން އޮތްނަމަވެސް މިއަދު މީރާގެ ބޯޑުގެ ޗެއާމަންކަމާއި ނައިބުކަންވެސް އޮތީ މިދެމަގާމާއި ގުޅިލާމެހިފައެވެ. އެހެންކަމުން މިއީ ގާނޫނީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަންކަމެކެވެ.

ދެންއޮތީ މީރާގެ މުވައްޒަފުންނާއިބެހޭ ގަވާއިދުގެ ވާހަކައެވެ. މީރާގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ފަރާތަކުން މިފަދަ ޝަކުވާތަކެއް މިދޭތެރެއަކުން ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްލާފައިވެއެވެ. އޭގައިވާ ގޮތުން އަހަރީ ޗުއްޓީ ބައިބަޔަށް ދިނުމާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ މައްސަލަތަކާއި މިނޫންވެސް އެތައް މައްސަލައެއް ފާހަނގަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން މީރާއިން އެގަވާއިދަށް ބަދަލުތަކެއް ގެނައިކަމުގެ ވާހަކަވެސް ނޫސްތަކުން ހާމަކުރިއެވެ. އަޅުގަނޑަށް އެނގޭހައިވެސް ކަމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކާއި ޚިލާފަށް ނުވަތަ ފުށުއަރާގޮތަކަށް އެއްވެސް މުވައްސަސާއަކުން ގަވައިދުތައް ހަދައިގެން ނުހިންގޭނެކަމެވެ. އަދި އެފާޅުކުރި ޝުއޫރަށް ބަލާއިރު ގާނޫނާއި ޚިލާފު ގިނަކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިނިވަން މުވައްސަސާތަކުން ހަދައި އަމަލުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ގާނޫނާއި އެއްގޮތަށް ހެދިފައިހުރި ގަވާއިދުތަކެއްތޯ ކަށަވަރުކުރުމަކީ މުހިއްމުކަމެކެވެ.

ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ޓެކުހާއި ގުޅިގެން އުފެދޭ މައްސަލަތަކުގައި މީރާއިން ނަގާ ޓެކުހާއި ކުރާ ޖޫރިމަނާގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ވާހަކައެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން ވިޔަފާރިތަކެއް ބަނގުރޫޓުވެގެން ގޮސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި މީރާއިން ޓެކްސް ނަގަމުން އަންނަނީ ގާނުން އެކަން އެގޮތަށް ކުރުމަށް މީރާގެ މައްޗަށް ލާޒިމުކޮށްފައި ވާތީއެވެ. އެކަމާއި ގުޅިގެން ވިޔަފާރިތަކައް ހުރި ދަތިތައް ހައްލުކޮށްދީ ވިޔަފާރިތައް ބަނގުރޫޓުނުވާނެގޮތް ހެދުމަކީ މީރާގެ މަސްއޫލިއްޔަތެއް ނޫނެވެ. އެހެންކަމުން ކުދި ވިޔަފާރިތައް ތަރައްގީކޮށް ޓެކުހުން އެވިޔަފާރިތައް ރައްކާތެރިކޮށް ތަރައްގީކުރާނެ ގޮތްތައް ރާވަންޖެހެނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުންނާއި ގާނޫނީ މުވައްސަސާތަކުންނެވެ. ނަމަވެސް، ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުވަތަ ޓެކުހެއް ނެގޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށްވާތީ، ޓެކުހާއިގުޅޭ މައްސަލަތަކުގައި ވިޔަފާރިތަކުގެ އެކައުންޓް މީރާއަށް ފުރީޒުކުރެވިގެން ނުވާނެއެވެ. ވިޔަފާރިއެއްގެ އެކައުންޓު ފުރީޒުކުރުމުން އެވިޔަފާރިއަށް ލިބޭ މާލީ ގެއްލުން ވިޔަފާރިވެރިންނަށް ވަރަށް ރަނގަޅަށް އެގޭނެއެވެ. އެހެންކަމުން ވިޔަފާރިއަކަށް މާލީ ގެއްލުމެއް ލިބޭފަދަ ފިޔަވަޅެއް އަޅަންވާނީ ޝަރުއީ ކޯޓެއް މެދުވެރިވެގެންނެވެ. ހަމައެއާއެކު ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ޓެކްސް ނުދެއްކުމުން އެއަށް އިތުރުވާ އިންޓަރެސްޓް ނުނެގޭނެގޮތް ހަމަޖައްސަން ޖެހެއެވެ. މީގެ އިތުރުން އާއްމު ރައްޔިތުމީހާ އަށް ލުއިކުރުމުގެ ގޮތުން ޓެކްސް ނުނަގާ ބާވަތްތަކުގެ ބޭނުން އެންމެހައި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ ބޭރުމީހުންނާއި ވިޔަފާރިވެރިންނަށްވެސް އޮތުމުން އޭގެ މަގްޞަދު ހާސިލުނުވެ ދައުލަތަށް ބާރުބޮޑުވެގެން ދެއެވެ. އަދި ޒަރޫރީ ބޭނުންތަކައް ބޭނުންވާ ބައެއް ބާވަތްތަކުން ޓެކްސް ނުނަގާއިރު އޭގެތެރެއިން އެންމެ މުހިއްމު އެއްބާވަތުން ޓެކްސް ނަގާގޮތަށް އޮވެދާނެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ހަނޑުލުން ޓެކްސް ނުނަގައި ލޮނުން ޓެކްސް ނަގާފާނެއެވެ. ވުމާއެކު ވިޔަފާރީގެ އެކިއެކި ސިނާއަތްތަކަށާއި އާއްމު ރައްޔިތުންނަށް ޓެކްސްއިން ލުއި ދިނުމުގެ ކަންކަން ކަމާއިބެހޭ އިދާރާތަކުން އިތުރަށް ދިރާސާކޮށް، އެފަދަ ލުއިތަކުގެ ފުރިހަމަ މަޤްޞަދު ހާސިލުވާނެހެން ގާނޫނުތަކައް ބަދަލުގެންނަން ޖެހެއެވެ. އާއްމު ރައްޔިތުމީހާއަށް ދެވޭ ސަބްސިޑީ ލިބެނީ ހަމައެކަނި އެރައްޔިތުމީހާ އަށް ކަން ކަށަވަރުވާން ޖެހެއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި މިނިވަން މުވައްސަސާތަކުގެ ތެރެއިން ހަމައެކަނި މީރާ އިސްލާހުކުރާ ވާހަކަ ދެއްކުމަކީވެސް އެންމެ އިންސާފުވެރިގޮތެއް ނޫނެވެ. ސަބަބަކީ ރާއްޖޭގައި ހުރި ގިނަ މިނިވަން މުވައްސަސާތަކުން ރައްޔިތުން އެދޭގޮތަށް ޚިދުމަތް ދެވެމުން ނުދާކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. މިނިވަން ވުމުގެ މާނަ އެބޭފުޅުންނަށް އޮޅިވަޑައިގަންނަވަނީ ކަމަށްވެސް ވެދާނެއެވެ. އޭގެ މާނައަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ނުހިގާ މިނިވަން ދައުލަތެއް ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެއްވެނީ ކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި ހާދިސާއެއް މިތާގައި ހިއްސާކޮށްލާނަމެވެ. އޭނައަކީ ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރުމަށްޓަކައި މިނިވަން މުވައްސަސާއަކުން ލައިސަންސް ދޫކުރާ މަސައްކަތެއް، އެމުވައްސަސާއިން ލައިސަންސް ހޯދައިގެން ކުރަމުން އަންނަ މީހެކެވެ. އެއްދުވަހަކު ފޭސްބުކުން އޭނައަށް ފެނުނު އެއްޗެއް އޭނަގެ ރައްޓެއްސަކާއި ޝެއާރ ކޮށްލީއެވެ. އަދި އެޝެއާރ ކުރި އެއްޗަކީ އޭނަ ލައިސަންސް ނަގައިގެން ކުރާ މަސައްކަތާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް މިދެންނެވި މުވައްސަސާގެ އިސްވެރިންނަށް މީނަ ޝެއާރ ކުރި އެތި ފެނިގެން އެކަމާއި ހިތްހަމަނުޖެހިގެން އޭނަ އެމުވައްސަސާއަށް ހާޒިރުކޮށް ބަޔާންނެގީއެވެ. މިފަދަ އެހެން ހާދިސާއެއްގައި މިނިވަން މުވައްސަސާގެ މުވައްޒަފަކަށް އެތައް ދުވަހެއް ކުރިން އެދިގެންވެސް އަހަރީ ޗުއްޓީ ހަމަޖައްސައިނުދީ އޮތްވައި ރާއްޖެއިން ބޭރުގައި އުޅެމުންދިޔަ އޭނަގެ އާއިލާގެ ކާރިއަށް، ބަންދު ދުވަސްތަކެއްގައި ދާންއުޅުމުން އެކަމަށްވެސް ހުރަސް އަޅައި އެންމެ ފަހުން އެމައްސަލަ އޭނަގެ ބޮޑު ކުށަކަށް ހެދީއެވެ. އަދި ނުވިތާކަށް އޭނައަށް އެންގީ ވަޒީފާ ދަށްކުރިކަމަށާއި އެކަމާއި އެއްބަސްނުވާނަމަ ކަނޑާލާނީ ކަމަށެވެ. އޭނަ އެމައްސަލައާއި މެދު ހިތްހަމަނުޖެހިގެން ލޭބާ ޓްރައިބިއުނަލަށް ދާނެކަމަށް ބުނުމުން އެތަނުގެ އިސްވެރިޔާ އެމުވައްޒަފާއި ދިމާލަށް ބުނިކަމަށް ވަނީ “ޓްރައިބިއުނަލުން ވަޒީފާ ދޭން ބުނީމަ ވަޒީފާ ދީފަ އަނެއްކާ ކަނޑާލީމަ ނިމުނީނު” ކަމަށެވެ.

މިނިވަން މުވައްސަސާއަކީ އެއްވެސް ހާލެއްގައި ރާއްޖޭގެ ސަރަހައްދުގައި އުފައްދާ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ބާރުލިބިގެން ގާނޫނަކުން ވަކި މަސްއޫލިއްޔަތެއް ހަވާލުކުރާތަންތަނެވެ. އަދި އެތަންތަން ހިންގަންޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ބައެއް މުވައްސަސާތަކުން ގަވާއިދުތައް ހަދައި އެމައްޗަށް އަމަލުކުރުން އެތަންތާގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ލާޒިމުކުރަމުން އެބަގެންދެއެވެ. ބައެއް މުވައްސަސާތަކުގައި ހުރި މުވައްޒަފުންގެ ގަވާއިދުތަކުގައި ވަކި ގަޑިއެއް ހަމަވަންދެން މަސައްކަތްނުކޮށްފި ނަމަ ނުވަތަ ވަކި ދުވަހަކު މަސައްކަތްނުކޮށްފި ނަމަ ނުވަތަ ސަލާމް ބުނެފި ނަމަ އިތުރުގަޑީގެ ފައިސާ އާއި އެހެން އިނާޔާތްތައް ނުލިބޭނެކަމަށް އޮތުންފަދަ ގާނޫނާއި ޚިލާފު މާއްދާތައް އެބަހުއްޓެވެ. އަނެއްބައި މުވައްސަސާތަކުން އެތާނގެ މުވައްޒަފުން މަސައްކަތްކުރާތާ 1 އަހަރުވުމުން ގާނޫނީގޮތުން ހައްގުވާ 30 ދުވަހުގެ އަހަރީ ޗުއްޓީ ބައިބަޔަށް ބަހައިލައިގެން ދެމުން އެބަގެންދެއެވެ. ބައެއް މުވައްސަސާތަކުގެ ވެރިންގެ ހުއްދަލިބިގެން މެނުވީ އިތުރު ގަޑީގައި ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ނޯވެއެވެ. އަދި ބައެއް މުވައްސަސާތަކުގެ ވެރިން އެތާގެ މުވައްޒަފުންނަށް އަންގާފައި އޮންނަނީ ކައިވެނިކުރުމަށާއި ދަރިން ހޯދުމުގެ ކުރިންވެސް ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަނެއް މުވައްސަސާއެއްގެ ވެރިޔަކަށް، ކިޔެވެނު އެއްޗެއްގެ ސަބަބުން ނަމަވެސް، “ވަން ޗައިލްޑް ޕޮލިސީ” ފަޚުރުވެރިކަމާއެކު ޕްރޮމޯޓުކޮށް ދީނަށް ލޯބިކުރުމުގެ ގޮތުން ތުނބުޅި ދިގުކޮށް ފައިކުރި ކުރުކުރާ އަދި ކަޅު ހެދުންލާ މުވައްޒަފުންނަށް ހަޖޫޖަހަމުންގޮސް އެންމެފަހުން ނުވިތާކަށް އެތަނުގެ ޔުނިފޯމުވެސް ޔޫރަޕުގެ ރީތި ޑިޒައިނަކަށް ބަދަލުކޮށްލީއެވެ. ހިންދޫންގެ އަޢުލަބިއްޔަތު އޮންނަ އިންޑިއާގައި އެތާގެ ސިކުންގެ މީހުންނަށް ޓާބަން އަޅައިގެން އެގައުމުގެ ކޮންމެ ދާއިރާއެއްގައިވެސް މަސައްކަތްކުރެވޭއިރު ސައްތަ އިން ސައްތަ މިދިވެހިރާއްޖޭގައި ދީނަށް ލޯބިކުރަން ބޭނުންމީހާ އަށް އެފުރުޞަތެއްވެސް ނެތެވެ. އަދި ބައެއް މުވައްސަސާތަކުން ވަޒީފާ ދިނުމުގެ ކުރިން އެވަޒީފާގައި ވަކިމުއްދަތަކަށް އުޅެންޖެހޭނެކަމަށް އިގްރާރު އެބަކުރުވައެވެ. މިނިވަން މުވައްސަސާއެއްގެ އަހަރީ ދުވަހުގެ ގޮތުގައި އެތަނުގެ ވެރިން ނިންމައިގެން އެމުވައްސަސާއަށް ވެރިން އައްޔަނުކުރި ދުވަސް ފާހަނގަކުރަމުން އެބަދެއެވެ. މިހެންގޮސް މިލިސްޓު ހުސްވާކަށް ނެތެވެ. މުޅިންވެސް ފެންނަން ހުރީ ގާނޫނާއި ޚިލާފު އަމަލުތަކެވެ.

މިސަރުކާރު ވެރިކަމަށް އައިސް މިފަދަ ބައެއް މައްސަލަތައް ބެލުމަށް ނިންމައި ޝަކުވާހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިއެވެ. ޝަކުވާހުށަހެޅުމަށް ހުޅުވާލާފައިވަނީ ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކައްޓަކައި ވަޒީފާއިން ވަކިކޮށް ނުވަތަ ފިޔަވަޅުއަޅާފައިވާ ފަރާތްތަކަށެވެ. އަޅުގަނޑުގެ ނަޒަރުގައި އައު ގާނޫނު އަސާސީ އަށް އަމަލުކުރަންފެށި ދުވަހުން ފެށިގެން މިސަރުކާރު އައުމާއި ހަމައަށް، ދިމާވެފައިހުރި މިފަދަ ހުރިހާ މައްސަލަތަކެއް ބަލައި ހައްގުތައް ގެއްލުނު ފަރާތްތަކުގެ ހައްގުތައް ހޯދައިދޭންޖެހެއެވެ. އަދި މީގެފަހުން އެފަދަ ގެއްލުމެއް މުވައްޒަފަކަށް ނުވަތަ ރައްޔިތަކަށް ނުލިބޭނެހެން ކަންކަން އިންތިޒާމްކުރަން ޖެހެއެވެ. ގާނޫނާއި ޚިލާފަށް އަމަލުކުރި ވެރިންނަށް ފިޔަވަޅު އަޅައި އެމީހުންގެ ފަރާތުން އެމުވައްސަސާތައް ހިމާޔަތްކުރަން ޖެހެއެވެ. އެހެންނޫނީ މިފަދަ މުވައްސަސާތަކާއިމެދު ރައްޔިތުންގެ ހުރި ޝަކުވާތަކައް ނިމުމެއް އައިސް އެމުވައްސަސާތަކައް ރައްޔިތުންގެ އިތުބާރު ލިބިގެންދާނެގޮތެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނަކީ އަނިޔާވެރިކަމާއި ދެކޮޅު އަދި ހަމަޔާއި އިންސާފަށް ލޯބިކުރާ ރައްޔިތުންތަކެކެވެ. މިކަމުގެ ހެކި އަޅުގަނޑުމެންނަށް މިއަދުވެސް މިދަނީ ފެންނަމުންނެވެ. އަނިޔާވެރިކަން ތާއަބަދަށް ދެމިގެން ނުދާނެކަމާއި ކޮންމެ މީހަކާއިވެސް އިންސާފު އަރައިހަމަކުރާނެކަން އެއީ ދުނިޔެމަތިން ފެންނަންއޮތް ހަގީގަތެކެވެ.

މިނިވަން މުވައްސަސާތައް އިސްލާހުކުރާނަމަ އެމުވައްސަސާތަކުގެ ބެލެނިވެރިޔަކު ހުންނާންޖެހެއެވެ. މިދެންނެވި މުވައްސަސާތަކައް ވެރިން އައްޔަންކުރުމާއި ވަކިކުރުމާއި ޖަވާބުދާރީ ކުރުމުގެ މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް މެދުވެރިވެގެން ކަމަށްވާތީ އެކޮމިޓީތައް މެދުވެރިވެގެން ނަމަވެސް މިނިޒާމް އިތުރަށް ފުރިހަމަވާންޖެހެއެވެ. މިނިވަން މުވައްސަސާތަކުން ކަންތައްތައް ކުރަނީ ގާނޫނާއި އެއްގޮތަށްތޯ ބެލޭނެ ނިޒާމެއް އޮންނަންޖެހެއެވެ. އެތަންތާގެ މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ފަސޭހައިން ބެލޭނެ ނިޒާމެއް އޮންނަންޖެހެއެވެ. އެމުވައްސަސާތަކާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް އޮންނަންޖެހެއެވެ. އެފަދަ މުވައްސަސާތަކުން ގާނޫނާއި ޚިލާފަށް މުވައްޒަފުންނާއި އަދި ރައްޔިތުންނާއި މެދު އަޅާފިޔަވަޅުތަކައް ޖަވާބުދާރީކުރުވަން ޖެހެއެވެ. އެމުވައްސަސާތަކައް ވެރިން އައްޔަން ކުރުމުގައި އެމީހުންގެ ތަޢުލީމާއި ތަޖުރިބާގެ އިތުރުން އެމީހުންގެ ސިޔާސީ ފިކުރަށް ބެލުމުގެ ބަދަލުގައި އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއި ދީންވެރިކަމާއި އަޚްލާގަށް ބެލުންވެސް މާމުހިއްމެވެ. އަދި ހުރިހާ މިނިވަން މުވައްސަސާތަކައްވެސް ވެރިން އަޔަނުކުރުމާއި ވަކިކުރުމާއި ޖަވާބުދާރިކުރުވުން، ތަފާތުކުރުމެއްނެތި އެއްއުސޫލަކުން ގެންދެވޭނެގޮތް ހަމަޖެހެން ޖެހެއެވެ. އެމުވައްސަސާތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ރައްޔިތުންގެ އިތުބާރުލިބިފައިވާ ތަންތަނަށް ވާން އެބަޖެހެއެވެ.