English Edition
Dhivehi Edition

އަންހެން ދަރިފުޅަށް އޭނާގެ ހިތްހެޔޮކަމާއި، ހިތްވަރުގަދަކަމާއި، ތެދުވެރިކަމުގެ ސިފަތަކަށް ތައުރީފުކުރިނަމަވެސް ބޭރުފުށުގެ ރީތިކަމަށް ސަނާ ނުކިޔާށެވެ.

ދަރިފުޅުގެ ވިސްނުންތޫނުކަމާއި ހަރުދަނާކަން ބަލައިގަނެ އެކަން ފާހަނގަ ކުރާށެވެ. ނަމަވެސް އޭނާއަށް “ވަރަށް ރީތި” ނުވަތަ “ވަރަށް ލޯބި” މިފަދައިން ބުނެ ނުދޭށެވެ. މިއީ އަލަކަށް ދެކެވޭ ވާހަކައެއް ނޫނެވެ. ކަމާއި ބެހޭ މާހިރުން ވަރަށް ކުރީއްސުރެ މިގޮތަށް ކަންތައް ނުކުރުމަށް ލަފާދީފައިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންގެ ބޭރުފުށުގެ ރީތިކަމަށް ޅައިރުއްސުރެ ތައުރީފު ކޮށް ހެދުމުގެ ސަބަބުން އެކުދިން ފަހުން އަމިއްލަ ރީތިކަމާއިމެދު ފިކުރުބޮޑުވެ، އެހެން ހުރިހާ ކަމަކަށްވުރެ ބޭރުފުށުގެ ރީތިކަން އިސްކުރަން މެދުވެރިވެއެވެ. އެކުދިންނަށް އޭގެ ސަބަބުން އަމިއްލަ މީހާގެ ކިބައިގައި ހުންނަ އެހެނިހެން ރަނގަޅު ކަންތައް ބަލައިގަތުމަށް ދަތިވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އަންހެން ދަރިފުޅަށް އޭނާގެ ރީތިކަމަށް ތައުރީފު ކުރުމުން އެކުދިންނަށް ދަސްކޮށްދެވެނީ އަންހެނެއްގެ އެންމެ މަތީ ކާމިޔާބީއަކީ، ނުވަތަ އަންހެނަކަށް އެންމެ މުހިންމު ކަމަކީ އޭނާގެ ބޭރުފުށުގެ ރީތިކަން ކަމަށެވެ. ކުދިންނަށް ތައުރީފު ކުރުމާއި ހިތްވަރު ދިނުމަކީ އެކުދިންގެ ނަފްސު ބިނާކުރުމަށާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގާއިމުކުރުމަށް މުހިންމު ކަމެއް ކަން ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް މިކަން ކުރުމުގައި އިސްކަންދޭންވީ ކުއްޖާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކަށް ތައުރީފުކޮށް، ބޭރުފުށުގެ ސިފަތަކަށް އިސްކަން ނުދިނުމަށެވެ.

ހީވާގޮތުން މިއީ ވަރަށް ކުޑަ ކަމެއް ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ކުދިންގެ ބޭރުފުށުގެ ސިފަތަކަށް ތައުރީފު ކޮށް ހެދުމުގެ ސަބަބުން، ހަޔާތުގެ ކޮންމެވެސް ހިސާބަކުން (ހާއްސަކޮށް އަންހެން ކުދިންނަށް) އެކުދިންގެ އަމިއްލަ ނަފްސާއިދޭތެރޭ ދެކޭގޮތަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ކުދިންނަށް އެކުދިންގެ ޝަޚުސިއްޔަތާއި ރަނގަޅުސިފަތަކަށް ލޯބި ކުރުމަށް ދަސްކޮށްދިނުމަކީ ނިހާޔަތަށް މުހިންމު ކަމެކެވެ.

އާންމު ގޮތެއްގައި ކުޑަ ފިރިހެން ކުދިންނަށް ތައުރީފު ކުރުމުގައި އަޅުގަނޑުމެން މަދުން ނޫނީ އެކުދިންގެ ރީތި ވާހަކަ، ނޫނީ އެކުދިން އަޅާ ހެދުމުގެ ރީތި ވާހަކަ ނުދައްކާ ކަން ފާހަނގަ ނުކުރެވޭތޯއެވެ؟ އެހެން ވީއިރު އަޅުގަނޑުމެން އަންހެން ކުދިންނަށް މިއ އުސޫލު ގެންގުޅެނީ ކީއްވެތޯއެވެ؟ ފިރިހެން ކުދިންނަށް އެކުދިން ވަރަށް “ހިތްވަރުގަދަ”، “މޮޅު”، ނުވަތަ “ބާރުގަދަ” ކަމަށް ބުނެދޭއިރު އަންހެން ކުދިންނަށް އެކުދިން ވަރަށް “ދޮން”، “ލޯބި”، “ޗާލު” ކަމަށް ބުނެދެނީ ކީއްވެގެންބާއެވެ؟ އަންހެން ކުދިންގެ ޤާބިލިއްޔަތުކަމުގެ މަތީ ކުޑައިރުއްސުރެ “ޖެންޑާ ސްޓީރިއޯ ޓައިޕިން” ގެ ފަރުދާ އަޅާ ފޮރުވަނީ ކީއްވެބާއެވެ؟

މިގޮތަށް ކަންތައް ވުމުގެ ސަބަބުން ގިނަ ފަހަރަށް އަންހެން ކުދިން އެކުދިންގެ ނަފްސަށް ކުރާ އިތުބާރު، އަމިއްލަ ޤާބިލިއްޔަތާމެދު ކުރާ އިތުބާރު ގެއްލި އެކުދިންނަށް ހިތްވަރުގަދަ، އެއްވެސް މީހެއްގެ މައްޗަށް ބަރޯސާނުވާ ޝަޚުސިއްޔަތެއް ބިނާކުރުމަށް ހުރަސް އެޅިގެންދާތަން އާދެއެވެ. އެކުދިންގެ ބޭރުފުށުގެ ސިފަތަކަކީ އެކުދިންގެ “އައިޑެންޓިޓީ” ކަމަށް ދެކެވި، އަމިއްލަ ހިތްވަރާއި ޤާބިލިއްޔަތުގެ ތެރެއިން ކާމިޔާބީ ނުހޯދޭނެކަމަށް އެކުދިންނަށް އިހުސާސްވެއެވެ.

ކުދިންނަށް ތައުރީފު ކުރުމަކީ ތާއަބަދު އެކަމާ މެދު އެކި ގޮތްގޮތަށް ބަހުސް ކުރެވެމުން އަންނަ މައުޝޫއެކެވެ. ނަމަވެސް، އަންހެން ކުދިންނަށް ތައުރީފު ކުރުމުގައި ބޭނުން ކުރާ ދެތިން ބަހެއްގެ ތަފާތަކުންވެސް އެކުދިންގެ މުޅި ހަޔާތް ބައްޓަން ކުރެވޭ ގޮތް ބަދަލު ވެދާނެ ކަން ހަނދުމަ ބެހެއްޓުން މުހިންމެވެ.