English Edition
Dhivehi Edition

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވަމުން އަންނަ އިރު މުޖުތަމައުގައި ތިބި ޒުވާން އަދި ހަރުދަނާ، ގާބިލް ގިނަ ދަރިންތަކެއް ސާބިތު ކަމާއެކު އިޖުތިމާއީ ޚިދުމަތުގައި ނިކުމެ ލީޑަރޝިޕްގެ އިސް ސަފުގައި ހަރަކާތްތެރިވުމަށް މަސައްކަތް ކުރާތަން ފެނިގެން ދެއެވެ. ލިބިފައި ހުރި ތަޖުރިބާއާއި އުނގެނިފައިވާ އެއްޗެއްގެ ބޭނުންކޮށްގެން ތިމާގެ ފަރާތުން މުޖުތަމައަށް ލާބައާއި ފައިދާ ހުރި ކަމެއް ކޮށްދެވޭތޯ އަތުކުރި އޮޅާލައެވެ. އަމިއްލަ ފަސްގަނޑަށް ކަމެއް ކޮށްދެވޭނެ ފުރުސަތެއް ލިބުން އެދި ރައްޔިތުންނަށް އާދޭސް ކުރާތަން ފެނެއެވެ.

މިފަހަރުގެ އިންތިޚާބު ފޯރީގެ ތެރެއިން ފެނިގެންދާ ކުޅަދާނަ އަދި ހުނަރުވެރި އެއް ޒުވާނަކީ އައްޑޫސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އަޙްމަދު ހިޞާމް އެވެ. އިލްމީ، ގާބިލް، ހުނަރުވެރި ޒުވާނެކެވެ. އުގެނުމާއި، އުނގަންނައިދިނުމާއި، އިޖްތިމާޢީ ގޮތުން ޚިދުމަތްތެރިއަކަށް ވާން ބޭނުންވާ ހިޞާމް އަކީ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ ހުނަރު ވެސް ދައްކުވައިދެމުން ގެންދާ ނަމޫނާ ފަރާތެކެވެ.

އައްޑޫސިޓީގައި ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށްފަހު މަތީ ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔަ ހިޞާމް ވަނީ ޢުމުރުން ސޯޅަ އަހަރުގައި ރާއްޖެއިން ބޭރަށް ގޮސް ހިތްވަރާއެކު މަސައްކަތް ކޮށް، ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ބެޗެލާރ އޮފް އާރޓްސް (އޯނާސް) އިން އިންޓަނޭޝަނަލް ބިސްނެސް ޑިގްރީ ޕްރޮގްރާމުގެ މުޅިކޯހުން އެއްވަނަ ހޯދާ، މޯސްޓް އައުޓް ސްޓޭންޑިންގ ސްޓޫޑެންޓް އެވޯޑާއި، އެވޯޑް އޮފް އެކްސެލެންސް ހޯދާފައެވެ. ހަމަ މިއާއެކު އަމިއްލަ ބުރަ މަސައްކަތުން ތައިލެންޑް ސަރުކާރުން ހޯދި ސްކޯލަރޝިޕެއްގައި އެގައުމުގެ ލީޑިންގް ޔުނިވާސިޓީއެއް ކަމުގައި ރަންގްސިޓް ޔުނިވާސިޓީ އިން މާސްޓަރސް އިން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕަބްލިކް ޕޮލިސީ އިން، ދުނިޔޭގެ 13 ގައުމެއްގެ ދަރިވަރުންނާއި އެއްކުލާހެއްގައި ވާދަކޮށް ހިޞާމް ވަނީ ކޯހުން ވަނަ ހާސިލްކޮށްފައެވެ. އަދި ތަފާތު ގިނަ ދާއިރާ ތަކުން ތަމްރީން އާއި ހުނަރު އިތުރުކުރުމުގެ ކޯސްތަކުގައި ބައިވެރިވި ހިސާމު ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅުން ހުރި ޕްރޮގްރާމްތަކާއި، އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ޕްރޮގްރާމް ތަކާއި، ޕަބްލިކް ސްޕީކިން އަދި ކިޔަވައިދިނުމުގެ ހުނަރުތަކާއި ގުޅޭ ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ. މީގެ ދެއަހަރުކުރިން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ހިސާމު ވަނީ ނިއުޒިލޭންޑް ގެ ވިކްޓޯރިއާ ޔުނިވާސިޓީން ޕީ.އެޗް.ޑީ އިން ގަވާންނެންސް އަށް ޕްލޭސްމެންޓް ހޯދާފައެވެ ނަމަވެސް ހިޞާމް ނިންމީ، މީގެ ތިން އަހަރު ކުރިން ، އަންހެނުން އަދި ތިން ދަރިންނާއި އެކު، އައްޑޫ ސިޓީ އަށް ދިރިއުޅުން ބަދަލުކޮށް ހިޞާާމް ނިސްބަތްވާ ހިތަދޫގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަޒުމު ކަނޑައަޅާ އެމަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ.

” ނިއުޒިލޭންޑް އެއިޑް ޕްރޮގްރާމްތެރެއިން، ހިލޭ ޕީއެޗްޑިއަށް ކިޔެވުމަށް ސްކޯލަރޝިޕެއް ހޯދިން. ނ ނަމަވެސް އަޅުގަނޑު ނިންމީ އަޅުގަނޑުގެ ދަރީންގެ ޅަފަތުގެ ތަޢްލީމާއި ދުވަސްތައް އަމިއްލަ ވަޒަނުގައި ތަޖްރިބާ ކުރުމުގެ މަގުފަހިކޮށް ދިނުމަށް. ދެން ރަށަށް ބަދަލުވެ ހޭދަކުރި ތިން އަހަރު ވަރަށް ބޮޑަށް އިޙްސާސްކުރެވުނު އަޅުގަނޑުމެންގެ މުޖްތަމަޢް، އަޅުގަނޑުމެން ފަދަ ޒުވާނުންނަށް ޖެހިފައިވާ މިންވަރު.ނަމަވެސް އުއްމީދަކީ، މުސްތަޤްބަލުގެ ކޮންމެވެސް ހިސާބަކުން އަޅުގަނޑަށް މިކަން ޙާޞިލުވުން. އަޅުގަނޑު އޭރު ޕީއެޗްޑީ އަށް ރިސާރޗް ޕރޮޕޯސަލް ހުށަހަޅާފަ އިންނާނީ ، ކުދި ޖަޒީރާ ޤައުމުތަކުގައި ޑީސެންޓްރަލައިޒޭޝަން އަދި ލޯކަލް ގަވަނެންސް ގެ މެޝާސްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ތަރައްޤީ ހޯދުމާއި ގުޅޭގޮތުން” އޭއޯ ނިއުސް އަށް ދިން ބަސްދީ ގަތުމެއްގައި ހިސާމު ކިޔައިދިނެވެ

އެންމެ ކުޑައިރު ޕައިލެޓަކަށް ވާން ބޭނުންވިނަމަވެސް ހިޞާމް ޚާއްސަވެގެން ދިޔައީ ވިޔަފާރި އާއި އިޤްތިޞާދީ އަދި ސިޔާސީ ރެވުންތެރިކަމުގެ މައްޗަށެވ. އާއިލާއިން ދުރުގައި ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނު އިރު ވެސް ހިސާމު އަބަދުވެސް ދިޔައީ ކޮންމެވެސް މަސައްކަތެއް ކުރެވޭތޯ ބަލަމުންނެވެ.

“އަޅުގަނޑަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހުންނާއި ޙިއްސާކޮށް، ބޭނުން ހިފިގެން ދިއުމުން ކިތައްމެހާ ވެސް އުފާވެރިކަން އިޙްސާސްކުރެވޭ. ހަމަ އެހެންމެ އޭގެ ސަބަބުން އިތުރުކަންކަމާއި ހުނަރު ދަސްވާ ކަމެއް. ތަފާތު ވިސްނުމުން ކަންކަން ވިސްނައިގަންނަން ފުރުޞަތު ލިބޭކަމެއް. ޚިޔާލު ބަދަލުކޮށްލަން ވެސް ލިބޭ ރަނުގެ ފުރުޞަތެއް. އޭގެ ސަބަބުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ޙައްލު ހޯދޭ ” ހިސާމު ބުންޏެވެ.

ގައުމީ ޔުނިވާސިޓީގެ ސެންޓަރ ފޯރ އޯޕެން ލާރނިންގ އިން ތައްޔާރުކުރި އެންމެ ފުރަތަމަ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ކަމުގައިވާ، މާސްޓަރސް އިން ސޯޝަލް ޕޮލިސީ ޕްރޮގްރާމްގެ، ހިއުމަން ރައިޓްސް އަދި ސޯޝަލް ބަޖެޓިންގ ގެ މޮޑިއުލްތަކާއި، ފެކަލްޓީ އޮފް އާރޓްސް ގެ ޖާނަލިޒަމް ޕްރޮގްރާމްގެ މޮޑިއުލްތައް ކަމުގައިވާ އެތިކަލް ރިޕޯރޓިންގ އޮން ވިމެން އެންޑް ޗިލްޑްރެންސް އިޝޫސް އާއި މާކެޓިން މެނޭޖްމެންޓް ފަދަ މޮޑިއުލް ތަކުގެ ކިޔަވައިދިނުމުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރކުުރުމުގައި ހިސާމުގެ ދައުރު ވަރަށް ބޮޑެވެ. މި މޮޑިއުލް ތަކުގެ އިތުރުން، ޔުނިވާސިޓީގެ އެހެން ގިނަ ފެކަލްޓީ ތަކުގައި ތަފާތު އެކި ކަހަލަ މޮޑިއުލް ތަކުގައި ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކޮށް އަދި މިހާރު ވެސް ވިލާ ކޮލެޖް ހިތަދޫ ކެމްޕަހުގައި ހިއުމަން ރިސޯސް މެނޭގްމެންޓް، ރިސާރޗް މެތަޑްސް އަދި ބިސްނެސް މެނޭޖްމެންޓް ފަދަ މާއްދާތައް ގެސްޓް ލެކްޗަރާރ އެއްގެ ގޮތުގައި ހިޞާމް ދަނީ ކިޔަވައި ދެމުންނެވެ..

ހިސާމަކީ ކުރާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް 100 ޕަސެންޓް ދެވޭތޯ ބަލާ މީހެއް ކަމަށް އޭނާ ކިޔައިދިނެވެ.

“ތިއޮރެޓިކަލީ ބުނަންޏާމު، އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ ޕިލޯސަފީ އެއް ކޮންޓިނުއަސް-އިމްޕްރޫވްމެންޓް އެއީ. މާނަ އަކީ އަބަދުވެސް ކަމަކަށް ބަދަލު ގެނެސް ކަންކުރުމުގައި ގިނަބަޔަކަށް ބޮޑު ލުޔެއް ލިބޭކަންކަން ޓެސްޓްކޮށް އެކަންކަން ކުރިއަރުވަން މަސައްކަތް ކުރާ މިހެއްގެ ގޮތުގައި ހުންނަން ބޭނުންވޭ. ކޮންމެ ދުވަހަކުވެސް، ހޭލާފަ ހިތަށް އަރާ، މިއަދު ކޮންކަމެއްހޭ ކުރެވޭނީ އެފަދަ ކަމަކަށް”

ސްކޫލް ދައުރުން ފެށިގެން ލީޑަރޝިޕްގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކޮށްފައިވާ ހިސާމަކީ ސްޓޫޑެންޓް ޔޫނިއަން ތަކުގައި ވެސް ވަރަށް އެކްޓިވް ރޯލެއް ކުޅުނު ހީވާގި ދަރިވަރެކެވެ.

” ޔުނިވާސިޓީ ލެވެލްގައި ކެމްޕޭންކޮށް، ދުނިޔޭގެ އެތައްޤައުމެއްގެ އެތަކެއް ސަތޭކަ ކުދިން ކުރިމަތީގައި ، ސްޕީޗްތައް ދީ ހަދަން. އޭރު އަޅުގަނޑުމެންގެ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް އަކަށް ހުރިން. އަދި ޔޫނިއަންގެ ނައިބް ރައީސްކަން ވެސް ކުރިން. އެއީ ލީޑަރޝިޕްގެ މުޅީން ތަފާތު ތަޖްރިބާތަކެއް ކުރެވުނު ދުވަސްވަރެއް ” ހިސާމު ކިޔައިދިނެވެ.

އައްޑޫގައި ކުރިއަށް ގެންދާ އިޖުތިމާއީ ކޮންމެ ހަރަކާތެއްގައި އަބަދުވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން އަންނަ ހިސާމް މުސްތަޤްބަލަށް ކުރާ އުއްމީދަކީ އިޖްތިމާޢީ އަދީ ސިޔާސީ ޚިދުމަތްތެރި އަކަށް ވުމެވެ

“ފައިދާ ހުރި ރަނގަޅު ކަންކަން ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދޭ މީހަކަށް ވުމަށް ބޭނުމީ. ޕޮލިޓިކްސް އެބަސް މިއަންނާނީ ސިޔާސަތުތައް ރޭވުމާއި އެކުލަވާލުމުގެ ތެރެއިން. އަޅުގަނޑުގެ ތަޢުލީމީ ޙަޔާތް ވަރަށް ބޮޑަށް ބައްޓަން ވެފައި ހުރީ، އެފަދަ ކަންކަން ދަސްކުރުމަށް ކަމަށް ވީއިރު، އެފަދަ ފުރުޞަތެއް ލިބި ރައްޔިތުންނާއި ގުޅިގެން އަޅުގަނޑުގެ މުޖްތަމަށް ކަންކަން ކޮށްދިނުމަކީ ވަރަށް ބޮޑު ހުވަފެނެއް. އަދި ޒުވާން ޖީލު މިފަދަ ކަންކަމުގައި އުޅެންޖެހޭ ކަމުގައި ޤަބޫލުކުރަން.”

ހިޞާމް ގެ މިވަގުތުގެ ފޯކަސް ހުރީ ރައްޔިތުންގެ މަޖިލީސް ތެރެއަށް ވަންނުމަށެވެ. އެގޮތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީސްގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ހިޞާމް ވަނީ ނިންމާފައެވެ.

” އުއްމީދަކީ ކާމިޔާބު ލިބުން. ﷲ ގެ އިރާދަފުޅުން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރާނަން. އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަކީ، ވަރަށް ބޮޑު ޒިންމާއެއް. އެތަމްސީލު ކުރަނީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ އިޙްސާސްތަކާއި ބޭނުންތައް. މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނާއި ސަރުކާރާއި ކަމާއި ބެހޭ އިދާރާތަކާއި ގުޅުވައިދޭ އެންމެ މުހިއްމު ލިންކް. ކެބިނެޓް މެމްބަރުންނާއި، ވުޒާތަކާއި ގުޅިގެން ކަންކަން ރާވާ ހިންގެންވާނެ. ގިނަގުނަ މަޝްވަރާތައް ކުރެވެން ޖެހޭނެ. ހަރުދަނާކަމާއި ރޭވުންތެރި ކަމާއިއެކު ގާނޫނުތައް އެކުލަވާލުމުގައި، ދުނިޔެ ގަބޫލުކުރާ، އަދި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި، އިސްލާމީ އުސޫލްތަކާއި ޚިލާފު ނުވާނެފަދަ ގޮތެއްގެ މަތިން ގާނޫތައް ހެދުމުގައާއި ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރެވޭތޯ ބަލާ، އެފަދަ ބަހުސްތަކުގައި އެންމެ އެދެވޭގޮތެއްގައި ބައިވެރިވާން ވާނެ. އަދި ތަރައްޤީއަށް ޓަކައި ކޮމިޓީތަކުގައި ކުރެވޭ ބަހުސްތަކުގައި ދާއިރާގެ ރައްޔިތުންގެ ޙައްގުގައި އާއި މުޅި ދިވެހި އެންމެހާ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކޮށް ހިތްވަރު ދޭންވާނެ. އަދި އެފަދަ ތަރައްގީގެ ޕްލޭންތަކަށް ހުރަސްއަޅާ ފަރާތެއް ކަމުގައި ވެގެން ނުވާނެ” އިންތިޚާބުގައި ވާދަކުރުމަށް ހީވާގި ކަމާއި އެކު މަސައްކަތް ކުރަމުން އަންނަ ހިޞާމް ކިޔައިދިނެވެ.

ޒުވާނުންގެ ކަންކަން އެންމެ ބޮޑަށް އެނގޭނީ ޒުވާނުންނަށެވެ. އެމްޑީޕީ މަޖްލީސް ޕްރައިމަރީ 2019 އަށް، ހިސާމު ފަދަ ގާބިލް ޒުވާނުން އެދިއެދި ތިބީ ފުރުސަތަކަށެވެ! ޒުވާނުންނަކީ ގައުމުގެ ރައުސުލްމާލު ކަމަށްވާއިރު ގައުމު އެދެނީ މިފަދަ އަގުހުރި ދަރިންނަށް ކަން ޔަގީނެވެ!

1 ކޮމެންޓް
ްްްްއަލީ އަހްމަދު
ޑިސެމްބަރު 11, 2018
ވަރަށް ރަނގަޅު. ގާބިލް ޒުވާނުން ނިކުތުމަކީ އާ ހިތްވަރެއް!