ދިރާގުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ނޮޅިވަރަމުގައި ރަސްމީކޮށް ތައާރަފް ކޮށްފިއެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ހދ. ނޮޅިވަރަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދުއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި އެ ޚިދުމަތް މިހާރު ނޮޅިވަރަމްގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް ފުރިހަމަޔަށް ލިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. އެގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނޭކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިވާކަމަށް ދިރާގުން ހާމަކުރެއެވެ.