English Edition
Dhivehi Edition

ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ރަޝީދު، ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިނިވަން ކުރަން ސަރުކާރުން ނިންމުމާ އެކު ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފިއެވެ

ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ހޯރަ އިއްބެ ދޫކޮށްލުމަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަންނަވަންވި އެއް ވައުދު ކަމަށްވާ ކޮންމެ މީހަކަށްމެ ހަމަހަމަކަމާއި އިންސާފުން އަމަލު ކުރާނެ ކަމަށްވި ވައުދާއި ހިލާފްކަމެއްކަމަށެވެ. އަދި ޝަރުޢީ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމަށްވި ވައުދާއި ދެކޮޅަށް ޝަރުޢީ ޙުކުމެއް ޤާނޫނީ ވަރަށް ޒަރޫރީ ހާލަތެއް އުފަންކޮށް އުވާލަނީ ކީއްވެތޯ ވިދާޅުވެ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރުން ބައެއް މީހުން ބުނެފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ނުކުރައްވާނެ ކަމަށް ކުރިން ވައުދުވެ ވަޑައިގެންފައި ވާއިރު މަގާމުގެ ސަބަބުން ލިބިވަޑައިގަންނަވާ ވަަރަށް ހަނި ބާރެއް ބޭނުން ކުރައްވައިގެން ބޮޑު ކުށްވެރިޔަކު ދޫކޮށްލާއިރު އިއްޔެ ވެވަޑައިގެންނެވި ވައުދު މަތިން ހަނދާންކުރަންޖެހޭނެކަމަށެވެ

އިއްޔެ ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ހޯރަ އިއްބެގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމެވީ 2016 ވަނަ އަހަރު އޭނާ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ. ނަމަވެސް އޭނާ މިނިވަން ކުރާނެ ސީދާ ދުވަހެއް އިއުލާންކޮށްފައި ނުވާއިރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނިންމެވި ނިންމެވުން ބަދަލުކޮށް އޭނާ ބަންދުން ދޫކޮށް ނުލުމަށް ގޮވާލާ ޕެޓިޝަނެއްގައިވެސް ވަނީ ސޮއިކުރަން ފަށާފައެވެ. އާވާޒް.ކޮމްގައި ހުޅުވާލާފައިވާ ޕެޓިޝަނުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް ބަލާ އިރު ވެސް މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ

އިއްޔެ ރައީސް ނިންމަވާފައި ވަނީ ހޯރަ އިއްބެ އަށް އިއްވާފައިވާ ޖަލު ހުކުމުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މާފުކޮށްދެއްވުމަށެވެ. އެގޮތަށް އަދަބު ލުއިކޮށްދީފައި އެވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ރައީސަށް ވެސް މާފް ނުދެއްވޭ ކުށަކަށް ވާތީ އެވެ. ނަމަވެސް މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެފަދަ ކުށްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ

ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވެ އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ޖެނުއަރީ 12، 2013 ގަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 8، 2023 ގަ އެވެ

އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ..